ބ. ދުނިކޮޅުގައި ހިންގަމުން އަންނަ ކޮކޯޕާމް ދުނިކޮޅު ރިސޯޓްގައި ފަތުރުވެރިއަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.
ފުލުހުންގެ ފަރާތުން މައުލޫމާތު ދެމުން ބުނީ އިނގިރޭސި ވިލާތުގެ އުމުރުން 57 އަހަރުގެ ފިރިހެނަކު މަރުވެގެން އުޅޭ ކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިއަދު 11:45 ހާއިރު ކަމަށާ ހާދިސާ ހިނގުމާއި ގުޅިގެން ބ. އަތޮޅު ހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމުގައެވެ.
ގްރޫޕަކާ އެކު، ކޮކޯ ޕާމް ދުނިކޮޅު ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ އެ ފަތުރުވެރިޔާ މަރުވެފައި ވަނީ އޭނާގެ ކޮޓަރީގައި އޮއްވައި ކަމަށް ވެއެވެ. އެމީހާ މަރުވީ ގުދުރަތީ މަރަކުން ކަމަށް ވަނީ ބެލެވިފައެވެ.