ވެރިކަން ކުރުމުގެ ހުވަފެނަކީ ކޮންމެ މީހަކު ދެކޭނެ ހުވަފެނެއް ނޫނެވެ. އެކަމަކު އެމީހެއްގެ ސައިޒުން އެހުވަފެން ދެކޭ މީހުން އެންމެ ކުޑައިރުން ފެށިގެންވެސް ކުރިމަގު ރާވާނީ ވެރިކަމުގެ ދުނިޔެއަށެވެ.
ބ.މާޅޮހު އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރގެ މަގާމް ނުވަތަ ޒިންމާދާރު ވެރިޔާ މުހައްމަދު ސައީދު އަކީ މި ހުވަފެން އެންމެ ކުޑައިރުން ފެށިގެން ދެކެމުން އައި އެކެކެވެ. ބޭނުންވީ އޭނާގެ އިސްކޮޅާ އެއްވަރުގެ ވެރިކަމެކެވެ. މުޖްތަމައުގައި އޭނާ ހިމެނޭ މަގާމަށް ހެޔޮވަރުގެ ވެރިކަމެކެވެ. އެހިސާބަށް އާދެވިއްޖެއެވެ. ދެން މިއަށްވުރެ އުހަށް ހިނގައްޖެނަމަ ވެއްޓިދާނެތީވެ އޭނާ ހުރީ ހިމޭނުންނެވެ.
އުމުރުން އެންމެ ނުވަ އަހަރުގައި އަތޮޅުގެ އާބާދީ އެންމެ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ މާޅޮހުން އޭދަފުށީ ބަހިއްޔާ އަށް ކިޔަވަން ދެވުމުގެ ނަސީބު ލިބުމަކީ އާދައިގެ މީހަކަށް އެހާ ފަސޭހަ ކަމަކަށް ނުވިޔަސް ސައީދުއަށް އަށް މި ނަސީބު މިންވަރު ކުރެއްވުމަކީ ހުވަފެން ކާމިޔާބު ކުރުމަށް ލިބުނު ވަރަށް ހިތްވަރެކެވެ. އޭނާގެ ރަށުގައި ވެރިކަމުގެ ފުރާޅުގެ ދަށުގައި ނަގާކިޔަން ތިއްބެވީ މުޅިންވެސް ބަހިއްޔާގެ މުސްކުޅި ދަރިވަރުންކަމަށް ވާއިރު އޭނާއަށް ވެސް އެނަސީބު ލިބެން ޖެހޭނެކަމަށް ދެކޭތީއެވެ.
ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫންކަން ދިވެހި ހަރު ބަހެއްގައި އޮންނަ ފަދައިން އެ ބަސް ގަބޫލު ކޮށްގެން 1982ވަނަ އަހަރު އޭދަފުށީ ބަހިއްޔާ ސްކޫލްގެ އިލްމީ ދޮރާށިން އޭނާ އެތެރެ ވިއެވެ.
އޭރު ބަހިއްޔާގެ މަތީ ކްލާސްތަކުގެ ދިވެހި ޓީޗަރަކީ އޭދަފުށީ މުހައްމަދު ނަސީރުއެވެ. އެއް ދުވަހު ދިވެހި ގަޑި ޚާއްސަ ވެފައި އޮތީ ކުއްލި މައުޟޫއަށް ވާހަކަ ދެއްކުމެވެ. ސައީދުއަށް ޖެހުނީ ކަތީބެއްގެ ގޮތުން ރައްޔިތުންނާ ވާހަކަ ދައްކާށެވެ. އަނެއްކާވެސް ވެރިކަމުގެ ދާއިރާ އޭނާއަށް ހަދާން ކޮށްދިނީއެވެ. އެމައުޟޫއަށް ވާހަކަ ދައްކަން ޖެހުމުން ކުޑަކޮށް ޖެހިލުންވެ އިސް ޖަހާލެވުނެވެ. އެވަގުތު މުދައްރިސް ބުނުއްވިއެވެ. “ސައީދު. ކަލޭގެ ކުރިމަތީގައި އެތިބީ މާޅޮހުގެ ރައްޔިތުންކަމުގައި ހީކޮށްލާ. އަދި ތިޔައީ މާޅޮހުގެ ކަތީބު. މިއަހަރު މާޅޮހުގެ ތަރައްގީގެ ޕްލޭން އާއި ރަށުގެ އާއްމު ހާލަތު ރަނގަޅު ކުރުމަށް ކުރަން ނިންމާފައި ހުރި ކަންކަން ރައްޔިތުންނަށް ކިޔައިދީ. ”
“އެހިސާބުން ހަގީގަތުގައިވެސް އަޅުގަނޑަށް ވެރިއެއްގެ އިހްސާސްތައް ކުރެވި ވަގުތުން ފަށައިގަތީ. ”
ވާހަކަ ދައްކާ ނިމުމާއެކު މުދައްރިސް ނަސީރު އަޅުގަނޑު ގާތު، ވިދާޅުވި “ތިޔައީ މުސްތަގްބަލުގައި މާޅޮހުގެ ވެރިކަން ކުރާނެ މީހެކޭ އެ ފެންވަރާއި ހިތްވަރު އެބަހުއްޓޭ ” އެހަނދާން މިހާރު ވެސް އާވެއާވެ ހުންނަނީ އެއީ އަޅުގަނޑުގެ ދިރިއުޅުމުގެ މަގު ޗާޓް ބަދަލުކޮށްލި ހާދިސާ ކަމަށް ވާތީއެވެ.
