
ހިތާދޫއަށް އިންޖީނެއް ގެނައުމަށް ޔުނީ އިންޖިނިއަރިން އާއެކު އަތޮޅު ކައުންސިލުން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިޔާތުގެތެރެއިން. / އީވީ ފޮޓޯ: ޕްރިންސް ނަވާ
ބ. ހިތާދޫ އިންޖީނުގޭގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން 150 ކިލޯވޮޓު ޖަނަރޭޓަރެއް ހިތާދުއަށް ގެނައުމަށް އަތޮޅު ކައުންސިލުން ބަޔަކާ ހަވާލުކޮށްފިއެވެ.
ބ. އަތޮޅު ކައުންސިލުން އިއްޔެ އެއިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މިމަސައްކަތް ހަވާލުކޮށްފައިވަނީ ޔުނީ އިންޖިނިއަރިން އާއެވެ. އަތޮޅު ކައުންސިލުން ބުނީ މިއެއްބަސްވުމުގެ ދަށުން ރޯދައިގެ ކުރިން އެރަށަށް މިޖަނަރޭޓަރު ގެނައުމަށް ނިންމާފައިވާކަމަށެވެ. އެއިދާރާއިން ބުނީ މިއީ ހިތާދޫ ރައްޔިތުންގެ އިންޖީނުގެ ތަރައްޤީކުރުމަށް 2008ވަނަ އަހަރު ސަރުކާރުން ދެއްވި 5 ލައްކަ ރުފިޔާ ހަރަދުކޮށްގެން ގަންނަން ހެމަޖެއްސި އިންޖީނެއްކަމަށެވެ.
2000 ވަނައަހަރު ރައްޔިތުންގެ ނަމުގައި ހިންގަންފެށި ހިތާދޫ އިންޖީނުގެ 2009ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނަށް ބަދަލުވިނަމަވެސް އެރަށުގެ ކަރަންޓްގެ ހާލަތު މިވަގުތު އޮތީ ވަރަށް ދަށުގައިކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އެއިދާރާއިން ބުނީ މިދިޔަ 3 މަސްދުވަސް ތެރޭގައި ހިތާދޫގައި މިހާރު ބޭނުންކުރާ 100 ކިލޯވޮޓްގެ 2 ޖަނަރޭޓަރަށް ބޮޑެތި މައްސަލަތައް ދިމާވެ، ރަށުން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވަމުން އަންނަކަމަށެވެ.
ރޯދައިގެ ކުރިން ބ. އަތޮޅު އޭދަފުއްޓަށް ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތް އޭދަފުށީ ކައުންސިލުންވެސް ދަނީ ކުރަމުންނެވެ. އަނެއްކޮޅުން ކަމަދޫ އިންޖީނުގޭގެ ޖަނަރޭޓަރުތަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެރަށުގެ ކަރަންޓްގެ ހާލަތު ވަރަށްބޮޑަށް ދަށަށްގޮސްފައިވާކަމަށްވެއެވެ. ފެނަކަ ކޯޕަރޭޝަނުން ބުނަމުންދަނީ ރޯދައިގެ ކުރިން ބ. އަތޮޅުގެ ބައެއް ރަށްރަށަށް އާއިންޖީނުތަކެއް ލިބޭވަރުވާނޭކަމަށްވެ.