ބ.އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންވެސް ދަށްވެގެން ޑިގްރީ ފެންވަރަށް ގެނައުމުގެ ގޮތުން ބ.އަތޮޅު ހޮސްޕިޓަލާއި މެރިޓައިމް އެކެޑަމީ އޮފް މޯލްޑިވްސްގެ ބިޒްނަސް ސްކޫލް (އެމްއޭއެމްބީއެސް) އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
ބ. އަތޮޅު ހޮސްޕިޓަލުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެމްއޭއެމްބީ ގެ ފަރާތުން ސޮއިކުރެއްވީ ރެޖިސްޓްރާ ޝަހުމާ އަބްދުއްރަހްމާން އެވެ. ބ. އަތޮޅު ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު އަހްމަދު ވަހީދު އެވެ. މި ރަސްމިއްޔާތުގައި އެމްއޭއެމްބީގެ އެކަޑަމިކް ޑައިރެކްޓަރ މުހައްމަދު ފިރާޒް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ހިންގަން ނިންމާފައިވަނީ ޑިޕްލޮމާ އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ކޯހެއްކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މި ކޯހުގައި ބ.އަތޮޅުގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ އިދާރީ 24 މުވައްޒަފުން ބައިވެރިވާ ކަމަށެވެ. އަދި ކޯސް ނިމޭއިރު މިއަތޮޅު ސިއްހީ ދާއިރާގައި އިދާރީ ފެންވަރުގައި މަސައްކަތް ކުރާނީ ޑިޕްލޮމާ ފެންވަރުގެ މުވައްޒަފުން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
އިއްޔެ ވަނީ މި ކޯސް ފަށާފައެވެ.