ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވިކްޓަރީ ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާލި ބ. ފެހެންދޫ ޓީމް ، ޗެމްޕިއަން ތ. ތިމަރަފުއްޓާ ދެކޮޅަށް ކުޅުނު މެޗު ފެހެންދޫ ކާމިޔާބު ކޮށް ގަދަ 8ގެ އުއްމީދު އާކޮށްފިއެވެ. ފެހެންދޫ މި މެޗް ކާމިޔާބު ކޮށްފައިވަނީ 1-0 އިންނެވެ.
ރޭގެ މެޗުން ފެހެންދު މޮޅުވިއިރު، މިއީ ޕްރިމިއާ ލީގުގައި މިނިވަން ޗެމްޕިއަންޝިޕްގެ ޓީމަކުން ހޯދި ފުރަތަމަ މޮޅެވެ.
މި މޮޅާ އެކު ފެހެންދު ވަނީ ހަތަރު މެޗުން ހަތަރު ޕޮއިންޓާ އެކު ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. ތިމަރަފުށި ލީގުގެ ނުވަ ވަނައިގައި އޮތީ އެންމެ ޕޮއިންޓަކާ އެކު އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅުނު ނިޒާމްބެ އެވެ. އޭރިއާ ތެރެއިން ނިޒާމްބެ އަށް ލިބުނު ބޯޅަ އޭނާ ވަނީ ކީޕަރު އަޑެޓުންޖީ އަތްމަތިން ގޯލުގެ ދުރުކަނަށް ފޮނުވާލައިފަ އެވެ.
ރޭގެ މެޗު ވެސް ވެގެންދިޔައީ ފޯރިގަދަ މެޗަކަށެވެ. އެގޮތުން ފެހެންދޫ ޓީމަށް ހިތްވަރުދޭ ސަޕޯޓަރުންގެ އަޑު ގަދަކަން ފާހަގަ ކޮށްލެވެ އެވެ.
މެޗަށް ފަހު މިހާރު ނޫހަށް ދިން އިންޓވިއުއެއްގައި ފެހެންދޫ ޓީމުގެ މެނޭޖަރު މޫސާ ނަސީމް ބުނީ ދެ ޓީމުން ވެސް ވަރަށް މޮޅަށް ކުޅުނު ކަމަށާއި ފެހެންދު އަށް ލިބުނު މޮޅަކީ ކުޅުންތެރިން އެކުގައި ކުރި ހިތްވަރުން ލިބުނު މޮޅެއް ކަމަށާއި އެ ކަމަށްޓަކައި މުޅި ޓީމަށް ޝުކުރުއަދާކުރާކަމަށެވެ.
ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ. އަދި މާދަމާރޭ ނިއު ރޭޑިއަންޓް ބަދައްލުކުރާނީ ށ. ފޯކައިދޫއާ އެވެ.