ބ. އަތޮޅު ހޮސްޕިޓަލްގެ ބައިގަރުނުގެ ތާރީހަށް ބަލައިލުމެއް

furatama-imaaraaiy-1.jpg

ބ.އަތޮޅު ހެލްތްސެންޓަރ ފުރަތަމަ ހިންގީ ބސމދ.ޖަމިއްޔާގެ އިމާރާތެއްކަމުގައިވާ "އެވަރބްލޫ "ގައި

މިއަދަކީ (2018 މާޗް 1 ) ބ.އަތޮޅުގެ ސިއްހީ ޚިދުމަތް ސަރުކާރުން ރަސްމީކޮށް ދޭން ފެށިތާ ބަރާބަރު 50 އަހަރު ފުރޭ ދުވަހެވެ. މި ތާރީޚީ ދުވަހާ ކުރިމަތިލާއިރު ވޭތުވެދިޔަ ބައި ގަރުނު ބ.އަތޮޅުގައި ސިއްހީ ޚިދުމަތް ކުރިއަރަމުން އައި ގޮތް ބަލައިލުމަކީ މި މުނާސަބަތުގައި ކޮންމެހެން ވެސް ކުރަންޖެހޭ މުހިއްމު މަސައްކަތެއްކަމަށް ދެކެމެވެ. ތާރީޚަށްޓަކައެވެ. މިއަދުގެ ދަރިންނަށް ރައްދުކޮށްދޭންޖެހޭ އަމާނާތެއްކަމަށް ދެކޭތީއާއެކުވެސް މެއެވެ.

ހަކީމީ ބޭސްވެރިކަން ނުވަތަ ދިވެހި ބޭސްވެރިކަމުގެެ ތާރީޚް ބަދަލުކޮށް ޑޮކްޓަރީ ފަރުވާ، އަތޮޅުތަކަށް ފެތުރުމަށް ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން ބ. އަތޮޅުގައި ހެލްތް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު އޮތީ 1 މާރޗް 1968 ގައެވެ. ރިޔާސަތު ގައި އިންނެވީ ބ.އަތޮޅުގެ ފަޚްރުވެރި އަތޮޅުވެރިޔާ އަލްމަރުޙޫމް އޭދަފުށީ ޔޫސުފް ކަލޭފާނެވެ. އަތޮޅުވެރިޔާގެ އެދިވަޑައިގަތުމުގެ މަތީން ހެލްތް ސެންޓަރު އިފްތިތާހް ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ބ. އަތޮޅުގެ އެއް މެންބަރު ގ. ކެތީރޯޒް އަލްމަރްހޫމް މުހައްމަދު ޝަރީފެވެ.

ކަނޑއެޅި ތާރީޚުގައި ހެލްތް ސެންޓަރު ހުޅުވުނު ކަމުގައިވިޔަސް ސެންޓަރުގެ މަސައްކަތްތައް ފެށުމަށްޓަކައި ސަރުކާރުން ފޮނުއްވަން ހަމަޖެހުނު ހެލްތު އެސިސްޓެންޓް އަލްފާޟިލް އިބްރާހީމް ސާލިހް އަށް އޭދަފުއްޓަށް ވަޑައިގެންނެވޭގޮތް ނުވުމުން ހެލްތު ސެންޓަރުގެ ހިދުމަތް ރައްޔިތުންނަށް ލިބެން ފެށީ 24 މާރޗް 1968ގައެވެ.

