ވާހަކަ ލިއުނީ އައިޝާ (ޑިސެމްބަރ29އާގުޅޭ )
ނާކާމިޔާބާއެކު ހިތުގެ ހަސްރަތާ އުންމީދުތަކުގައި ކަފުންލެވިގެންވާ ހާލު ސާލިމަށް ވެސް ޖެހުނީ އެނބުރި މާލެދާށެވެ. ޗުއްޓީ ހަމަވީއެވެ. ކޮޅެއް މިނެއް އެނގުމެއް ނެތް ދިގު އިންތިޒާރެކެވެ.
ޒާހިޔާދެކެ އޭނާ ލޯބިވަނީ އިންތިހާއަށެވެ. އެއީ އޭނާގެ ފުރަތަމަ ލޯތްބެވެ. އެލޯތްބާ ނުލާ އޭނާގެ ދިރިއުޅުން ފުރިހަމައެއް ނުވާނެއެވެ. އެކަމަކު ޒާހިޔާ އޭނާދެކެ ލޯބިވޭ ހެއްޔެވެ؟ މިސުވާލުގެ ޖަވާބު އޮތީ ލިބިފައެވެ. އެކަން އަމަލީ ގޮތުންވެސް ޒާހިޔާ ދިޔައީ ދައްކަމުންނެވެ. ހަގީގީ ލޯބިވެރިން ފަދައިން އޭނާވެސް ޕާކްތަކާއި ލޯބިވެރިންގެ މަންޒިލްތަކުގައި “އާޝިގްހޫން ބަރޫންކާ” ވެގެން އުޅޭ ހިތްވެއެވެ. އަތުގުޅާލައިގެން ހަނދުވަރު މަތީގައި ހިނގާލަން ދާހިތް ވެއެވެ. އެކަމަކު އެކަހަލަ ފުރުސަތެއް ޒާހިޔާ ނުދިނީ އޭނާދެކެ ލޯބި ނުވާތީ އެވެ.
އޭނާއަށް ޒާހިޔާ އާ ކައިވެނި ކުރެވިދާނެއެވެ. އެކަމުގައި ހުރަހެއް ނެތެވެ. އެހެންނަމަވެސް އެކަމުން ލިބޭނެ އުފަލަކީ ކޮބާ ހެއްޔެވެ؟ ލޯބިނުވާ މީހަކާ އިނދެގެން ލިބޭނެ އުފަލެއް އޮންނާނެ ހެއްޔެވެ؟
މި އިހްސާސްތައް އޭނާގެ ވިސްނުން ބަދަލު ކުރަން ފަށައިފިއެވެ. ކައިވެނި ބިނާ ވާންވާނީ ލޯބީގެ މައްޗަށެވެ. ޒާހިޔާ އޭނާދެކެ ލޯތްބެއް ނުވެއެވެ. އެއީ ޒާހިޔާގެ ކުށެއް ނޫނެވެ. އެއަށްވުރެ މާކުރިން ޒާހިޔާ ވަނީ ވަނޫދު ދެކެ ލޯބިވެ ލޯބީގެ އެގުޅުން ކަނޑާނުލެވޭ ވަރަށް ބާރުގަދަ ކޮށްފައެވެ. އެހެންވީމާ އޭނާ ޖެހޭނީ ޒާހިޔާ އާ ވަނޫދުގެ ދުނިޔެއިން ބޭރުވާށެވެ. އެހެނީ ސާލިމު އަކީ ވަނޫދުއާއި ޒާހިޔާގެ ދުނިޔެއަށް ވަލު ދޮރާށިން ވަދެގެން އައިސް އުޅޭ މީހަކަށް ވާތީއެވެ.
އަމިއްލަ ނަފްސާ ކުރި ހަނގުރާމައިން ބަލިވެއްޖެކަމާ ބޮޑުފާފައެއް ކުރެވިއްޖެކަމަށް ސާލިމު އަށް ފުރަތަމަ ފަހަރު ގަބޫލު ކުރެވިއްޖެއެވެ. އެފާފައިގެ ކައްފާރާ އަކަށް ވާނީ ޒާހިޔާ ދޫކޮށްލުމެވެ. ޒާހިޔާ ހުރީ މައިން ބަފައިންނަށް ބާރު ފޯރުވައިގެން ގައިދު ކޮށްފައެވެ. ހުރިހާ ހަގީގަތެއް ޒާހިޔާ އަށް ކިޔައިދިނުމަށްފަހު ޒާހިޔާގެ ކިބައިން މާފު ހޯދުމަށް އޭނާ ނިޔަތް ގަތެވެ. އެހެން ދިރިއުޅުމެއް ހޯދުމަށް ގަސްދު ކުރާއިރު މިއީ އެންމެ ފުރަތަމަ ނިންމަން ޖެހޭ ކަންތަކެވެ.
ރަށުތެރޭގައި ކުއްލިއަކަށް ވަނޫދު ރަށަށް އައިސްއުޅޭ ވާހަކަ ދެކެވެން ފަށައިފިއެވެ. އެއަޑު އެންމެ ފަހުން ޒާހިޔާއާ ހަމައަށްވެސް ފޯރައިފިއެވެ.
އެދުވަހު ރަށުގެ ދެކުނު ފަރާތު އަތިރިމައްޗަށް ވަނޫދު ދިޔައީ މަސްއޮޑިފަހަރު ލަފާ ތަނާއި އެތަނުގައި ކުރިންވެސް އޮންނަ ދިރުމާއި ހަވީރުގެ އުފާވެރި މާހައުލު ދެކިލާށެވެ. އަތިރިމައްޗަށް އައުމާއެކު އޭނާ ހައިރާން ވެއްޖެއެވެ. މުޅި އެމައިދާން ބަދަލުވެއްޖެއެވެ. ކުރީގައި ހުރި ފެހިކަމާއި ގުދުރަތީ ވެށި އޮތީ އިންސާނުންގެ ބޭނުންތަކަށް ހަލާކު ކޮށްލާފައެވެ.
ވަނޫދުގެ ވަޅުލެވިފައިވާ ހަނދާންތަކެއްގެ ރިހުން ހިތުގައި ހައިޖާނު އުފައްދަން ފަށައިފިއެވެ. އޭނާ ވަރަށް ބާރަށް ހިނގާފައި ކުރިއަށްދިޔައެވެ. ދުނިޔޭގެ ލޯތަކަށް ގެއްލެން ވެގެން ޒާހިޔާއާއެކު ވަދެއުޅުނު ހޭޅިފަށުގައި ހެދިފައި ހުރިމަގޫގަސްތަކާ ބޯށިގަސްތައް ފެނޭތޯއެވެ. ފެހި ވާދީއެއްހެން ދުރަށް ފެތުރިފައި އޮތް ވިނަގަނޑާއި ކުރެދިގަސްތަކާއި ބޯށިގަސްތަކުގެ ހިތްގައިމުކަން ނެތިވެ ހިނގައްޖެއެވެ. އޭނާގެ ލޯތްބެކޭ އެއް ފަދައިންނެވެ. ލޯބީގެ އެމަގާމާއި މަކާން ގެ ނިޝާންވެސް ފެންނަން ވެސް ނެތީއެވެ. މިހާރު އެއީ ސަރާސަރު ހުސް ބިމެކެވެ. އެއީ ޒާހިޔާ އާއި އޭނާގެ ލޯބި ކަފުންކޮށް ވަޅުލެވިފައިވާ ގަބުރުސްތާނުކަމުގައި ހީކުރެވުމުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނާ އަނެއްކޮޅަށް ދުއްވައިގަތެވެ. އެތަނުގައި ހުރި ހިރުދުގަހުގައި އެލުވާފައި ހުރި އުދޯލިތަކާ ދިމާއަށެވެ. އެ އުދޯލީގައި ވަރަށް ގިނައިން ޒާހިޔާ އިންނާނެއެވެ. ބައެއް ފަހަރު ވަނޫދު ފުރަގަހުން އައިސް ޒާހިޔާގެ މޫނުގައި އަތް އަޅާލުމާއެކު ލާނެތްވެފައި، މީހަކަށް ފެނިދާނެއޭ ސިއްރު ސިއްރުން ބުނެ ދެއަތުން މޫނު ފޮރުވާލައެވެ. ވަނޫދު ބުނެއެވެ. ލޯތްބާއި ގޮމަކަސްތޫރިއަކީ ސިއްރު ކުރެވޭނެ އެއްޗަކަށް ނުވާއިރު މީހަކަށް ފެނިދާނީ ބިރުގަންނާކަށް ނުޖެހެއެވެ
އެގަސްވެސް ނެތިވެދިޔައީއެވެ. ހުރިހާ ހަނދާނެއް ދިޔައީއެވެ. ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. މިއީ މިހާރު މުޅިން އެހެން ތަނެކޭ ހީވާ ވަރަށެެވެ.
