
ބިންހިއްކިފަހުން އޭދަފުށީމަތިން ނަގާފައިވާ ފޮޓޯއެއް. ބިންހިއްކިފަހުން ޑަސްބިން އެޅުމަށް ވަކި ސަރަހައްދެއްވަނީ ކަނޑައަޅާފައި / ފޮޓޯ: ކިއުންތެރިއެއް
އޭދަފުށީ އާންމުންގެ ގޭގޭގެ ބަދިގޭގައި އުފެދޭ ކުނިވާ ޒާތުގެ ނުވަތަ ހަލާކުވާ ކާބޯތަކެތި އުކާލާ ސަރަހައްދުތަކުގެ ގޮތުގެ އާދެސަރަހައްދެއް ހަމަޖައްސައި އެކަން އާންމުރައްޔިތުންނަށް އަންގައިފިއެވެ.
އޭދަފުށީ ކައުންސިލުން މިކަން އެންގީ ބުދަ ދުވަހު އާންމުކޮށް ރަށުތެރެއަށް މެގަފޯނުން ގޮވި ގޮވުމެއްގައެވެ. އޭދަފުށީ ކައުންސިލުން ބުނީ ބުރާސްފަތިދުވަހުން ފެށިގެން ޑަސްބިން އެޅުމަށް ހަމަޖައްސާފައިވަނީ ދިރާގު އޮޕަރޭޝަން ސެންޓަރުން ފެށިގެން ހުޅަގަށްގޮސް އަރާމުގެއާ ހަމައަށްވާ ގޮނޑުދޮށުގެ ސަރަހައްދަށާ، ޔޫތު ސެންޓަރުގެ އުތުރުން އޮތް ގޮނޑުދޮށަށެވެ.
އޭދަފުށީ ކައުންސިލްގެ ނާއިބް ރައީސް މުހައްމަދު ނައުރީފް ވިދާޅުވީ މިބަދަލު ގެންނަން ޖެހުނީ އޭދަފުށީގެ ފެން ޕްލާންޓުން ފެން އުފެއްދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާތީ، އެޕްލާންޓަށް ފެންނަގާ ސަރަހައްދަށް ޑަސްބިން އެޅުން ހުއްޓުވުމަށާ، ރަމަޟާންމަހާ ދިމާކޮށް ރަށުގެ ގިނަބަޔަކަށް ލުއިކުރުމުގެ ގޮތުން ދެސަރަހައްދަކަށް ޑަސްބިން އެޅުމަށް ނިންމުމާވެސް އެކުކަމަށެވެ.
އޭނާ ވިދާޅުވީ ޑަސްބިން އެޅުމުގައި މިހާރަށްވުރެ ބޮޑަށް ރައްޔިތުން ސަމާލުވާންޖެހޭ ކަމަށާ، ޑަސްބިންއާއެކު ގޭގައި އުފެދޭ ކުނިބުނި މޫދަށް އެޅުން ހުއްޓާލަންޖެހޭ ކަމަށެވެ.
އޭދަފުށީގެ ބިންހިއްކައި ރަށުގެ އިރުމައްޗާ، ހުޅަނގު އަދި ދެކުނުފަރާތު ފަޅު އެކީ ހިއްކާފައިވުމުގެ ސަބަބުން މިދިޔަ މެއި މަހުން ފެށިގެން އޭދަފުށީ ގޭގެއިން ޑަސްބިން އުކުމަށް މިހާތަނަށް ބޭނުންކުރަމުން ދިޔައީ އޭދަފުށީ އިންޖީނުގެއާ، ފެންޕްލާންޓް ގެއާ ދެމެދު އޮތް ގޮނޑުދޮށް ސަރަހައްދުއެކަންޏެވެ. އާންމު ކުނިބުނި އެޅުމަށް ބޭނުންކުރަނީ ކުރިންވެސް ކުނިއެޅި އިރުމަތީކޮޅު ކުނިގޮނޑެވެ.