ރާއްޖޭހެ ހުރިހާ ސްކޫލްތަކަށް މިމަހު ޓެބްލެޓް ދޫކުރަން ފަށާނެކަމަށް މިނިސްޓްރީއޮފް އެޑިއުކޭޝަނުން ބުނެފިއެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ދެވަނަ ޓާމްގެ ކިޔެވުން ފަށާއިރު ހުރިހާ ސްކޫލެއްގައި ޓެބްލެޓް ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު މިމަހުގެ ތެރޭގައި ޓެބްލެޓް ހަވާލުކުރަށް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
ޝަފީއު ވިދާޅުވީ، ޓެބްލެޓް ބޭނުންކުރުމަށް، ދިރާގާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވައިފައި ސްޓްރަކްޗާ ވެސް މިހާރު ގާއިމްކޮށް ނިމި، އެކަން އެޑިއުކޭޝަން މިނިސްޓްރީއަށް ދިރާގުން އަންގާފައިވާ ކަމަށާ ޑިޖިޓަލައިޒް ކޮށްފައިވާ ތައުލީމީ ނިޒާމެއް ރާއްޖޭގައި ގާއިމްކުރަން އެޑިއުކޭޝަން މިނިސްޓްރީން ފެށި މަސައްކަތް ފެށުމަކާ މިވަނީ ގާތްވެފައި ކަމުގައެވެ.
ރާއްޖޭގައި ސަރުކާރުން ހިންގާ 212 ސްކޫލް ހުރި އިރު އެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރުމަށް 70،000 އަށްވުރެ ގިނަ ޓެބްލެޓް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގަނެފަ އެވެ.
ސްކްރީން ސައިޒްގައި 8 އިންޗި ހުންނަ މި ޓެބްލެޓްގައި އެޗްޑީ ސްކްރީން އިންނައިރު ސްޓޯރޭޖް ކެޕޭސިޓީއަކި 16 ޖީބީ އެވެ.