ދިވެހި ޕްރިމިއަރ ލީގުގައި ފެހެންދޫ ފުޓްބޯޅަ ޓީމް ކުޅޭ ދެވަނަ މެޗް މިއަދު ހަވީރު އޮންނާނެއެވެ.
ގަދަފަދަ ޓީސީ ސްޕޯޓްސް ކްލަބް އާ ދެކޮޅަށް މިއަދު ހަވީރު ފެހެންދޫ ނުކުންނައިރު ފެހެންދޫ ޓީމް ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ލަނޑެއްޖަހާނެ ފުރުސަތެއް ނުދީ ހިފަހައްޓާފަ އެވެ. ވިކްޓްރީއާއި ފެހެންދޫ ބައްދަލްކުރި މެޗު ނިމިގެން ދިޔައީ 0-0 އިން ދެޓީމް އެއްވަރު ވެގެންނެވެ.
ފެހެންދޫ ޓީމް މިއަދުގެ މެޗަށް ނުކުންނަ އިރު ޓީމުގެ ނައިޖީރިޔާ ޑިފެންޑަރ ޗިމާ އަށް ވަނީ ވިކްތަރީއާއެކު ކުޅުނު މެޗުގައި އަނިޔާގެ މައްސަލަ އާ ކުރިމަތިވެފައެވެ. އެހެންކަމުން މިއަދުގެ މެޗުގައި އޭނާގެ ބަދަލުގައި ކުޅޭނެ ކަމަށް ބެލެވެނީ މިދިޔަ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ މޮޅު ކުޅުމެއް ދައްކާފައިވާ އަހްމަދު ހުމައިދު އެވެ. މީގެ އިތުރުން މިއަދު މެޗުގައި އަބްދުލް މަޖީދު އިބްރާހީމް (މަޖިއްޓޭ)ފެނިދާނެ ކަމުގެ އިޝާރާތެއްވެސް ފެހެންދޫ ޓީމުން ވަނީ ދީފައެވެ.
މިއަދު ފެހެންދޫ ޓީމާ ދެކޮޅަށް ނުކުންނަ ޓީސީ އަކީ ދިވެހި ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ބެލެވޭ ދަގަނޑޭވެސް ހިމެނޭ ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ އެންމެ ވަރުގަދަ އެއްޓީމެވެ. ދަގަނޑޭއާކު އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި ފ. ނިލަންދޫ ޓީމު ވަނީ 6-1 އިން ބަލިކޮށްފަ އެވެ. އެ މެޗުގައި ދަގަނޑޭ ވަނީ ދެ ލަނޑު ޖަހާފަ އެވެ.
މިއަދުގެ މެޗަށް ފެހެންދޫ އަށް ސަޕޯޓް ކުރާ ވީހާވެސް ގިނަ އަދަދެއްގެ މީހުން ދަނޑަށް ދިއުމަށް ފެހެންދޫ ޓީމުން އެދެއެވެ. ޚާއްސކޮށް ބ.އަތޮޅު ރައްޔިތުންނެވެ.
މިއަދުގެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގައެވެ.