
އޭދަފުށީ އޮފީސްތަކަށް ހުޅުވާލައިގެން މިދިޔަމަހު ބޭއްވި ބެޑްމިންޓަން މުބާރާތުގައި އޮފީހެއްގެ 2 މުވައްޒަފަކު ކުޅެނީ. ބެޑްމިންޓަންގެ ފޯރި އޭދަފުށީގައި ވަނީ ގަދަވެފައި / ފޮޓޯ: އީޓީ
ބ. އޭދަފުށިގައި ބެޑްމިންޓަން ޓްރޭނިންގ ޕްރޮގްރާމެއް ފަށައިފި އެވެ.
ދިހަ ދުވަހުގެ މުއްދަތަށް އޭދަފުށީ ޔޫތު ސެންޓަރުގެ ބެޑްމިންޓަން ކޯޓްގައި ކުރިއަށް ގެންދާ މި ޓްރޭނިންގ ޕްރޮގްރާމުގައި 70 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައި ވެ އެވެ.
އޭދަފުށީ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމެޓީ (ބީޑީސީ) އިން ބުނީ އޭދަފުށީ ބީޑީސީން ކުރިއަށްގެންދާ މި ޓްރޭނިންގ ޕްރޮގްރާމުގެ މަގުސަދަކީ އޭދަފުށީގައި ބެޑްމިންޓަން ކުޅޭ ކުޅުންތެރިންގެ ފެންވަރު މަތިކުރުމާއި އިތުރު ކުޅުންތެރިން އުފެއްދުން އަދި އޭދަފުށީގައި ބެޑްމިންޓަންގެ ފޯރި އިތުރުކުރުމެވެ. މި ޕްރޮގްރާމުގައި ކިޔަވައިދެއްވަނީ ރާއްޖޭގެ ތަޖުރިބާކާރު ބެޑްމިންޓަން ކުޅުންތެރިއެއް އަދި ކޯޗެއް ކަމަށްވާ ހުސެއިން ރިޔާޒް (ބަބާ) އެވެ.
ބެޑްމިންޓަންގެ ފޯރި އޭދަފުށީގައި ގަދަވެފައިވާއިރު އޭދަފުށީ ބެޑްމިންޓަން ޓީމަކީ މިދިޔައަހަރު ރާއްޖޭގެ އަތޮޅުތަކުގެ ޗެންޕިއަނެވެ. ބީޑީސީން ވަނީ މިދިޔަ އަހަރުތަކުގައި ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ތަފާތު ޓްރޭނިންތައް ކުރިޔަށްގެންގޮސްފައެވެ.