މިނިވަން ޗެމްޕިއަންޝިޕް 2018 ފުޓްބޯޅަ މުބާރާތުގެ އަތޮޅު ބުރުގައި މިއަދު އޭދަފުއްޓާ ފެހެންދޫ ބައްދަލުކުރި މެޗް 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފެހެންދޫން ޒޯން ބުރާ ކައިރިއަށް ޖެހިލައިފިއެވެ.
މިއީ 2015 ވަނަވަނަ އަހަރުގެ ފަހުން މިނިވަން ޗެމްޕިއަންޝިޕް އަތޮޅު ބުރުގައި އޭދަފުށި ބަލިވި ފުރަތަމަ މެޗެވެ. އޭދަފުށީގައި މިއަދު ހަވީރު ކުޅުނު މެޗް ފެހެންދޫން ކާމިޔާބުކުރީ މެޗް ފެށިގެން ދެތިން މިނެޓްގެ ތެރޭގައި އޭދަފުށީ ޓީމުން ލީޑުވެސް ނަގާފައިވަނިކޮށެވެ. އޭދަފުށީގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އެޓީމްގެ ޖާޒީނަމްބަރ 8 އަހްމަދު ހަނީފެވެ. މިލަނޑުޖެހިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފެހެންދޫން ޖެހި ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯޒީނަމްބަރ 19 މުހައްމަދު ރީހާނެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ މިނަތީޖާއާއެކުއެވެ.
ދެވަނަ ހާފު ފެށިގެން އޭދަފުށިން ލަނޑެއްޖެހުމަށް ވަރަށް ބޮޑަށް ކުރިއަށްޖެހިގެން ކުޅުނު ނަމަވެސް ބޯޅަ ގޯލަށް ވައްދާލެވޭގޮތެއްނުވިއެވެ. ނަތީޖާއަކަށްވީ ދެވަނަ ހާފުގެ ފަހު ވަގުތުގައި ފެހެންދޫއަށް ލިބުނު ކޯނަރެއް ސީދާ ގޯލަށް ވައްދާލައި އެޓީމް ލީޑުނެގުމެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އާދަމް ނަސީމް (އެޑަމް) އެވެ. މިލަނޑަށްފަހު ފެހެންދޫން އިތުރަށް ކުރިއަށްޖެހި ކުޅެންފެށުމުގެ ނަތީޖާއަކަށްވީ އެޓީމުން މެޗްގެ އިތުރު ވަގުތުގައި ތިންވަނަ ލަނޑުޖެހުމެވެ. މިލަނޑު ކާމިޔާބުކޮށްދިނީ އޭދަފުށީ ޓީމަށް މިދިޔައަހަރު ކުޅުނު ގޮއިދޫގެ ތަޖުރިބާކާރު ފޯވާޑް އިބްރާހީމް މާޖިދު (މާޖީ)އެވެ.
މިނަތީޖާއާއެކު އޭދަފުށީ ޓީމުން ޒޯން ބުރަށް ކުރާ އުއްމީދުތަކަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ. އޭދަފުށި ޒޯން ބުރަށް ދިއުމަށް ދެވަނަ ލެގްގައި ތިންލަނޑުގެ ތަފާތަކުން ފެހެންދޫ ބަލިކުރަންޖެހެއެވެ.
މިއަދުގެ މެޗަށްފަހު އޭދަފުށީ ޓީމްގެ ކޯޗް މުހައްމަދު ޒާހިދު ބައްޓޭ ބުނީ މިއީ އުއްމީދުކުރި ނަތީޖާއެއްނޫންކަމަށާ، މިނަތީޖާއާއެކު ދެވަނަ ލެގުގައި މަސައްކަތް ދެގުނަ އިތުރަށް ކުރަންޖެހޭނެކަމަށެވެ.
“މިސްޓޭކް ހެދިގެން ބަލިވީ. އެއްގޮތަކަށްވެސް އުއްމީދުކުރި ނަތީޖާއެއްނޫން މީކީ. އަންނަމެޗުން މޮޅުވާން ޑަބަލް މަސައްކަތް ކުރަންޖެހޭ.”
ފެހެންދޫ ޓީމްގެ ކޯޗަކީ ކުރީގެ މަޝްހޫރު ގައުމީ ފުޓްބޯޅަ ކުޅުންތެރިޔާ އިސްމާއީލް އަނިލްއެވެ. އޭނާއަށް މިއަދުގެ މެޗަށް ނާދެވުމުން ޓީމަށް އިރުޝާދުދިނީ އެސިސްޓެންޓް ކޯޗެވެ. ފެހެންދޫ ޓީމްގެ މެނޭޖަރ މޫސާ ނަސީމް ބުނީ މިއަދުގެ މެޗާމެދު ވަރަށް ހިތްހަމަޖެހޭކަމަށާ، ދެވަނަ ލެގް ކާމިޔާބުކޮށް ޒޯން ބުރަށް ދެވޭނެކަމުގެ ވަރަށްބޮޑު ޔަގީންކަމެއް އެބައޮތްކަމަށެވެ.
“ކުޅުންތެރިން މިއަދު ކުރި މަސައްކަތް ވަރަށް ފުރިހަމަ. ވަރަށް އުފާވެފަަ މިހުރީ.ސަތޭކަ ފަސެންޓް ގެރެންޓީއޭވެސް ބުނަންކެރިދާނެ ޒޯން ބުރަށް ދެވޭނެއޭ. އެކަމަކު ފުޓްބޯޅައަކީ ކޮންމެފަދަ ނަތީޖާއެއްވެސް ނުކުމެދާނެ އެއްޗެއް”
މިނިވަން ޗެންޕިއަންޝިޕްގެ ބ. އަތޮޅު މުބާރާތުގެ ދެވަނަ ލެގްގައި އޭދަފުއްޓާ ފެހެންދޫ ބައްދަލުކުރާ މެޗް އޮންނާނީ އަންނަ ހޯމަދުވަހު އޭދަފުށީ ފުޓްބޯޅަ ދަނޑުގައެވެ