ހިންދީ ފިލްމް އިންޑަސްޓްރީގެ ކުރީގެ އެކްޓްރެސް، ރޭކާގެ ފަރާތުން ދީޕިކާ ޕަޑުކޯން އަށް ވަރަށް އަގުހުރި ހަދިޔާ އެއް ލިބިއްޖެއެވެ. ރަންކުލައިގެ ޓައީއަކުން އައްސާފައި ފޮނުވި ރަންކުލައިގެ ޕާސަލް ލިބުމުން ދީޕިކާ ބުނީ މިއީ އޭނާ އަށް ލިބުނު ވަރަށް އަގުހުރި ހަދިޔާ އެއްކަމުގައެވެ. ޕާސަލް ކަނޑާލި އޭގައި އޮތީ ދީޕިކާގެ ފަހު ފިލްމް “ޕަދްމާވަތު” ކުޅެފައިވާ މޮޅުކަމުން އެކަމަށް ތައުރީފުކޮށް ރޭކާގެ އަތުން ލިޔެފައިވާ ސިޓީއެކެވެ. މި ސިޓީ ރޭކާ ފޮނުވާފައިވާއިރު ބޮލީވުޑްގެ ސަހެންޝާހް އަމީތާބް ބައްޗަންވެސް ވަނީ ހަމަ މިގޮތަށް އަމީތާބްގެ އަތުން ލިޔެފައިވާ ނޯޓެއް ފޮނުވާފައެވެ.
ދީޕިކާގެ ފޭވަރިޓް އެކްޓަރ، ރޭކާގެ ފަރާތުން މިއީ ދީޕިކާ އަށް ލިބުނު ފުރަތަމަ ހަދިޔާ އެއް ނޫނެވެ. އޭގެ ކުރިންވެސް ރޭކާވަނީ ރީތި ރިހިކުލައިގެ ސާޅީއެއް ދީޕިކާގެ ފިލްމް ބަޖިރާއޮ މަސްތާނީ ބެލުމަށްފަހު ހަދިޔާ ކޮށްފައެވެ. ދީޕިކާ މިސާޅި ފުރަތަމަ އަޅާފައިވަނީ އޭނާގެ ބެެސްޓްފްރެންޑްގެ ކައިވެނީގެ ހަފްލާއަށެވެ.
މިދެމީހުންގެ އިތުރުންވެސް ފިލްމީ ދާއިރާގެ ގިނަ ބަޔަކު ދީޕިކާ އަށްދަނީ އެކިގޮތްގޮތުން ތައުރީފުގެ މެސެްޖްތަކާއި ފޯންކޯލްތަކުގެ އިތުރުން ހެޔޮ އެދުމުގެ ކާޑުވެސް ފޮނުވަމުންނެވެ. މަޝްހޫރު ޅެންވެރިޔާ އަދި ވާހަކަ ލިއުންތެރިޔާ ޖާވީދު އަޚްތަރު ޕަދްމަވާތު ބަލާފައި ދީޕިކާއަށްވަނީ މަދަރ އިންޑިއާ ނުވަތަ އިންޑިއާގެ މަންމަގެ ލަގަބު ދީފައެވެ.
ޕަދްމަވާތުއަށް ފަހު މިހާރު ދީޕިކާ ވަނީ ބޮލީވުޑްގެ އެންމެ މޮޅު ބަތަލާކަމުގައި ވެފައެވެ. ފިލްމްގެ މޮޅުކަމަށް މީހުން ތައުރީފް އޮއްސަމުން ދާއިރު އޭނާ ބުނީ ފިލްމްގައި ރާނީ ޕަދްމަވަތީގެ ހަޔާތް ދައްކައިދެވުނު ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ރާނީ ޕަދްމަވަތީގެ ހަޔާތް އަސްލާ އެއްގޮތަށް ގެނެސް ދެވުނު ކަން މީހުން ގަބޫލު ކުރާތީވެ އިންޑިއާ އަންހެނަކަށް ވުމުން ފަޚްރުވެރިވާކަމަށެވެ.