އޭދަފުށީ ގެ މަޝްހޫރު ބސމދ ޖަމިއްޔާ ގެ އިދާރާ ”އެވަރބްލޫ “ގައި ބ.އަތޮޅު ހެލްތް ސެންޓަރ ހިންގަން ފެށިއިރު ތަނުގައި މަސައްކަތް ކުރައްވަން ހުންނެވީ ހަމައެކަނި ހެލްތް އެސިސްޓެންޓެވެ. ވަސީލަތް ތައް ނުހަނު މަދު މީހުންގެ ހޭލުންތެރިކަންވެސް ކުޑަކަމާއެކު ސެންޓަރުން ޚިދުމަތް ހޯދަން އަންނަނީ މަދު މީހެކެވެ. އެހެންކަމުން ހެލްތް އެސިސްޓެންޓަކީ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެކޭ ބުނުމުގެ ބަދަލުގައި އެ ތަނުގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވަންޖެހެނީ އޭނާ އަށް ކަމުގައި ދެންނެވުން އެއީ ހެލްތް ވޯކަރަށް ލިބޭން ޕްލަސް ޕޮއިންޓެކެވެ. މިދެންނެވީ ކާތިބެއްގެ ވަޒީފާ އާއި މަސައްކަތު މީހެއްގެ ވަޒީފާވެސް އަދާ ކުރައްވަން ޖެހިފައި އޮތީ އޭނާއަށް ކަމަށް ވާތީއެވެ. އެހެންނަމަވެސް ހެލްތްވޯކަރަށް އެހުރިހާ މަސައްކަތެއް ނުކުރެވޭނެކަމަށް ބ.އަތޮޅު ކޮމިޓީއަށް ފެނިގެން އަތޮޅު ކޮމިޓީން މުސާރަ ދޭގޮތަށް މަސައްކަތު މީހަކު ހަމަޖައްސަވައިދެއްވިއެވެ. އެއީ އޭދަފުށީ ގުލްދަމްގޭ އަބްދުއްލަތީފް ހުސޭން އެވެ.

ހެލްތް ސެންޓަރުގައި ހިދުމަތް ދެމުން ގެންދިޔައީ ހެނދުނު 8:00ން 12:00 އަށް އަދި މެންދުރުފަހު 2:00ން 4:00 އަށެވެ. ނަމަވެސް 1980ވަނަ އަހަރު ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 7:30ން މެންދުރު 1:30 އަށް ކަމުގައި ހަމަޖެހުމާގުޅިގެން ހެލްތު ސެންޓަރުގެ ހިދުމަތް ދޭގަޑި އެގޮތަށް ބަދަލުވިއެވެ.

މި މަގާމުގައި ފާހަގަ ކޮށްލާ ހިތްވާ އެންމެ މުހިއްމު ނުކުތާއަކީ ސިއްހީ ޚިދުމަތަކީ ރައްޔިތުންނަށް ލިބިދޭން ޖެހޭ އަސާސީ ކަމަކަށް ވިޔަސް އޭރު ރާއްޖެ އެކަމަށް ތައްޔާރުވެފައި ނުވާ ކަމެވެ. އެއީ ގައުމުގެ އިގްތިސާދާއި ފުދުންތެރިކަން ނެތީކަމަށްވެސް ވެދާނެއެވެ. އެހެން ނަމަވެސް ވުޒާރަތުއްސިއްހާ އިން އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް ކޮންމެވެސް ވަރަކަށް ބޭސް ދޫކުރެއްވިކަން އޭރުގެ ލިއުންތަކުން ފެނެއެވެ. އެކަމަކު އެއީ ފުދޭވަރު ނޫންކަމުން ބ.އަތޮޅު ކޮމިޓީން މިކަމަށް ވަރަށް އިސްކަމެއް ދީގެން މާލެއިން ބޭސް ގަނެގެން ރަށުން ބޭސް ގަންނަން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނެވެ.

