ޝައިޚް މަޖީދުގެ ދަރެސް : ލައިލަތުލްޤަދުރި ވިލޭރޭގެ މާތްކަމާއި މަތިވެރިކަން

silhouette-muslim-woman-praying-prayer-beads-sunset-background-95119282.jpg

ޝައްކެއްނެތެވެ. މާތް ﷲ ބައެއް ދުވަސްތަކާއި ރޭތަކާއި މައްސަރުތައް، އަނެއްބައި ދުވަސްތަކާއި ރޭތަކާއި މައްސަރުތަކުގެ މައްޗަށް މަތިވެރިކުރެއްވިއެވެ. އެގޮތުން ބަލާއިރު ރަމަޟާން މަހުގެ ރޭތަކުގެތެރެއިން ރެއެއް، އެއްހާސް މައްސަރަށްވުރެ (އެބަހީ: 83 އަހަރާއި 4 މަހަށްވުރެ) ހެޔޮކަން ބޮޑުވެގެންވާކަމަށް މާތްﷲ ވަނީ ކީރިތިޤުރްއާނުގައި އަންގަވާފައެވެ. އެއީ ލައިލަތުލްޤަދުރި ވިލޭރެއެވެ. އެރޭގެ މާތްކަން ސޫރަތުލްޤަދްރި ގައި ވަނީ، ބަޔާން ކުރައްވާފައެވެ. އެސޫރަތުގައި އަންގަވާފައިވާ ވާހަކަތަކާމެދު ފިކުރު ހިންގާލުމުން ކޮންމެވެސް މިންވަރަކަށް އެރޭގެ މާތްކަމާއި މަތިވެރިކަން ހާމަވެގެންދާނެއެވެ.

  • ސޫރަތުލްޤަދްރި މާނަ:
  1. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައިލެއްވީ ލައިލަތުލްޤަދްރި (لَيْلَةُ الْقَدْرِ) ވިލޭރޭގައެވެ.
  2. އަދި ލައިލަތުލްޤަދްރި (لَيْلَةُ الْقَدْرِ) ވިލޭރެޔަކީ، ކޮންރެޔެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
  3. ލައިލަތުލްޤަދްރި (لَيْلَةُ الْقَدْرِ) ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.
  4. ملائكةންނާއި، جبريلގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ إذنފުޅާއެކު، ހުރިހާ أمرފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ.
  5. އެއީ فجرގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން، أمانކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ.

ލައިލަތުލްޤަދުރި ވިލޭރޭވަނީ، ރަމަޟާން މަހުގެ ފަހުދިހައިގެ އޮނަހިރި (29،27،25،23،21) ރޭތަކުގެތެރޭގައެވެ.  އެކަން ބަޔާންކުރައްވައި ކީރިތިރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވަނީ “ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގައި ތިޔަބައިމީހުން ލައިލަތުލްޤަދުރި ވިލޭރޭ ހޯދައި ފާހަގަކޮށް ރޭއަޅުކަންކުރުމަށް މަސައްކަތްކުރާށެވެ!”

ޝައްކެއްނެތެވެ. އިސްވެދިޔަ ދަލީލުތަކުގެ މައްޗަށް ނަޒަރު ހިންގަލާއިރު، އެރޭ ކުރާ އަޅުކަން އެއްހާސް މައްސަރު ކުރާ އަޅުކަމަށްވުރެ ހެޔޮކަމުގެ ބޮޑުކަމަށް ހާމަވެއެވެ. އަދި ހަމައެހެންމެ އެރޭގައި އިޚްލާޞްތެރިކަމާއެކު ހެޔޮނިޔަތުގައި އަޅުކަންކޮށްފި މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާނޭކަމަށް ކީރިތިރަސޫލާގެ އެހެން ބަސްފުޅަކުން ސާބިތުވެއެވެ. އެކަލޭގެފާނުގެ ބަސްފުޅެއްގެ މާނައިގައިވަނީ ” ﷲގެ ދަރުމައާއި ޘަވާބަށްއެދި ލައިލަތުލްޤަދުރި ވިލޭރޭ އަޅުކަން ކޮށްފި މީހާގެ އިސްވެގޮސްފައިވާ ފާފަތައް ފުއްސަވައިދެއްވާނެއެވެ.” (މި ޙަދީޘް ރިވާކުރެއްވީ އަލްއިމާމުލް ބުޚާރީ އާއި އިމާމު މުސްލިމް)

ދަރުމައިން ފުރިގެންވާ މި ބަރަކާތްތެރި މައްސަރުގައި، ލައިލަތުލްޤަދުރި ވިލޭރޭ ހެޔޮގޮތުގައި އިޙްޔާކޮށް ދިރުވައި، އެރޭގެ ފުރިހަމަ ދަރުމައާއި ޘަވާބު ހޯދުމަށް އެދި ގަދައަޅައި މަސައްކަތްކުރާ ބަޔަކުކަމުގައި ލައްވާށިއެވެ. އަދި ދިވެހިންނަކީ، މުޖްތަމަޢުގެ  ސަލާމަތާއި ރައްކާތެރިކަމަށް ލޯބިކުރާ އަދި އެކަން ދަމަހައްޓަން މަސައްކަތްކުރާ،ދީންވެރި ބަޔަކުކަމުގައިލައްވާށިއެވެ. ވަކިން ޚާއްޞަކޮށް ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކުގައި ހެޔޮދުޢާކުރުން ގިނަކުރާށެވެ!

ލައިލަތުންޤަދުރި ވިލޭރޭ ކިޔާނެ ދުޢާއެއް ދަސްކޮށްދެއްވުމަށް އުންމުލްމުއުމިނީން ޢާއިޝަތުރަޟިޔަﷲޢަންހާ  ކީރިތިރަސޫލާގެ އަރިހުގައިދެންނެވުމުން ވިދާޅުވި ދުޢާއަކީ ( اللَّهُمَّ إِنَّكَ عُفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي ) މާނަ “ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަﷲއަކީ ގިނަގިނައިން ފާފަ ފުއްސަވައިދެއްވާ، ފާފަ ފުއްސެވުމަށް ލޯބިވެވޮޑިގަންނަވާ ފަރާތެވެ. ފަހެ، މިއަޅާގެ ފާފަ ފުއްސަވައިދެއްވާނދޭވެ! އާމީން.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top