ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ގިނަ މީހުން ސަމާލުކަން ދޭ އިރު އެމީހެއްގެ ހަމުގެ ގޮތް އެނގެނީ ކިތައް މީހުންނަށް ބާވަ އެވެ؟ އެކި މީހުންގެ ހުންނަ ހަން ތަފާތު ކަމުން އެ ހަންގަނޑަކާ ގުޅޭ ގޮތުން ފަރުވާ ދިނުމަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހެ އެވެ. އެއީ ތެޔޮހަން ހުންނަ ހަންގަނޑުގައި ވަކި އެއްޗެއް އުނގުޅަން ޖެހޭ އިރު ހަމާ ނުގުޅޭ ފަދަ ފަރުވާއެއް ދެވިދާނެތީ އެވެ. އެހެން ވެއްޖެ ނަމަ ހަންގަނޑުގެ އަސްލު ގޮތް ގެއްލޭނެ އެވެ.
ތިރީގައި މި ހިމަނާލަނީ ކުރަކި ހަން ހުންނަ މީހުންނާއި ހަންގަނޑު ތެޔޮވާ މީހުންނަށް ދެވިދާނެ ބައެއް ފަރުވާތަކެވެ.
ހަންގަނޑު ތެޔޮކޮށް ހުންނަ ނަމަ: ހަންގަނޑު ތެޔޮކޮށް ހުރުމުން ބައެއް މީހުންނަށް ރީތި ވިއަސް ހަންގަނޑު ތެޔޮވުމުން ބިހި ނަގާ ގޮތް ވާނެ އެވެ. ތެޔޮކޮށް ހުންނަ ހަންގަނޑާ މެދު ހާއްސަ ގޮތެއްގައި ސަމާލުކަން ދޭން ޖެހެ އެވެ. * މޫނު ތެޔޮވުމުން ދުރުވުމަށް އެންމެ ހާއްސަ ސަމާލުކަމެއް ދޭންވީ ކަމަކީ އަވަސް އަވަހަށް މޫނު ދޮވުމެވެ. * ތެޔޮ ބޭނުން ކޮށްގެން ހަދާފައި ހުންނަ އެއްޗެހި ކެއުމުން ދުރުވާށެވެ. * ކިއުކަމްބާ ޖޫހާއި ލެމަން ޖޫސް އެއްވަރަށް އެއްކުރުމަށް ފަހު މޫނުގައި އުނގުޅާށެވެ. * ޓޮމާޓޯ ފޮއްޗެއް މޫނުގައި އުނގުޅުމަކީ ވެސް ދެވިދާނެ ފަރުވާއެކެވެ. * ލުނބޯ ޖޫސް ބޯ އިރު ކުޑަ އިނގުރުކޮޅެއް އަޅައިގެން ބޭނުންކުރާށެވެ. * އާފަލް ޖޫހުގެ ތެރެއަށް ކުޑަ ލުބޯ ހުތް ކޮޅެއް އެޅުމަށް ފަހު މޫނުގައި އުނގުޅާށެވެ. ފަނަރަ ނުވަތަ ވިހި މިނެޓް ބެހެއްޓުމަށް ފަހު ދޮވެލާށެވެ. * އައިސް ކިއުބަކުން މޫނު މަސާޖް ކުރުމަށް ފަހު ލުބޯ ހުތް ކޮޅަކާއި ފިނިކުރި ފެން އެއްކޮށްގެން އެފެނުން މޫނު ދޮންނާށެވެ.
ކުރަކި ހަންގަނޑު ހުންނަ ނަމަ: ހަންގަނޑު ކުރަކިވުމުން އެކަމާ ވަރަށް ގިނަ މީހުން ދެރަވެ އެވެ. ހަންގަނޑު ކުރަކިވުން ފިލުވުމަށް ބައެއް މީހުން ގިނައިން ބޭނުން ކުރަނީ ތެޔޮކޮށް ހުންނަ ކްރީމެވެ. * ހަންގަނޑު ކުރަކިވާ ނަމަ ގިނައިން ފެން ބޯށެވެ. * ބިހުގެ ހުދު ބަޔާއި މާމުއި އަދި ކިއުކަމްބާ ޖޫސް އެއްކުރާށެވެ. ދެން އެއިން ކަފަކޮޅެއް ތެތްމުމަށް ފަހު މޫނުގައި އަޅާށެވެ. އެގޮތަށް ބެހެއްޓުމަށް ފަހު ކަފަގަނޑު ހިކުމުން ނައްޓާލައި ރީތިކޮށް ދޮވެލާށެވެ. މީގެ އިތުރުން ވެސް ދެވިދާނެ ވަރަށް ގިނަ ފަރުވާތައް ހުންނާނެ އެވެ. ކޮންމެ ވައްތަރެއްގެ ހަންގަނޑެއް ނަމަވެސް ފެން ބުއިމުން ހަނގަނޑު ރީތިވާނެ އެވެ. އެހެންކަމުން ގިނައިން ފެން ބުއިމަކީ ހަންގަނޑަށް ދެވޭނެ ފަރުވާއެކެވެ.