އޭދަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ސަރުކާރުން ނިންމެވުމަކީ ރަނގަޅު ފާލެކެވެ. މި މަސަައްކަތް ކުރުމަށް އެމްއާރްޑީސީއާ ހަވާލު ކުރުމުން ރައްޔިތުން އެކަން ލޯތްބާއެކު ބަލައިގަތެވެ.
15 ޖޫން 2015 ގައި މި ޕްރޮޖެކްޓް އެމްއާރްޑީސީ އާ ހަވާލުކުރީ އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވަރަށް އަވަހަށް ފަށާނަމޭ އޭރުގެ އެމްޑީ އިބްރާހީމް ނަޒީމު ވިދާޅުވުމުން ސަރުކާރުން އަތޮޅުތެރޭގެ ތަރައްގީއަށް ރޮކެޓް ސްޕީޑާއެކު ކުރަމުން އަންނަ މަސައްކަތާއި ތަރައްގީ ގައިމު ކޮށްގެން ތިބި ރައްޔިތުން ތިބީ އޭދަފުށީގެ އޮއްވަޅުގަނޑެއް ހެން އޮތް މަގުތައް ތާރު އެޅި ރީތި މަގުތަކަށް އެއް އަހަރުތެރޭގައި ބަދަލުވެގެން ދާނެކަމުގެ އުފަލުގައެވެ. އެކަމަކު އެއް އަހަރު ދުވަހުން ނިންމަން ބުނި މަސައްކަތް ރަނގަޅަށް ފެށޭވަރުވީ އެއް އަހަރާ ތިން މަސް ދުވަސް ވޭތުވެދިޔަ ފަހުންނެވެ.
ރަށުކައުންސިލުގެ ބައިވެރިވުމެއް ނެތް ރައްޔިތުންގެ ޚިޔާލަކަށް ފުރުސަތު ދިނުމެއް ނެތި ފެށި މި މަސައްކަތުގެ 50 އިންސައްތަ ނިމުނު ކަމަށް ސަރުކާރުން މި އަހަރުގެ ފުރަތަމަ ދުވަހު ވިދާޅުވިިއިރު އެއީ ކިހިނެއް ކޮން ގޮތަކަށް ބައްލަވައިގެން ޖެއްސެވި ހިސާބެއްކަމާމެދު ވާހަކަ ދައްކާނީ އެހެން ފަހަރަކުންނެވެ. އެނގޭކަމަކީ މި ޕްރޮޖެކްޓްގައި ސޮއިކުރިތާ ތިން އަހަރުވާން ކައިރިވާއިރު ބައެއް މަގުތަކުގައި އަދި ކިރިޔާ ދުވާރު ހެދުނީއެވެ. މި މަސައްކަތާ މެދު ރައްޔިތުން ހިތްހަމަ ނުޖެހެން ފެށީވެސް މިހާ ހިސާބުންނެވެ. ތާރު އަޅައި ނިމޭއިރު މަގުތައް އޮންނާނެ ގޮތުގެ ތަސައްވަރު ކުރެވެން ފެށުމާއެކު އެވެ.
ބޮޑު މައްސަލައެއްގެ ގޮތުގައި ރައްޔިތުން ފާހަގަކުރަނީ އަލަށް ހަދާ މަގުތަކުގައި ޕާކިން ޒޯނެއް ނެތުމާއި ބައެއް މަގުގެ ދެފަރާތުގައި ދުވާރު ހެދުމުން މަގު ހަނިވެ ދުއްވާ އެއްޗިއްސަށް ވާނެ އުނދަގުލެވެ. ހަމަ އެއާއެކު ރަށުގެ ބިމަށްވުރެ އަލަށް ހަދާ މަގުތައް އުސްވުމެވެ. މިހެން ވުމުން ބޯކޮށް ވާރޭ ވެހިއްޖެނަމަ އެހެން މަގުތަކަށްވުރެ އުސް ކޮށްހަދާފައިވާ މި 15 މަގަށް ވެހޭހާ ފެން ފައިބައިގެންދާނީ މިމަގުތަކަށްވުރެ ތިރީގައި ހުރި މަގުތަކާއި ގޯޅިތަކުން ލާފައި ދިރިއުޅޭ ގެތަކަށެވެ.