“ދެން ޒާހިޔާ……. ! ” އޭނާވެސް ވަކިވެގެން ދިޔައީއެވެ. އެހެން ދުނިޔެއަކަށެވެ. އެހެންމީހެއްގެ ދިރިއުޅުން އާބާދު ކުރާށެވެ.
އިރު އޮއްސުނީ ހަނދުވަރުދޭ ރީތި ރެއަކަށެވެ. އަތިރިމަތީގައި ދުވެ ސަކަރާތް ގަންނަން އުޅުނު ކުދިންތަކާ ހަވީރުގެ އުފާ ލިބިގަތުމަށް އެ މައިދާނަށް ޖަމާވި އެންމެން ކަހަލަ ގޮތަކަށް ގޮސް ނިމުނު އިރުވެސް ވަނޫދު އިނީ އެތަނުގައި އޮތް ރުއް ގުޅިއެއްގައި އިށީލައިގެންނެވެ. ގަސްކަރައިގެ ބިއްދޮށުން ބޯދިއްކޮށްގެން ،ރޭގަނޑުގެ އަރޫޝާ ހިނިތުންވާން ފަށައިފިއެވެ.. މިއީވެސް ހަމަ އެކަހަލަ ރެއެކެވެ. މީގެ ހަތް އަހަރުކުރިން ހަމަ މި ތަނުގައި އިނދެގެން ޒާހިޔާ އާއެކު މި މަންޒަރު ބަލަމުން ގެންދިޔައެވެ. މިރޭ …. އެހަނދާންތައް ހީވަނީ އޭނާ ކާލަން އުޅޭހެންނެވެ. ހަނދުވަރުގެ ހިޔަނި ގަސްތައްކަށް އެޅުމުންވެސް އެހިޔަނިތަކަށް ޒާހިޔާގެ ސިފަ ލިބިގެން އައިސް އޭނާ އަށް މަލާމާތް ކުރަނީއެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟ އޭނާ ކުށެއް ނުކުރެއެވެ. ބޭވަފާތެރިއެއް ނުވެއެވެ. ކުރިކަމެއް ކުރީ ޒާހިޔާއެވެ. އެހެންވިއްޔާ އޭނާގެ ހިތާއި ފިތް ވިރިގެން އަމިއްލަ ނަފްސުގެ މަލާމާތް ލިބެން މިޖެހެނީ ކިއްވެގެން ހެއްޔެވެ؟ ހަމައެވަގުތު ހިތުގެ އެންމެ އަޑިން ޖަވާބު އައެވެ. ޒާހިޔާ އަށް ވާނެ ގޮތެއް ވާން ދޫކޮށްލީމައެވެ. އޭގެ ސަބަބުން އެފަކީރަށް ލިބުނު ހުރިހާ އަނިޔާ އެއްގެ ޒިންމާދާރަކީ ވަނޫދު ނޫން ދެންް ކާކު ހެއްޔެވެ؟
އަށެއް ޖަހައިފިއެވެ.
ދެ އަންހެންކުދިން ސީދާ އޭނާ އިން ދިމާލަށް އަންނަނީ ކީއްވެގެންކަމެއް ނޭގެއެވެ. ވަނޫދުގެ މޭގަނޑު ނެގިނެގިފައި ޖެހެއެވެ. އެއީ އޭނާ ހިތުދަސް ހިނގުމެކެވެ. ހިނގުމުގައި ހުރި ރާގާ އޭނާއާ ގުޅިއްޖެއެވެ. އަރްމާނީ ކޯޑްގެ މީރު ސެންޓްވެސް ހިއްސުތަކުގައި މާޒީވެފައިވާ ހަނދާންތަކެއްގެ އެރާގު ރީތި މިއުޒިކަކަށް ވެއްޖެއެވެ. އެއީ ޒާހިޔާ އާއްމުކޮށް ބޭނުންކުރާ ސެންޓެވެ. ހިތަށް އެރިއެވެ.. ތެދުވެގެން ދާނީ ހެއްޔެވެ. ނޫނީ މި ތަނުގައި އިންނާނީ ހެއްޔެވެ. އެކަމާ ގޮތއް ނުނިމި އުޅެނިކޮށް އެއްކުއްޖަކު މަންމާ ކިޔާފައި ހަޅޭއްލަވައިގެންފިއެވެ. އެތަނުގައި މީހަކު އިންކަން އެނގިގެން ބިރުގަތީއެވެ.
