ރަސްލީ ސުޕާރީން ނަގަމުން އައި ޑިއުޓީ ބޮޑު ކުރުމުން އެކަމުގެ އަސަރު ރާއްޖޭގެ އިންފްލޭޝަނަށް ކޮށްފި ކަމަށް ތަފާސް ހިސާބާ ބެހޭ ގައުމީ އިދާރާ، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ.
ރާއްޖޭގައި ދުފުމުގެ ބާވަތްތަކުގެ އިންފްލޭޝަން ރޭޓް ބޮޑުވި މައިގަނޑު ސަބަބަކީ ރަސްލީ ސުޕާރީން ނަގަމުން އައި ޑިއުޓީ ބޮޑުކުރުމުން ކަމަށް އެއިދާރާއިން ބުނެފައިވާއިރު ދުފުމުގެ ބާވަތްތަކުގެ އަަގު މައްޗަށް ދިއުމުގައި ރަސްލީ ސުޕާރީގެ 38.12 ޕަސެންޓް ހިއްސާކުރާ ކަމަށް ބުނެފައިވެއެވެ.
މި ބަދަލާއެކު ފާއިތުވި އެއް އަހަރުގެ ތެރޭގައި މުޅި ރާއްޖޭގެ އިންފްލޭޝަން 1.02 ޕަސެންޓުން މަތިވެފައިވާ ކަމަށާ މަހުން މަހަށް އަޅާ ބަލާއިރު މިދިޔަ އަހަރުގެ ފެބްރުއަރީ މަހަށް ވުރެ މިއަހަރުގެ ފެބްރުއަރީ މަހު އިންފްލޭޝަން ރޭޓް 1.09 ޕަސެންޓު މަތިވެފައިވާ ކަމަށްވެސް ތަފާސް ހިސާބާ ބެހޭ ގައުމީ އިދާރާއިން ބުނެފައި ވެއެވެ.
ފެބްރުއަރީ މަހު އަގު އުފުލުނު ބާވަތްތައް
- މަހުގެ ބާވަތްތަކުން 4.23 ޕަސެންޓް
- މޭވާގެ ބާވަތްތަކުން 6.09 ޕަސެންޓް
- ދުފާތަކެތިން 9.15 ޕަސެންޓް
- ގޭގެ ކުލިން 0.33 ޕަސެންޓް
- ވައިގެ މަގުންކުރާ ދަތުރުން 5.41 ޕަސެންޓް
- ގޭތެރޭގައި ބޭނުންކުރާ ހަރުމުދަލުން 0.87 ޕަސެންޓް
- ގެދޮރު މަރާމާތުކުރުމުގެ ހިދުމަތުން 1.48 ޕަސެންޓް
- ހޮޓާ، ކެފޭ، ރެސްޓޯރަންޓުތަކުގެ ހިދުމަތްތަކުން 0.28 ޕަސެންޓް
- ބޭހުގެ ބާވަތްތަކުން 0.38 ޕަސެންޓް
އަގު ދަށްވި ބާވަތްތައް
- ތަރުކާރީގެ ބާވަތްތަކުން 11.20 ޕަސެންޓް
- އަންނައުނުން 1.13 ޕަސެންޓް
- ފޮތިން 3.11 ޕަސެންޓް
- ގޭތެރެ ޒީނަތްތެރިކުރަން ބޭނުންކުރާ ތަކެތިން 3.60 ޕަސެންޓް
- ކަރަންޓުން 0.31 ޕަސެންޓް
- ގެދޮރު މަރާމާތުކުރަން ބޭނުންކުރާ ސާމާނުން 0.35 ޕަސެންޓް
ތަފާސް ހިސާބާ ބެހޭ ގައުމީ އިދާރާއިން ބުނީ، މުޅިރާއްޖޭގެ އަގުތައް މައްޗަށް ދިއުމަށް އެންމެ ބޮޑަށް ހިއްސާކޮށްފައިވަނީ ދުންފަތާއި ދުފުމުގެ ބައިން ކަމަށެވެ. އަދި އަގުތައް ދަށަށް ދިއުމަށް އެންމެ ބޮޑަށް ހިއްސާކޮއްފައިވަނީ ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނުގެ ބައިންނެވެ.