ބަހިއްޔާ އިން ކިޔަވައި ނިމުމާއެކު ނަސީބު ފުރަތަމަ ފަހަރަށް ހިނިތުން ވެލީ އުމުރުން 16 އަހަރުގައި ލިބުނު މާޅޮހު އޮފީހުގެ ކާތިބެއްގެ ވަޒީފާ އާއެކުގައެވެ.
އެއީ ފެށުމެވެ. އެހެން ގޮތަކަށް ބުނާނަމަ އެއީ އޭނާ ބޭނުންވާ ދާއިރާއިން ކުރިއަށް ދިއުމަށް އެޅި ފުރަތަމަ ފިޔަވަޅެވެ. އެކަމަކު ސައީދު ބޭނުންވަނީ އެއަށް ވުރެ މާދުރަށް ދާށެވެ. ރައްޔިތުންނަށް ޚިދުމަތް ކުރެވޭ ފަދަ ފަހުބަސް ބުނާ ، ޒިންމާދާރު މަގާމަކާ ހަމައަށެވެ. އެހެންވެ ވަޒީފާ ގައި ހުރެގެން އިތުރަށް ކިޔެވޭނެ ފުރުސަތަކަށް ހުރީ ބަލަބަލައެވެ. ވަގުތުގެ އަޅުވެތިކަމުގައި ހަ އަހަރު ވޭތުކުރިފަހުން އޭނާގެ އުއްމީދު ތަކުގައި ފުރާނަ އެޅުނެވެ. މާލެ ބަދަލުވެ، 1992 ވަނަ އަހަރު އަރަބިއްޔާ ސްކޫލުން ހިންގި ތަރުބިޔާ އިސްލާމިއްޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެން ދިޔައެވެ.
ރާއްޖޭގެ ކޮންމެ ރަށަކަށް އިސްލާމް މުދައްރިސަކު ތައްޔާރު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ހިންގި ކޯހުގެ ދެވަނަ ބުރުގައި ބައިވެރި ވެވޭގޮތް ވީއެވެ.
އަނެއްކާވެސް އޭނާ ޝުކުރުވެރިކަމާއެކު ފާހަގަ ކުރީ ތައުލީމީ ހަޔާތުގެ ބިންގާ އަޅައިދިން މަދްރަސަތުލް ބަހިއްޔާއެވެ. ” އެކޯހުގައި ބައިވެރި ވެވެނީ އެތަނުން ދޭ ޓެސްޓަކުން ފާސްވެގެން. ނަސީބު ދިމާކުރި ގޮތުން އެއީ ބަހިއްޔާގެ ގްރޭޑް 5 ގައި އައި ޓެސްޓެއް. ގިނައިން ހުރީ ތައުލީމުއް ދިޔާނާ ފޮތުގައި ހުންނަ މައުލޫމާތު. “ސައީދުވިދާޅުވިއެެވެ.