އެއީ ޒާހިޔާއެވެ. އޭނާއާއެކު ހުރީ ޒަރީނާއެވެ. އެތައް ދުވަހެއް ވީއިރުވެސް މި ދެ އެކުވެރިންގެ އެކުވެރިކަން އަދިވެސް ދެމި އެބައޮތެވެ.
ވަނޫދު ތެދުވެއްޖެއެވެ. އޭނާ ޒަރީނާއަށް ގޮވާލިއެވެ.
“އަހަންނަކީ ފުރޭތައެއްކަމަށް ހީކޮށް ޒާހިޔާ ބިރުގަތީ. އެހެންނޫންތަ ؟ ” ވަނޫދުގެ އަޑުގައި ހުރި އާދަޔާ ޚިލާފު ތުރުތުރު ޒަރީނާއަށް އިހުސާސްކުރެވިގެން ހޭން ފަށައިފިއެވެ.
“ވަނޫދު ! ތިޔައައީ އެތައް މޭލެއްގެ ދުރަށް ދުވެފަތަ. ހީވަނީ އޭގެ ވަރުބަލި ކަމުގައި ހުރިހެން.” ވަނޫދުއަކަށް ޖަވާބެއް ނުދެވުނެވެ. އަޑު އޭނާއަށް އެހީނުވީއެވެ. އެއީ ޒާހިޔާ އަށްޓަކާ އުފެދުނު ހިތުގެ ތެޅުމުން ވީގޮތެކެވެ. ހަމައެވަގުތު އެބައަންނަމޭ ކިޔާފައި ޒަރީނާ ދުއްވައިގެންފިއެވެ. ދެ ލޯބިވެރިންނަށް ވަގުތު ދިނީއެވެ.
ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ވަނޫދު އެކަން ނިމުމަކަށް ގެނެސްފިއެވެ.
“އަހަރެންގެ ގާތުގައި މިހިރީ މީހެއްގެ އަނތްބެއްކަމަށްވިޔަސް ހާލު ކިހިނެއްތޯ އަހާލެވިދާނެތަ! ”
ޒާހިޔާ އިސް އުފުލައިލިއެވެ. އަދި ވަނޫދުއަށް ރަނގަޅަށް ބަލައިލިއެވެ. އެތައް ދުވަހެއް ވީއިރުވެސް ވަނޫދުއަށް އެއްވެސް ބަދަލެއް ނާދެއެވެ. ހަމަ އެސިފައެވެ. އެހިނިތުންވުމެވެ. އެކަމަކު ހިނިތުންވުމުގައި ކޮންމެވެސް ކަމެއް ފޮރުވިފައިވާކަން ޒާހިޔާ އަށް ފާހަކުރެވުނެވެ.
“މައުލޫމާތު މުޅިން ފުރިހަމައެއް ނޫން.” ޒާހިޔާ ބުނެލިއެވެ.
“އަހަރެން އެހިން ސާލިމުއާ އިންނަން ރަންކިޔައިފި ވާހަކަ ހަމަގައިމުވެސް.”
“ތެދެއް. މީގެ ދުވަސްތަކެއްގެ ކުރިން. އެކަމަކު އެކަން ނިމިއްޖެހެން ހީވަނީ .”
“އެހާ ބޮޑުކަމެއް އެހާ އަވަހަށް ނިމޭނެތަ؟ ކީއްވެ ؟”
“ކީކޭ ބުނާނީ ! ޒާހިޔާ މާނޭވާއެއްލުމާއެކު ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ. “ތަގްދީރުދޯ . ހީވަނީ މަންމަމެންގެ ތަދުބީރުގެ ބަލިކަށިވެފައި އަހަރެންގެ ތަގްދީރު ވަރުގަދަ ވީހެން. އަހަރެން ކުރަން ބޭނުންނޫންކަމެއް ވީމާ އެކަން ނިމުނީ. ”
ވަނޫދުގެ ލޯބި އަނބުރާ ލިބެން އުޅޭކަމުގެ އިލްހާމެއް ވީހެން ހީވިއެވެ.. އެކަން ޔަގީން ކޮށްލުމުގެ ގޮތުން އޭނާ އެހިއެވެ. ” މިހާރު ކާކު ؟”
ތީ އަހަރެން ކުރާ ސުވާލެއްނަމަ ވަނޫދުގެ ޖަވާބަކީ ؟”
“ހަމައެކަނި މިހާރަކު ނޫން. ކުރިންވެސް ޒާހިޔާ. ދެންވެސް ޒާހިޔާ.”