އޭދަފުށީ ކަންމަތީގެ. . ބ.އަތޮޅު ހެލްތްސެންޓަރ ދެވަނަ އަށް ހިންގާފައިވަނީ އަތޮޅު ކޮމިޓީން20 ރު.އަށް ކުއްޔަށް ނަންގަވައިގެން މި ގޭގައި

އެވަރބްލޫ “އިމާރާތުގައި ހަތް އަހަރެއްހާ ދުވަހު ހެލްތް ސެންޓަރު ހިންގުމަަށްފަހު ދެން ހެލްތް ސެންޓަރު ބަދަލު ކުރީ މަހަކު 20ރުފިޔާ އަށް ބ.އަތޮޅު ކޮމެޓީން ކުއްޔަށް ހިފި އޭދަފުށި “ކަންމަތީގެ” އަށެވެ. އޭރު ސެންޓަރަށް ހަމައެކަނި އިތުރުވީ ސާފުތެލުން ފިނިކުރާ ކުޑަކުޑަ އައިސް އަލަމާރިއެކެވެ. ފިނީގައި ބަހައްޓަންޖެހޭ ބައެއް ކަހަލަ ބޭހާއި އިންޖެކްޝަން ތައް ބެހެއްޓުމަށެވެ. މިއިމާރާތުގައި ހިދުމަތް ދިނުމަށްފަހު 1975 ވަނަ އަހަރުގެ އޮކްޓޯބަރު 8 ވަނަދުވަހު ހެލްތު ސެންޓަރު ބަދަލުކުރެވުނީ އަތޮޅު ކޮމެޓީގެ ފަރާތުން އަތޮޅުގޭގެ ކުރިމަތީގައި ސިއްހީ މަރުކަޒު ހިންގުމަށްޓަކައި އިމާރާތްކޮށްދެއްވި އާ އިމާރާތަށެވެ. މި އިމާރާތުގައި ސިއްހީ އެހީތެރިން ތިއްބަވާނެ ދެ ކޮޓަރީއާ ބަލި މީހުން ބަލާ ކޮޓަރިއަކާއެކު ބޮޑު ހޯލެއް އެކުލެވިފައިވެއެވެ. 

1968 ވަނައަހަރު ހެލްތު ސެންޓަރުގެ ނަމުގައި ހުޅުވުނު ބ. އަތޮޅު ހެލްތް ސެންޓަރު ބ. އަތޮޅު ސިއްހީ މަރުކަޒަށް ބަދަލުކުރެވުނީ 3 މާރޗް 1982 ގައެވެ. މި ބަދަލާއެކު ހެލްތު އެސިސްޓެންޓުންގެ ގޮތުގައި ހިދުމަތްކުރައްވަމުން ގެންދެވި ބޭފުޅުންގެ މަގާމުތަކުގެ ނަންވެސް ޖަމާއަތުގެ ސިއްހީ އެހީތެރިންގެ ނަމަށް ބަދަލުކުރެއްވިއެވެ. ހަމައެއާއެކު މަސައްކަތު މީހެއްގެ މަގާމު އުފައްދަވައި އެމަގާމަށް މީހަކު ހަމަ ޖެހިގެން ދިޔައެވެ.

ބ.އަތޮޅު ހެލްތް ސެންޓަރ ހިންގުމަށް ބ.އަތޮޅު ކޮމިޓީން ކޮށްފައިވާ އިމާރާތް. ހެލްތްސެންޓަރ މިތަނަށް ބަދަލުކޮށްފައިވަނީ 1975ގަ

ޖަމާއަތުގެ ސިއްހީ އެހީތެރިންގެ ދައުރު ފެށުމާއެކު ޑޮކްޓަރީބޭހަށް މީހުން އަހުލުވެރިވުން ވެސް އައީ އިތުރުވަމުންނެވެ. ރާއްޖޭގެ ތަރައްގީގެ ދުވެލި މަޑުމަޑުން ރަނގަޅުވެ ބޭރުގެ އެހީތެެރިކަން އިތުރުވުމުން އެކަމުގެ އަސަރު ސިއްހީ ދާއިރާއަށް ވެސް ކުރަމުން ދިޔައެވެ. ނަތީޖާއަކީ މި ސެންޓަރަށް 1986ވަނަ އަހަރު ކާތިބެއްގެ މަގާމާއި، އިތުރު މަސައްކަތު މީހެއްގެ މަގާމާއި ނާރސް އެއިޑެއްގެ މަޤާމް އުފެއްދެވުމެވެ. ހަމައެއާއެކު ޑަބްލިއޫ އެޗްއޯ އާއި ޔޫއެންޑީޕީ އާއި ޔުނިސެެފް އަދި ކުވޭތާއި އިރާގު އަދި އެހެންވެސް އެހީދޭ ބައެއް ޖަމާއަތްތަކުން ލިބެމުން ދިޔަ ހިލޭބޭސް ރައްޔިތުންނަށް ލިބިގެން ދިއުމެވެ.