ޓެސްޓުން ފާސްވުމާއެކު ލިބުނު ދެ އަހަރު ދުވަހުގެ އެކޯސް ނިންމާލުމަށްފަހު ސައީދު ފުރަތަމަ އަދާކުރީ މައުހަދުއްދިރާސާތިލް އިސްލާމިއްޔާގެ ޤުރުއާން މުދައްރިސް ކަމެވެ.
ސައީދު ވިދާޅުވާގޮތުން ނަމަ ކުރިއަށް މިދެވެނީ ރަނގަޅު މަގުން ކަމަށް ވިޔަސް މިއީ އޭނާގެ މަންޒިލެއް ނޫނެވެ. އެހެންވީމާ އެމަގަށް އެނބުރި އައުމުގެ މަސައްކަތް ފެށިއެވެ.
ދުވަސްވަރަކީ ރާއްޖެތެރޭގެ ވެރިން ތަމްރީންކުރާ ކޯސް އޭރުގެ އެމްސީއެމް އޭ މިހާރުގެ ގޮތުން ނަމަ ފެކަލްޓީ އޮފް މެނޭޖްމަންޓް ހިންގަވަމުން ގެންދެވި ދުވަސްވަރެވެ. އެކޯހުގައި ބައިވެރި ވެވިއްޖެނަމަ އެއޮތީ މަންޒިލާ ހަމައަށް އާދެވިފައެވެ.
ސައީދު ، އަރަބިއްޔާގައި މުދައްރިސެއްގެ ވަޒީފާ އަދާކުރަނީ މެންދުރު ކުރީގައެވެ. މެންދުރު ފަސް މުޅިން ހުސްކޮށް އޮންނާތީ ވަގުތުގެ ސުވާލެއް ނެތެވެ. މައްސަލަ އަކީ އެކޯސް ހިންގަވަމުން ގެންދެވީ ކަތީބު ކަމުގެ ވަޒީފާގައި ދެމި ތިއްބެވި ކަތީބު ކަމުގެ ސަނަދު ނެތް މީހުންނަށް ކަމަށް ވާތީއެވެ. އެކަމަކު ނަސީބުގައި ވަކަރު ޖަހާލުމުގެ ގޮތުން ފެކަލްޓީ އޮފް މެނޭޖްމަންޓް ހިންގަވަމުން ގެންދެވި މަރްހޫމް ޒަމީރު އަރިހަށް ގޮސް ކޯހުގައި ބައިވެރިވެވޭނެ ގޮތެއް ވޭތޯ މަސައްކަތް ކުރެއްވިއެވެ.
“އަޅުގަނޑު ދެންނެވީ ބޭނުމޭ ކަތީބުކަން ކުރަން. ކޯހުގައި ބައިވެރިވެވޭނެ ގޮތެއް ހައްދަވައިދެއްވާށޭ. ”
ޒަމީރު ޖަވާބުދެއްވީ އޭނާ ހީކުރި ގޮތަށެވެ. އެއީ ކަތީބުންނަށް ޚާއްސަކޮށްގެން އެޓޮލްސް މިނިސްޓްރީގެ އެދިވަޑައިގަތުމަށް ހިންގަވާ ކޯހެއްކަމުގައެވެ. އެކަމަކު އުއްމީދެއްވެސް ދެއްވިއެވެ.
އެމްސީއެމްއޭ ގެ އެންމެ އިސްވެރިޔާއާ ތިޔަކަމާ ބެހޭގޮތުން ވާހަކަ ދައްކާލާނަމޭ ވިދާޅުވިއެވެ.
އެކޯހުގައި ބައިވެރިވުމުގެ ފުރުސަތު ޒަމީރު ހޯއްދަވައިދެއްވިއެވެ. އަޖުމަ ބަލާލުމުގެ ގޮތުން އަމިއްލަ ގޮތުން އެކަކު ބައިވެރި ކުރަން ނިންމެވުމުންނެވެ.
