ހިމާޔަތް ކޮށްފައިވާ ބ.އޮޅުގިރި ރައްކާތެރިކަމާއެކު ދެމެހެއްޓުމުގެ ޕްލޭން އެކުލަވާލައިފިއެވެ.
މިއަދު ސަރުކާރުގެ ގެޒެޓުގައި އާންމު ކުރި ޕްލޭންގައި އެރަށް ހިމާޔަތް ކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ވަނީ ކަނޑައަޅާފައެވެ.
އެގޮތުން އެރަށުގެ ވެއްޓާއި އެ މާހައުލުގައި ވަޒަންވެރިވެ ދިރިއުޅޭ ދިރުންތަކާއި، ހާއްސަކޮށް ހޯރައާއި އެސޮރުމެން ދިރިއުޅޭ ގަސްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް މަސައްކަތްކުރާނެ އުސޫލުތައް ވަނީ ކަނޑައެޅުމުގެ އިތުރުން އެރަށުގެ ފަރުތައް ރައްކާތެރިކަމާއެކު ދަމަހައްޓައި އެ ރަށުން އިގްތިސާދީ ފައިދާ ހޯދޭނެ ގޮތްތައްވެސް ޕްލޭންގައި ވަނީ ކަނޑައަޅާފައިވެއެވެ.
މި ޕްލޭންގައި ވާގޮތުން އެރަށް ރައްކާތެރިކުރުމަށްް ބ. އަތޮޅު ކައުންސިލާއި ބ. ތުޅާދޫ އަދި ހިތާދޫ ކައުންސިލާ ދެމެދު އެއްބަސްވުމެއް ހެދިގެން ދާނެ އެވެ. މިއާއެކު އޮޅުގިރި ސަރަހައްދު ބެލެހެއްޓިގެން ދާނީ އެ ކައުންސިލްތަކާއި އަދި ބ. އޭދަފުށިގައި ހުންނަ ބ. އަތޮޅު ޔުނެސްކޯ ބަޔޯސްފިއާ ރިޒާވް އޮފީހުގެ އެހީތެރިކަމާއެކުގައެވެ.
މީގެ އިތުރުން ކައުންސިލްތަކާއި އެންވަޔަރަމަންޓު ޕްރެޓެކްޝަން އޭޖެންސީ (އީޕީއޭ) އާ ދެމެދު އެއްބަސްވުމެއް ހެދިގެން ދާނެ ކަމަށްވެސް ޕްލޭންގައި ބުނެފައެވެ.
ޕްލޭންގައިވާ ގޮތުން ފަތުރުވެރިން ސްނޯކްލިންގއާއި ޑައިވިންގއަށް ގެންދިއުމުގެ ހުއްދަ ވަކި އުސޫލުތަކެއްގެ މަތިން ސަފާރީ އުޅަނދުތަކަށާއި ރިސޯޓުތަކަށާއި ގެސްޓުހައުސްތަކަށް ދެވިގެންދާނެ ކަމާއި އެ ފަރާތްތަކުން އޮޅުގިރިއަށް އަރާ ކޮންމެ ފަހަރަކު “ބ. އޮޅުގިރި އެކްސެސް ޕާމިޓް” ބައްލަވައި ގަންނަން ޖެހެއެވެ.
މީގެ އިތުރުން ވީޑިއޯ އަދި ފޮޓޯނެގުން ފަދަ ކަންތައްތަކުގައި އަގު ނަގާނެ އުސޫލުވެސް ޕްލޭންގައި ބުނެފައިވެެއެވެ. އެގޮތުން ވިޔަފާރީގެ ކަންކަމުގައި އޮޅުގިރިއަށް އަރާ ކޮންމެ ދުވަހަކަށް 3،885 ރުފިޔާ ނެގުމަށް ހަމަޖެހިފައިވެއެވެ.