މުޅި އަތޮޅަށް ޚިދުމަތް ދެވޭ ވަރަށްވުރެ އިމާރާތް ކުޑަކަމަށް ސަރުކާރަށް ގަބޫލު ކުރެވިގެން މިހާރު ބ. އަތޮޅު ހޮސްޕިޓަލް ހިންގަމުން އަންނަ ގޯތީގައި ޔޫއެންސީޑީއެފް ގެ އެހީގެ ދަށުން އިމާރާތް ކުރެވުނު ސިއްހީ މަރުކަޒު ހުޅުވުނީ 1989 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަދުވަހުއެވެ. މި އިމާރާތް ސިއްހީ މަރުކަޒަކުން އަތޮޅު ހޮސްޕިޓަލަކަށް ބަދަލުކުރެވުނީ 2001ވަނަ އަހަރު މާޗް 24ގައެވެ.

ދުވަހުން ދުވަހަށް ސިއްހީ ޚިދުމަތުގެ ޑިމާންޑް ބޮޑުވެ ސިއްހީ މަރުކަޒަކުން އަތޮޅު ހޮސްޕިޓަލަށް ބަދަލުވެގެން ދިޔައީ ހަމައެކަނި ނަމެއް ނޫނެވެ. ތަނުގެ ޚިދުމަތާއި ޑޮކްޓަރީ ފަރުވާ ވެސް މިހާރު އޮތީ ރައްޔިތުން ބަލައިގަންނަ ފެންވަރުގައެވެ. ކުރިން ބައްޔެއް ވިޔަސް މާލެއަށްދިއުން ނޫން އެހެން މަގެއް ފެންނަން ނެތަސް މިއަދު އަމިއްލަ ރަށުގައި ހުރެގެން ގިނަ ބަލިތަކަށްފަރުވާ ހޯދެއެވެ. އާދައިގެ އޮޕަރޭޝަންތަކާއި ގިނަ ޓެސްޓްތަކެއް ހެދެން ހުރުމާއެކު މިހިސާބުން ވެސް އަދި މި ނިމުނީއެއް ނޫނެވެ.

ސަރުކާރުގެ ބަސްމަގާ ހޮސްޕިޓަލް ހިންގުމާ ހަވާލުވެގެން ތިއްބެވި ބޭފުޅުންގެ ވާހަކަ ތަކުން އެނގިގެންދަނީ މިއީ އަދި ކިރިޔާ ފެށުން ކަމުގައެވެ. އެގޮތުން މި އަހަރުތެރޭގައި ޕްރައިވެޓް ރޫމްތަކެއް އިތުރު ކުރުމާއި ދަތުގެ ފަރުވާ އާއި އިތުރު ވަސީލަތްތަކާ އިތުރު ޚިދުމަތް ތަކެއްވެސް ތައާރަފްވެގެން ދާނެކަމަށް 37 އަހަރު މި މަރުކަޒުގައި މެދު ނުކެނޑިމަސައްކަތް ކުރައްވަމުން ގެންދަވާ ބ.އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރ އަހްމަދު ވަހީދު ވިދާޅުވިއެވެ.

ވަހީދުގެ ތަސައްވަރުގައި ހަގީގީ ކުލަޖެހުމަކީ ދުރުކަމެއް ނޫނެވެ. ސިއްހީ ދާއިރާއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއެކު މިއުއްމީދުވެސް ހާސިލްވާކަށް ގިނަ ދުވަސްތަކެއް ނަގާނޭކަމަކަށް ނުދެކެމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top