29 ކަތީބުންގެ އިތުރުން އަމިއްލަގޮތުން ބައިވެރިވި ސައީދު އާއެކު އެކޯސް ނިންމުމުގެ ޖަލްސާގެ ހަނދާން ތަކާއެކު ސައީދު ވިދާޅުވިއެވެ. ” ކަތީބުންގެ ނަންތައް އިއުލާނުކޮށް އެބޭފުޅުންނަށް ސެޓިފިކެޓް ހަވާލު ކުރުމަށްފަހު އަޅުގަނޑާބެހޭ ތައާރަފެއް އިވިގެން ދިޔައިރު ވިދާޅުވީ މިއީ ޚިދުމަތުގައި ނޫޅުއްވާ ހަމައެކަނި އަމިއްލަ ގޮތުން ބައިވެރިވި، ވެރިން ތަމްރީނު ކުރާ ކޯސް ފުރިހަމަ ކުރެއްވި ފުރަތަމަ ބައިވެރިޔާ ކަމަށް. ”
މި އަޑު އެޓޮލްސް މިނިސްޓަރ އަލްމަރްހޫމް އަބްދުﷲ ޙަމީދުގެ ސަމާލުކަމަށް އައިސް އަޅުގަނޑަށް ބައްލަވާލެއްވިއެވެ.
ސައިގެ ވަގުތު ހަމީދު އަޅުގަޑަށް އިޝާރާތް ކޮށްލެއްވިއެވެ. އަޅުގަނޑު ތައާރަފްކޮށް ދެއްވީ ޒަމީރުއެވެ. އަމިއްލަ ގޮތުން ކޯސް ފުރިހަމަ ކުރި ކުއްޖެއްކަމާއި އެންމެ ނަތީޖާ ރަނގަޅު ވެފައި އުމުރުންވެސް އެންމެ ހަގީ އަޅުގަނޑުކަމަށް ޒަމީރު ދެންނެވިއެވެ. އޭރު ސައީދުގެ އުމުރަކީ 26 އަހަރެވެ.
ހަމީދު އެދިވަޑައިގަތީ ކެންދޫގެ ކަތީބުކަމުގެ މަގާމު ހުސްކޮށް އޮތުމާއެކު އަވަހަށް ކެންދޫގެ ކަތީބުކަމާ ހަވާލު ވުމަށެވެ.
މަންޒިލާ ހަމައަށް އާދެވުނީއެވެ. އޭނާގެ އެންމެ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށްވީއެވެ. މުދައްރިސް ނަސީރުގެ ބަހުގެ ތެދުކަންވެސް ހާމަވީއެވެ.
ވަގުތުން އާއެކޭ ބުނުމުގެ ބަދަލުގައި އުސްތާޒު އަލްމަރްހޫމް އަބްދުﷲ ޙަމީދު އަށް ދެންނެވީ ބައްޕަ އާ މަޝްވަރާ ކޮށްލަން ޖެހޭ ކަމުގައެވެ. ހަމައެވަގުތު ހަމީދު ވިދާޅުވިކަމަށް ވަނީ ތިޔަ ހިސާބުން މުޅިން ރަނގަޅުވީ ކަމުގައެވެ.
އޭގެ ތިންދުވަސް ފަހުން ވަޒީފާ ހަމަޖެހިގެން ރަށަށް އައިސް ކެންދުއަށް ދިޔައީ ބައްޕަ އާވެސް އެކުގައެވެ. ކެންދުއަށް ފޭބި ތަނުން ބައްޕަ ދެއްވި ނަސޭހަތް އެއީ މިއަދާ ހަމައަށްވެސް އަޅުގަނޑު އަޅުގަނޑުގެ ގޮތުގައި ދެމި ހުރުމުގެ ސަބަބު ކަމުގައި ސައީދު ވިދާޅުވިއެވެ. އަދި އެއީ ބައްޕަ އެއްގެ ފަރާތުން ދަރިއަކަށް ލިބޭނޭ އެންމެ އަގުބޮޑު ހަދިޔާ ކަމަށް ސައީދު ގަބޫލު ކުރައްވައެވެ.
“ބައްޕަ ބުނުއްވި އެންމެ ބަހެއް ބުނެލާނަމޭ. ހަނދާން ބަހައްޓާށޭ. މާގިނަ ވާހަކަ ދައްކަންޏާ ހަނދާނެއް ނުހުންނާނެއޭ. އަމުދުން ތިކަހަލަ ކަން ފަސޭހަ މީހުން. އެއަށްފަހު ބުނުއްވީ ރައްޔިތުންގެ ފައިސާއިން ވައްކަން ނުކުރައްޗޭ .”
ވަރަށް ކުރު އެކަމަކު ވަރަށް އަގުބޮޑު މި ނަސޭހަތް ކޮޅުގެ ޖަވާބު ހަމަވަގުތުން ސައީދު ބައްޕަ އަށް ދެއްވިއެވެ.