ރައްޔިތުންގެ ކަން ބޮޑުވުންތައް އެކިސިފަސިފާގައި އެކި ގޮތްގޮތަށް ލިބެމުން ދާކަމަށް ރަށުކައުންސިލުން ބުނެއެވެ. ހަމައެއާއެކު ކައުންސިލާ މާބޮޑު ގުޅުމެއްނެތި ކުރާ މިފަދަ ކަންތަކުގައި ކައުންސިލަށް ކުރެވޭނެ ކަމެއް ނޯންނަ ކަމަށް އެބަ ވިދާޅުވެއެވެ. އެހެންކަމަށްވާނަމަ ދެން އޮތް ހަމައެކަނި ޗޮއިސްއަކީ ކަަމާ ބެހޭ ފަރާތްތަކުގައި ދެންނެވުމެވެ. އެކަމަކު ސުވާލު އުފެދެނީ ތަރައްގީ އާއި ކުރިއެރުމުގެ ނަމުގައި ސަރުކާރުން ރަށްރަށަށް ކޮށްދޭ ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ނުހޯދައި މިވެނި ކަމެއް އޮންނާނީ ކޮށްދީފައޭ ބުނުމުން އެނިމުނީ ހެއްޔެވެ؟ އެއީ ރައްޔިތުންނަށް ޓަކައި ކޮށްދޭ ކަމެއްކަމަށް ގަބޫލު ކުރެވިދާނެ ހެއްޔެވެ.
“ސަރުކާރުން ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ވަރަށްބޮޑަށް ހުޅުވާލެވިފައި އޮންނަންޖެހޭނީ. ކޮންމެ ރަަށަކީވެސް ތަފާތު ރަށެއް. އެރަށެއްގައި ހިންގާ ކަންކަން ރައްޔިތުންގެ މަޝްވަރާއާ ނުލާ ކުރެވޭތީވެ މިކަހަލަ ކަންކަން ދިމާވަނީ. މިއީ ވަރަށް ދެރަ ކަމެއް. ” މަގު ހަދަމުން ގޮތާމެދު ހިތްހަމަ ނުޖެހިފައިހުރި ދޮށީ އުމުރުގެ މީހަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.
ސަރުކާރާ އިދިކޮޅު ފިކުރުގެ އެހެން މީހެއްގެ ވާހަކަވެސް ހުރީ މިކަހަލަ ގޮތަކަށެެވެ. އެހެން ނަމަވެސް ޕީޕީއެމް މުންޑު ކޯލިޝަންގެ މީހަކު ބުނަނީ ސަރުކާރުން މިވަރު ކޮށްދޭތީވެސް ޝުކުރު ކުރަން ޖެހޭ ކަމުގައެވެ. އެެހެންކަމާއެކުވެސް އޭނާ ގަބޫލު ކުރަނީ އޭދަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަމުން ދާއިރު އިސްވެ ދެންނެވުނު ސަބަބުތައް ހުރީތީވެ ދެވަނަ ވިސްނުމަކަށް ދާން ޖެހޭނެ ކަމަށެވެ.
“މަގުތައް ކިތަންމެ ރީތިކޮށް ހެދި ނަމަވެސް އެމަގުތަކުގައި ޕާކިން ޒޯން ނެތުމަކީ ޒުވާނުން ޚާއްސަކޮށް ކަންބޮޑުވާނެ ކަމެއް. އޭގެ އިތުރުން މަގުތައް ބިމުގެ ލެވެލް އަށްވުރެ އުސްކޮށް ހުރުމުން ވާރޭ ވެހޭ މޫސުމުގައި ވެލި ބަސްތާއިން ސަލާމަތް ނުވެވި އުޅެން ޖެހިދާނެ ހެން ހީވަނީ.”އޭނާ ބުންޏެވެ.
ކަންތައް މިހިސާބަށް ދިއުމުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިފައިގެން ކައުންސިލްގެ ރައީސް ތޮލާލު ވަޑައިގަތީ ހައުސިންގ މިނިސްޓްރީއަށެވެ. ނަތީޖާއަކީ ކޮބައިތޯ އެހުމުން ތޮލާލު ވިދާޅުވީ މިނިސްޓަރާއެކު ކުރެވުނު މަޝްވަރާތަކުން ރަނގަޅު ކުރިއެރުމެއް ލިބުނުކަމަށެވެ. އެކަމަކު އޭގެ ފަހުން މިހާރު ދެމަސްވެގެން އަންނައިރު އެވިދާޅުވި ކުރިއެރުމެއް ނުފެނެއެވެ. މަންޒަރު ބަދަލެއް ނުވެއެވެ. ބަދަލުވާނެހެން ހިއެއްވެސް ނުވެއެވެ.
