ރާއްޖޭގެ ކުޅިވަރުގެ މައި އިދާރާ، މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އަހަރީ ޢާއްމު ބައްދަލުވުން ގޮއިދޫގައި ނިންމާލިއިރު އެއީ ފަހަކަށް އައިސް ކުޅިވަރުގެ މައިދާނުގައި ރާއްޖޭގެ ނިސްބަތުން ގިނަ ކާމިޔާބު ތަކެއް ހޯދަމުން އަންނަ ގޮއިދޫއަށް އައި ކުޅިވަރުގެ ބޮޑު އީދެކެވެ.
އެޖަމިއްޔާގެ ދިގު ތާޜީޚްގައި މާލޭގައި ބާއްވަމުން ގެެންދިޔަ އަހަރީ އާއްމު ޖަލްސާ ފުރަތަމަ ފަހަރަށް އަތޮޅުތެރޭގެ ރަށެއްގައި ބޭޭއްވި ފުރަތަމަ ރަށުގެ ޝަރަފާއެކު ގޮއިދޫ މިހާރުވަނީ ތާރީޚްގެ ތެރެއަށް ވެސް ވަދެފައެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އަތޮޅުތެރޭގެ ރަށެއްގައި މި އަހަރުގެ އާއްމު ބައްދަލު ވުން ބާއްވަން ނިންމާފައިވަނީ އެސޯސިއޭޝަން ތަކުގެ އިސްވެރިންނާއި ރަށުގެ ޒުވާނުން އެއްކޮށް ބައްދަލުވެވި އެއްކޮށް ކުޅިވަރު ކުޅެއިހްސާސްތައް ސީދާގޮތުން ހިއްސާކުރެވޭނެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ މަގްސަދުގައެވެ.
އެހެންވިއްޔާ މި މަގްސަދު ހާސިލް ވި ހެއްޔެވެ. ؟
މިސުވާލުގެ ޖަވާބު ދެއްވަމުން ޗެއަރމަން އަހްމަދު ސަވީދު ވިދާޅުވީ ގޮއިދޫ ކައުންސިލުން ހުށަހެޅި ޕްރެސެންޓޭޝަންގެ ސަބަބުން ހީކުރިވަރަށްވުރެ މާ ބޮޑަށްވެސް މަގްސަދު ހާސިލް ވެއްޖެކަމަށެވެ. އޭނާ ވިދާޅުވީ ވަސީލަތްތައް ނެތުމުން އަމިއްލަ އަށް ގޮތްތައް އީޖާދު ކޮށްގެން ކުޅިވަރުގައި ކުރިއަށް ދިއުމަށް ގޮއިދޫ ޒުވާނުން ކުރަމުން އަންނަ މަސައްކަތާ މުބާރާތްތަކުގައި ވާދަކުރުމަށް އުފުލަންޖެހޭ ތަކުލީފާ އެގޮތުގައި މަސައްކަތްކޮށްގެން ލިބޭ ކާމިޔާބީތަކުން ލިބޭ އުފާވެރި ކަން މިއަދު ފެނިއްޖެކަމުގައެވެ
“މި ރަށުގައި ޖަލްސާ ބޭއްވި އެންމެ މުހިއްމު އެއް މަގުސަދަކީ އެސޯސިއޭޝަންތަކުގެ އިސްވެރިންނާއި ރަށުގެ ޒުވާނުން އެއްކޮށް ބައްދަލުވެވި އެއްކޮށް ކުޅިވަރު ކުޅެ އިހުސާސްތައް ސީދާ ގޮތުން ހިއްސާކުރެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުން. އަދި އެންމެންގެ މެދުގައި ވަރުގަދަ ގުޅުމެއް ގާއިމްވެވި ސީދާ ކުޅިވަރަށް މަޝްވަރާކުރުމުގެ ދޮރު މިއަދުގެ ބައްދަލުވުމާ އެކު ހުޅުވިގެންހިނގައްޖެ. ” މިހާރު ނޫހަށް ދިން ބަސްދީ ގަތުމެއްގައި ސަވީދު ވިދާޅުވިއެވެ.
މި ފުރުސަތުތައް އޮތީ ހަމައެކަނި ގޮއިދުއަށް އެކަންޏެއް ނޫނެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ނެޝަނަލް ގޭމްސް އަންނަ އަހަރު ބާއްވަން މަސައްކަތްކުރާއިރު އޭގެ ތެރެއިން ވީހާ ވެސް ގިނަ ރަށްރަށަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް އޮލިމްޕިކް ކޮމިޓީން ބުނެއެވެ.