“ތިކަމެއް ނުކުރާނަން އެހެން މީހެއްގެ ފައިސާއަކުން ވެސް.” މިއީ ސައީދުވެސް ވަރަށް ކުރުކޮށް ބައްޕައަށް ދިން ޖަވާބެވެ.
ބައްޕަގެ މި ނަސޭހަތާއެކު ސައީދު ކެންދޫ އޮފީސް ހިންގުމުގައި 14 އަހަރު ހޭދަކުރިއިރު ވެސް ތިޖޫރި ބެލެހެއްޓުމާ ފައިސާ އާބެހޭ ކަންކަން ނޫން އެހެން ހުރިހާ ކަމެއްކުރެއްވިއެވެ.
2011ވަނަ އަހަރުގެ ޖުލައި 11 ގައި ކެންދޫން ފުރައިގެން އައިއިރު އޭނާވަނީ ކެންދޫ ރައްޔިތުންނާ ގުޅިގެން ވަރަށް ހިމޭން ކަމާ އެކުވެރިކަމާއެކު ކެންދޫއަށް ބޭނުން ވެފައި ހުރި ގިނަ ކަންތައްތަކެއް ފުރިހަމަ ކޮށްދީފައެވެ.
“އަޅުގަނޑު ކެންދޫއަށް ދިޔައިރު އެރަށުގައި ރަނގަޅު ފަޅެެއް ، ސިއްހީ މަރުކަޒެއް ނެތް. މިސްކިތުން ވާރޭ ވެހޭ. ހެލްތު ޕޯސްޓެއް ނެތް. ރައްޔިތުންގެ ކަރަންޓެެއް ނެތް. ކަރަންޓް ދެނީ އަމިއްލަ މީހުން ގެންގުޅޭ ކުދި ކުދި ޖެނެރޭޓަރުތަކުން. އަޅުގަނޑު ގޮސް ރައްޔިތުން ގޮވައިގެން ގާ އަރުވައިގެން އިންޖީނުގެ އިމާރާތް ކޮށް ރައްޔިތުންނާ ގުޅިގެން ހޯދި ޖެނެރޭޓަރުން ކަރަންޓް ދިނިން. ފަޅުވެސް ކޮނުނީ އަމިއްލަ ގޮތުން. އެރަށުގެ މުރާލި ރައްޔިތުން އެހެރީ ކަނޑު ތޮށިވެސް ހަދާފަ. ސަރުކާރުން އެއްގަމު ވާޓަރު ފަހުން ހަދައިދިނީ އަޅުގަނޑުމެން ހެދި ވާޓަރު ނުހިފޭއްޓިގެން . ”
ސައީދު ވިދާޅުވީ އެދުވަސްތަކުގައި ކެންދޫ ރައްޔިތުންގެ އެންމެ ފާހަގަކުރެވުނު އެންމެ ރަނގަޅު އެއްސިފައަކީ އެމީހުންނަކީ އިޖްތިމާއީ ކަންކަމަށް ގޮވާލެވޭ ހިނދު ވަރަށް މުރާލިކަމާ ޝައުގުވެރި ކަމާއެކު އެހަވާލުކުރެވުނު ކަމެއް ނިންމާލުމުގައި ވަރަށް ކުރީގައި އުޅޭ ބައެއް ކަމެވެ.
“އެރަށު ކަނޑު ތޮއްޓަކީ ރައްޔިތުން އެންމެ ހަފްތާއެއްގެ ތެރޭގައި ކޮށްފަ އޮތް ބުރަ މަސައްކަތެއް. އެއްވެސް މެޝިނަރީއަކާ ނުލާ. ސިއްހީ މަރުކަޒަކީވެސް ހަމަހިލޭ ރައްޔިތުން އަޅައިދީފަ ހުރި ތަނެއް .އެންމެ އުފާވީ ހިލޭ ސާބަހަށް މަސައްކަތް ކުރާ އިރު އެކަކުވެސް މަކަރެއް ނުހަދާތީ. ދެބަޔަށް ބަހާފަ އޮންނާނީ. އެބަޔަކާ ހަވާލު ކުރި މަސައްކަތެއް ނިންމާފަ ނޫނީ ނުދާނެ. ވަރަށް ހީވާގި ބައެއްއެއީ .” ކެންދޫ ރައްޔިތުންނަށް ތައުރީފުކުރަމުން ސައީދު ވިދާޅުވިއެވެ.
