ވޯލްޑްކަޕް ފެށެން ކުޑަތަންވެފައި ވާއިރު މުބާރާތުގައި ބޭނުންކުރާ ބޯޅަ އަކީ އަބަދުވެސް ފުޓްބޯޅައަށް ސަޕޯޓުކުރާ ފަރާތްތަކުގެ ސަމާލުކަން ހުއްޓޭ އެއްޗެކެވެ. މިގޮތުން ބޯޅައަށް ފާޑުކިޔުމުގައި ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުންވެސް މުހިއްމު ދައުރެއް އަދާކުރެއެވެ.
މިފަހަރު މުބާރާތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެޑިޑާސް އުފަށްދާފައިވާ ބޯޅައެކެވެ. އެޑިޑަސް އަކީ 1970 ވަނަ އަހަރުން ފެށިގެން ވޯޅްޑްކަޕްގެ ރަސްމީ ބޯޅަ ބާޒާރަށް ނެރޭ ފަރާތެވެ. ބްރަޒުކާގެ ނަމުން ނަންދެވިފައިވާ މި ބޯޅައަކީ ފުޓްބޯޅައިގެ ނިމިދިޔަ ދިގު ތާރީހުގައި އެންމެ ދިގު މުއްދަތަކަށް ދިރާސާ ކޮއްފައިވާ ބޯޅައެވެ. ދެއަހަރާއި ހަމަސްދުވަސް ވަންދެން މިބޯޅައިގެ ދިރާސާތަށް ކޮށްފައިވެއެވެ. މިހާތަނަށް އައިއިރު މިބޯޅަ ވަނީ 600އަށްވުރެ ގިނަ ކުޅުންތެރިން ތަޖުރިބާކޮށް ބައިނަލްއަޤްވާމީ ގިނަ މެޗު ތަކެއްގައި ބޭނުންކޮށްފައެވެ.
މިބޯޅައަށް ނަންދެވިފައިވާ ގޮތަށް ބަލާލާއިރު، ބްރަޒުކާ މިނަން ނިސްބަތް ވަނީ ވޯލްޑްކަޕްކުޅޭ ގައުމުކަމަށްވާ ބްރެޒިލްގެ ރައްޔިތުންނަށް ނުވަތަ އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށެވެ. ފުރަތަމަ ފަހަރަށް ސަޕޯޓަރުންނަށް ހުޅުވާލައިގެން ބޯޅައަށް ނަންދީފައިވާއިރު، ބްރަޒުކާ މިނަން ދެވުނީ ވޯޓްދިން %77.8 ސަޕޯޓަރުންގެ ވޯޓުންނެވެ. މި ބޯޅައަށް ވޯޓް ދިނުމުގައި ބްރެޒިލްގެ 1 މިލއަނަށްވުރެ ގިނަ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރަށް މި ބޯޅައަށް ތަފާތު ދެނަމެއް ދިނުމަށް އެޑިޑާސް ގެ ޕެނަލްއިން ސަޕޯޓަރުންނަށް ހުށައަޅާފައިވެއެވެ. އެއީ، “ބޮސަނޯވާ” އަދި “ކަނަވަލެސްކާ” އެވެ.
ތާފާތުގިނަ ކުލަތައް ބޭނުންކޮށްގެން އުފަށްދާފައިވާ މި ބޯޅައިން ދެކުނު އެމެރިކާ އަދި ބްރެޒިލްގެ ފުޓްބޯޅައާއި ސަގާފަތުގެ ގިނަ ކަންތައްތަކެއް ދައްކުވައިދެއެވެ. ތަފާތު ހަ ޕެނެލް ހިމެނޭ މި ބޯޅަ އުފައްދާފައިވަނީ ހުރިހާގޮތަކުންވެސް ކުޅުންތެރިންނަށް ފަސޭހަވާނެގޮތަށެވެ. މިހަޕެނަލްގެ ސަބަބުން ވާރޭތެރޭގަވެސް ބޯޅައިގެ ދުވެއްޔަށް، ބަރުދަނަށް އަދި ބަށްޓަމަކަށްވެސް ބަދަލެއް ނާދެއެވެ. މީގެ އިތުރުން، ބްރަޒުކާ އަކީ ވަރަށް ބާރަށް ދަތުރުކުރާ، ގިނަވަގުތު ކުޅުނުނަމަވެސް އޭގެ ވަށަމިނަށް ބަދަލެށް ނާންނަ މޮޅު ބޯޅައެކެވެ.
ގިނަ ދިރާސާ ތަކަކަށް ފަހު އުފައްދާފައިވާ ބްރަޒުކާ މި ބޯޅަ ވެގެންދާނީ ފިފާގެ ތާރީހުގައި ލިޔެލެވޭނެ ފަދަ ފުރިހަމަ ބޯޅައަކަށް ކަމަށް ބޯޅަ ބޭނުންކުރި ބަޔެށް ފަރާތްތަކުން ބުނެއެވެ. ހަމައެއާއެކު، ބްރަޒުކާގެ ސަބަބުން މި ވޯލްޑްކަޕަށް އިތުރަށް މުހިއްމުވެގެން ދާއިރު މަޝްހޫރު ކުޅުންތެރިންގެ ނަޒަރުގަ މިއީ ވިނަގަނޑު މަތީގަވެސް އަދި ވައިތެރޭގަވެސް ގެންގުޅެން ވަރަށް ފަސޭހަ ވަރަށް ފުރިހަމައަށް ތައްޔާރު ކުރެވިފައިވާ ބޯޅައެކެވެ. އެޑިޑާސް އިން އުފައްދާފައިވާ މި ފުރިހަމަ ބޯޅައާއިއެކު ކުރިޔަށް އޮތް ވޮލްޑްކަޕް ކުޅެލުމަށް ކުޅުންތެރިން މިހާރު ތިބީ ކެތްމަދުވެފައެވެ.