“އަހަރެންވެސް .” އެހެންބުނުމާއެކު ޒާހިޔާމޫނުގައި އަތް އަޅައިފިއެވެ. ލަދުގަތީކަން ނޭގެއެވެ.
އެއާއެކު ވަނޫދު، ޒާހިޔާ ގެނެސް ކައިރިކޮށްލިއެވެ. ނިތްކުރީގައި ބޮސްދެމުން ސަމާސާކޮށްލިއެވެ.” ހުސްދޮގު”
“އެހެންވިއްޔާ ޒަރީނާ ގާތު އަހާބަލަ. ” ޒާހިޔާ ބުންޏެވެ. އޭނާއަކީ އަހަރެންގެ ޑައިރީ. އެޑައިރީގެ ކޮންމެ ސޮފްހާއެއްގައި ވަނޫދުގެ ނަން ލިޔެފައިއޮންނާނީ ކޮންމެވެސް ސަބަބުތަކެއްވެސް އޮވެގެން .”
“އެކަމަކު އަހަރެން ކިޔާލަން ބޭނުންވަނީ އެންމެ ސަފްހާ އެއް. މިހާދުވަސްވީއިރުވެސް ޖަވާބު ނުލިބި އޮތް ސުވާލެއް. އަހަރެމެން އެންމެ ފަހުން ބައްދަލުވި ރޭ ޒާހިޔާ އަހަރެންދެކެ ރުޅިއައިސްގެން އެތަކެއް އިންޒާރު ދޭން ޖެހުނީ ކީއްވެގެންކަން ލިޔެފަ އޮތް ސަފްހާ .”
“އެކަމަށްޓަކާ އެންމެ ފުރަތަމަވެސް މާފަށް އެދެން. ހިތުގެ ބޮޑު ބުރައެއް އޭރުން ލުއިވެގެން ދިޔައީ.” ޒާހިޔާ ބުނަމުން ގެންދިޔައެވެ. “ސާލިމްގެ ސަބަބުން ވީކަމެއް އެއީ. ވަރަށް ގިނަ ފަހަރު ވަނޫދުއާ ބެހޭ ގޮތުން އަހަން ބޭނުން ނުވާ ގިނަ ވާހަކަތަކެއް އޭނާ ދެއްކި. ވަނޫދުއަކީ އަންހެން ކުދިން ދެކެ ލޯބިވާން އެނގޭ މީހެއް ނޫނޭ. އޭނައަށް އެނގޭނީ ޝިކާރަ ކުރާށޭ ބުނި. އެންމެ ފަހުން އޭނާ ބުނީ ވަނޫދު އުޅެނީ ރައީ ދައްތައާ ރައްޓެހި ވެގެންނޭ. ހެކި ބޭނުންނަމަ ބަލަން އަންނާށޭ ބުނީމާ ތެދެއްކަމަށް ގަބޫލު ކުރެވުނީ. އަހަރެންގެ ތާހިރު ލޯބި އާއިލާއަށްޓަކާ ގުރުބާންކުރުމުގެ ސަބަބަކީ އެއީ .”
“އޭނާ ބޭނުންވީ ފައިސާގެ ދަޅަ ދައްކައިގެން ޒާހިޔާގެ މައިންބަފައިން ގަނެލަން . އެއަށްފަހު ޒާހިޔާ މިލްކު ކުރަން. އެކަން ކޮންމެވެސް ވަރަކަށް ކާމިޔާބުވެސް ކުރި. ކައިވެންޏާހަމައަށްވެސް ދިޔައީތާ !އަދި ……… ”
“ނޫން ވަނޫދު . އަހާބަލަ ! ފިނިފެން މާ ކިތަންމެރީތި ނަމަވެސް އެމާ ބިންނަން ޖެހޭނީ ކައްޓެއް ހެރިދާނެކަމަށް ވަރަށް ބޮޑަށް ފަރުވާތެރިވެގެން. އެމަލުގެ ހިމާޔަތުގައި ވަށައިގެން ކަށި ހުންނަނީ ކީއްވެގެން ކަން ވިސްނާބަލަ. ދެން އެމިސާލުން އަހަންނާ މެދު ވިސްނީމާ އެނގޭނެ އަހަރެންގެ ލޯތްބެކޭ އެއްފަދައިން ނަފްސުގެ ތާހިރުކަންވެސް .” (ނުނިމޭ )