މި މުއްދަތުގެ ތެރޭގައި ސައީދުވަނީ އޭދަފުށި ކަހަލަ ބޮޑެތި ރަށްތައް ހިންގުމުގެ ތަޖްރިބާ ވެސް ކޮށްފައެވެ. ކަމަދޫ އާއި ގޮއިދޫ އަދި ހިތާދޫ ގައިވެސް ނުނިމި ދުވަސްވެފައި ހުރި ގިނަ ކަންތައްތަކެއް ނިންމަވައި ރައްޔިތުންގެ ލޯބި ހޯއްދަވާފައެވެ.
އެކަމަކު 14 އަހަރަށްފަހު ސައީދު ވަޒީފާ ދޫކޮށްލެއްވީއެވެ. ކީއްވެގެން ހެއްޔެވެ. ؟
“ކުރިންވެސް ބުނިހެން އިސް ވެރިކަން ކުރުމުގެ ބޭނުމުގައި.” ސައީދު ހާޒިރު ޖަވާބު ދެއްވިއެވެ.
އެނބުރި ރަށަށް އައިއިރު ބައްޕަ ނިޔާވެ މަންމަ އެކަނިވެރިވެ ބަލި ވެއްޖެއެވެ. އެކަމަކު އޭނާ ބޭނުންވި މަގާމް އޮތީ މަރުހަބާ ކިޔަން ތައްޔާރުގައެވެ. މާޅޮހު އޮފީހުގެ ޒިންމާދާރު ވެރިޔާ ނުވަތަ އެސިސްޓެންޓް ޑިރެކްޓަރގެ މަަގާމެވެ.
އަދިވެސް ސައީދު ހުންްނެވީ އެމަގާމުގައެވެ.
އަމިއްލަ ރަށުގައިވެސް ޒިންމާދާރު މަގާމެއްގައި ގިނަދުވަސްތަކެއް ހޭދަކުރައްވަމުން ދާއިރު ސައީދުއާ މެދު ރައްޔިތުން ދެކެނީ ކިހިނެއް ހެއްޔެވެ. މި ސުވާލުގެ ޖަވާބު ދެއްވީ ސައީދުއެއް ނޫނެވެ.
އޮފީސް ނިންމާލާފައި އަޅުގަނޑާއެކު ގެއަށް ދިޔަ މަގުމަތިން ދިމާވި އަންހެނެއްގެ ވާހަކައިން އެސުވާލުގެ ޖަވާބު ލިބުނީއެވެ. މަންމައަކު ހަތަރު ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ފުރާވަރަށް އަރާފައި އަންހެން ދަރިފުޅާއެކު ވަރަށް މަޑު ހިނގުމެއްގައި މިސްކިތް ކައިރިން ހިނގާފައި އައި އިރު މަންމަގެ މޫނު މަތިން ފެނުނު ވަރުބަލި ކަމާއެކު އޭނާގެ ހާލު ރަނގަޅު ނޫންކަން އެނގުނެވެ. އެމީހާައާއެކު ދެއްކެވި ވާހަކަތަކުން ކޮންމެ ރައްޔިތަކާމެދުވެސް މި ގޮތް ގެންގުޅުއްވާނެ ކަމުގެ ޔަގީން ކަން އަޅުގަނޑަށް ލިބުނެވެ. އެހެންނޫނަސް މާޅޮހު ރައްޔިތުންނާއި ވެރިންނާ ދެމެދު ސިޔާސީ ޚިޔާލު ތަފާތުވުން ކޮންމެވެސް ވަރަކަށް އޮތް ނަމަވެސް އެދެމެދުގައި އޮތީ ވަރަށް ބަދަހި އެކުވެރި ގުޅުމެކެވެ.
ރައްޔިތުންނާއެކު ރައްޔިތުންނަށް މަގު ދައްކައިދޭ އިސް މީހެއްގެ ގޮތުގައި ބައިގަރުނު އުމުރުން ހޭދަކުރާއިރު ހުންނާނީ ރައްޔިތުންނަށް ޚިދުމަތްތަކެއްވެސް ކޮށްދެވިފައި ކަމަށް ގަބޫލު ކުރަމާ ހިނގާށެވެ. އޭނާގެ މަޑުމައިތިރި ސިޔާސަތާއި އޯގާތެރިކަން ކޮންމެ ކަމެއްގައިވެސް ކުރިއަށް ނެރުމަކީ ކާމިޔާބީގެ އަސްލު ކަމުގައި ބެލެވިދާނެއެވެ.
