މިއަހަރުގެ ދެވަނަ ޓާމްގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުމަށް ސަރުކާރުން ނިންމަވާފައިވާތީ އެކަމަށް އަހުލުވެރި ކުރުވުމުގެ ގޮތުން ދެކޯހެއް ފުރިހަމަކުރަން އެޑިއުކޭޝަން މިނިސްޓްރީން މުދައްރިސުންނަށް އަންގަވައިފިއެވެ.
ބައެއް ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުއްވާފައިވާ އެންގުމެއްގައި ބުނެފައިވަނީ މި އަހަރުގެ ދެވަނަ ޓާމުންފެށިގެން ސްކޫލްތަކުގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުމަށް ހަމަޖެހިފައިވާތީ މިކަމަށް ޓީޗަރުން ފުރިހަމައަށް ތައްޔާރު ވުމުގެ ގޮތުން “ގޫގުލް ފޯ އެޑިއުކޭޝަން” ގެ ކޯސްތައް ފުރިހަމަކުރުމަކީ ބޭނުންތެރިކަމެއްކަމަށާ އެގޮތުން ދެކޯހެއް ފުރިހަމަކުރުމަށް މިނިސްޓްރީން އެދިފައިވެއެވެ.
އޭގެ ތެރޭގައި ހިމެނޭ ލެވެލް އެކެއްގެ ކޯސް، މާޗު 22 ގެ ކުރިން ފުރިހަމަކުރުމަށް އެޑިއުކޭޝަނުން ވަނީ އަންގަވާފައެވެ. ދެވަނަ ލެވެލްގެ ކޯސް ފުރިހަމަކުރަން އަންގަވާފައިވަނި އޭޕްރިލް މަސް ނިމުމުގެ ކުރިންނެވެ.
ގޫގުލް ފޯ އެޑިއުކޭޝަން ކޯހަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއީއައި) އިން އޮންލައިންކޮށް ކުރިއަށްގެންދާ ކޯހެކެވެ. އެހެންކަމުން އެ ކޯސް ފުރިހަމަކުރަން ކޮންމެހެން މާލެ އަންނާކަށް ނުޖެހޭނެ އެވެ.
ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފުރަތަމަ ކޯސް ފުރިހަމަ ނުކުރާ މުދައްރިސުން ފުރަތަމަ ޓާމުގެ މިޑް-ބްރޭކު ބަންދު ދުވަސްވަރުގައި އެ ތަމްރީނު ހަދައި ނިމޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޑިއުކޭޝަނުން ސްކޫލުތަކަށް އަންގާފައިވެއެވެ.
އަދި އެ ދުވަސްތަކަކީ ތަމްރީނު ފުރިހަމަ ނުކުރާ މުދައްރިސުން ސްކޫލަށް ނުކުންނަންޖެހޭ ދުވަސްތަކެއް ކަމުގައި ހަމަޖެއްސުމަށް އެޑިއުކޭޝަނުން ވަނީ އަންގަވާފައެވެ.
“ބަންދު ދުވަސްތަކުގައި ފުރިހަމަކުރަންޖެހޭ ޓީޗަރުންގެ އަދަދަށް ބަލައި، އެ ބޭފުޅުންނަށް ކޮމްޕިއުޓަރު ފެސިލިޓީ ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ގަޑިތައް ހަމަޖައްސަވައިގެން ކުރިއަށް ގެންދިއުމަށްވެސް ދަންނަވަމެވެ،” އެޑިއުކޭޝަން މިނިސްޓްރީގެ އެންގެވުމުގައި ވެއެވެ.
ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލެއް ގެނައުމުގެ ގޮތުން ދަރިވަރުން ކިޔެވުމުގައި ބޭނުންކުރަން ހަމަޖެހިފައިވާ ޓެބްލެޓްތައް ދެވަނަ ޓާމްގެ ކިޔެވުން ފެށުމާއެކު ބޭނުންކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.