އޭދަފުށީގެ ގޭގެއަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އޭދަފުށީގެ މަގުތަކުގައި ވަޅުލަމުންދާ ފެންހޮޅީގެ މަސައްކަތް އަންނަމަހުގެ ނިޔަލަށް ނިމޭނެކަމަށް އެމަސައްކަތް ހަވާލުވެފައިވާ ސެނޮކް ޓްރޭޑް ކޮމްބައިން އިން ބުނެފިއެވެ.
މިދިޔަ އޯގަސްޓްމަހު ފެށި މިމަސައްކަތުގެ ދަށުން އޭދަފުށީގެ މަގުތަކުގައި ފެންހޮޅި ވަޅުލުމުގެ މަސައްކަތް ސެނޮކްއިން ދަނީ ވަރަށް ބާރުސްޕީޑްގައި ކުރަމުންނެވެ. އެކުންފުނީގެ އޭދަފުށީ ސައިޓްގެ އިސްއޮފިޝަލް މުހައްމަދު ރާމިޒް ވިދާޅުވީ ފެންހޮޅި ވަޅުލުމުގެ މަސައްކަތުގެ ފަސްދޮޅަށް ފަސް އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ލަސްތަކެއްނުވެ ހައުސް ކަނެކްޝަންގެ މަސައްކަތްވެސް ފަށާނެކަމަށެވެ.
“މައިހޮޅި ވަޅުލުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް އެބަގެންދަން. މިހާރު މިއޮތީ ފަސްދޮޅަށް ފަސްޕަސެންޓް މަސައްކަތް ނިމިފައި. ވަރަށް އަވަހަށް ގޭގެއަށް ހޮޅިކޮޅު ވެއްދުމުގެ މަސައްކަތް ފެށޭނެ. ފެބުރުވަރީ މަސް ނިމުމުގެ ކުރިން ހައުސް ކަނެކްޝަން ނިންމާލުމަށް މަސައްކަތް މިކުރަނީ. ވަރަށް ހީވޭ ނިމޭނެހެން” މިދިޔަ ދައުރު އޭދަފުށީ ކައުންސިލްގެ މެމްބަރުކަންވެސް ކުރެއްވި ރާމިޒް ވިދާޅުވިއެވެ.
ރާމިޒް ވިދާޅުވީ މަގުތަކުގައި ފެންހޮޅި ވަޅުލުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިޔަށް ގެންދެވުނު ނަމަވެސް އާރުއޯ ޕްލާންޓްގެ މަސައްކަތް ކުރިޔަށްދާ ސްޕީޑް ލަސްކަމަށެވެ. އޭނާ ވިދާޅުވީ އެހެންދިމާވެފައިވަނީ މަސައްކަތް ކުރާ މީހުން މަދުވުމުގެ ސަބަބުންކަމަށާ، އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މުޅި ޕްރޮޖެކްޓް މާރޗްމަހުގެ ނިޔަލަށް ނިންމުމަށް އަމާޒުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“ޕްލާންޓް މަސައްކަތް ލަސްދެއްތޯ ކުރިޔަށްދާވަރު. ދިމާވެގެން އުޅޭ މައްސަލައަކީ މަސައްކަތް ކުރާ މުވައްޒަފުން މަދުވެ އޭގެ އުނދަގޫ ފޯރައިގެން މިއުޅެނީ. އެކަން ހައްލުކުރެވޭތޯ މަޝްވަރާ ކުރެވެމުންދަނީ. މާރޗްގެ ނިޔަލަށް ޕްރޮޖެކްޓްގެ މުއްދަތުވެސް ހަމަވާނެ. އުއްމީދަކީ ތާރީހަށް ހުރިހާ ކަމެއް ނިންމުން”
އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ލޯން އެހީ އާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މި މަޝްރޫއު ސެނޮކް ޓްރޭޑް ކޮމްބައިން އާ ހަވާލުކޮށްފައި ވަނީ 74.3 މިލިއަން ރުފިޔާއަށް، ހަތް މަސް ދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ.
މި މަޝްރޫއުގެ ތެރޭގައި އޭދަފުށީގައި 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް އަދި 192 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ އެވެ. ސެނޮކް އިން ބުނީ އޭދަފުށީގެ 500 އަށްވުރެ ގިނަ ގޭބިސީއަށް ހައުސް ކަނެކްޝަން ހަދަން ހަމަޖެހިފައިވާ ކަމަށެވެ.