ނިންމާލަމުން އަހާލީމެވެ. ސައީދުގެ ހަޔާތުގައި ހޯދުނު އެންމެ ފަޚްރުވެރި ކާމިޔާބީއަކީ ކޮބައިތޯއެވެ.
“އަޅުގަނޑު ނޫނީ އިސްލާމީ މަރުކަޒު ފިޔަވައި މާލޭގެ ހުރިހާ މިސްކިތެއްގައި އިމާމްވެ ހުކުރު ނަމާދު ކުރި އެހެން އިމާމެއް ބ.އަތޮޅަކު ނުހުންނާނެ.” ވެރިކަމުގެ ދާއިރާގައި 27 އަހަރު ހޭދަކުރައްވާފައިވާ ސައީދު ވިދާޅުވިއެވެ.
އެންމެ ހިތްހަމަނުޖެހޭ ކަމަކީ ކޮބައިތޯ އެހުމުން ވިދާޅުވީ ގަވާއިއެއްގޮތަށް އަމަލު ކުރެވެން ހުރި ކަންކަމުގައިވެސް އެގޮތަށް އަމަލު ނުކުރާތީ ދިމާވަމުން ދާ މައްސަލަތައް ކަމުގައެވެ.
ކުޑަކުޑަ އާބާދީއަކުން ކުޑަކުޑަ އާއިލާ އަކުން ކުޑަކުޑަ ކުއްޖެއްގެ ގޮތުގައި އޭދަފުށީ ބަހިއްޔާ ސްކޫލުން ޖާގަ ހޯދުމަށް ފަހު މިއަދު އޭނާ އަކީ އާދައިގެ މީހެއް ނޫނެވެ. ވަރަށް ބޮޑު މީހެކެވެ. އޭނާ މިނާ މިންގަނޑުންނަމަ އޭނާ ބޭނުންވާ ވަރަށް ތައުލީމީ ގޮތުންނާއި އިޖްތިމާއީ ގޮތުން ބޮޑު މީހެކެވެ. އެފަދަ މީހަކަށް ވީ ތައުލީމާ އެއްވަރަށް ތަރުބިއްޔަތު ވެސް ލިބިގެންކަމުގައި ވިދާޅުވެއެވެ.
“އަޅުގަނޑު ތަރުބިއްޔަތު ކުރުމުގައި ކޮއްކޮމަރީދައިތަ (އޭދަފުށީގައި ކިޔަވަން ހުރިގޭގެ ވެރިޔާ ) ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރަން . މަންމައެއްގެ ގޮތުގައި ދެކޭ އެދައިތަ އަޅުގަނޑު ތަރުބިއްޔަތު ކުރުމުގައި އެންމެ ބޮޑަށް ބާރު އަޅާފައިވަނީ ކޮންމެ ކަމެއްވެސް ކުރަން ކަނޑައެޅިފައި އޮންނަ ވަގުތުގައި އެކަން ފުރިހަމަ ކުރުމަށް. ”
ސައީދު ވިދާޅުވީ ދިރިއުޅުމުގެ މި ރުކުން ފުރިހަމ ނުކުރެވޭ ނަމަ ކާމިޔާބު މީހަކަށް ނުވެވޭނެއެވެ. އަދި އޭނާގެ ދިރިއުޅުމުގެ ދަތުރު ކާމިޔާބާއެކު މިހާ ހިސާބަށް އާދެވުނީ އެރުކުން ފުރިހަމަ ކޮށްގެން ކަމުގައެވެ.
މިއާއެކު ސައީދުގެ ދިރިއުޅުމުން ދަސްކުރަންޖެހޭ ފިލާވަޅަކީ އަޒުމެއް އޮވެގެން ކަންކަމާ ކުރިމަތިލާނަމަ ކާމިޔާބަކީ ވަކި އޭނާ އެއް ނޫނެވެ. ކޮންމެ މީހެއްގެވެސް ހައްގެއްކަމެވެ.