އޭދަފުށީ ކައުންސިލްގެ އެމްޑީޕީ މެންބަރު ނައުޝާދު އަހްމަދު، މަގު ހަދާ ގޮތާމެދު ރައްޔިތުންގެ ހުރި ހިތްހަަމަ ނުޖެހުންތައް “ވީ ނިއުސް” އާ ހިއްސާ ކުރައްވަމުން އޭނާގެ އުދާސްތައް ބޭރުކޮށްލާފައިވަނީ މި ގޮތަށެވެ.
“ގިނަ ރައްޔިތުން ތިބީ ޕޭމެންޓްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ. ފުޅާމިނުގަ 15 ފޫޓު ހުންނަ މަގެއްގަ ޕޭމެންޓުގެ ފުޅާމިނުގަ ހަތަރެއް ނޫނީ ފަސް ފޫޓު ހުންނައިރު ދެން ތާރު އެޅުމަށްފަހު ގިނަ މަގުތަށް ހުންނާނީ އެއްކޮޅަށް ދުއްވޭ ގޮތަށް ހަދާފަ. މިހެން ހެދީމަ ޓްރެފިކް ކަންތައް ކިހާ ބޮޑުވާނެ.! މިކަމުގެ ޝަކުވާ ވަރަށް އާދޭ.”
ނައުޝާދު އިތުރަށް ވިދާޅުވީ އިތުރު މަގުތަކެއްގައި ތާރު އަޅައިދިނުމަށް ސަރުކާރާ މަޝްވަރާ ކުރިނަމަވެސް، ބަޖެޓް ތާށިކަމުން އެކަންތައް ކޮށްދެވެން ނެތްކަމަށް ވިދާޅުވެފައިވާ ކަމުގައެވެ.
“މިހާރު ތާރު އަޅަން ނިންމާފައިވާ މަގުތައް ނިމުމުން ދެން ހުރި މަގުތަކުގަ ވާރޭ ވެހުނީމަ ވަރަށް ބޮޑަށް ފެންބޮޑުވާނެ. އަސްލު އެހެންވެ އެ މަގުތަކުގަ ތާރު އަޅައިދިނުމަށް ސަރުކާރާއެކު މަޝްވަރާ ކުރީ. ދެން އަޅުގަނޑުމެން މަސައްކަތްކުރީ ފެން ހިންދަން ޕަމްޕް ސްޓޭޝަން ބަހައްޓަން. އެކަމަކު އެކަމެއްވެސް ކާމިޔާބެއް ނުވި. އެހެންވެ ގިނަ ރައްޔިތުން އެބަބުނޭ އެ މަގުތަކުގެ ތާރު އެޅުމަށްވުރެ ނޭޅުންވެސް މާ ރަނގަޅޭ.” އޭނާ ވިދާޅުވި އެވެ.
މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ނައުޝާދު ވިދާޅުވީ ޒަމާނީ ފެންވަރަށް މަގުތައް ހަދަން ނިންމާފައިވާއިރު ޕާކް ކުރާނެ އިންތިޒާމެއް ހަމަޖައްސާފައި ނުވާ ކަމަށާއި ޕާކް ކުރަން ކަނޑައެޅިފައިވާ ސަރަހައްދު ނޫން އެހެން ތަނެއްގައި ޕާކް ކޮށްފިނަމަ ސްޓިކާ ޖަހާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ..
އޭދަފުށީގެ މަގުތައް ހެދުން ލަސްވުމާ އިސްވެދެންނެވުނު މައްސަލަތައް އޭދަފުށީގައި ހުންނަ އެމްއާރްޑީސީގެ އޮފީހުގައި ދެންނެވުމުން ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއުގައި ކައުންސިލުން އެދޭ ހުރިހާ ކަމެއް ކޮށް ނުދެވެނީ އެމަސައްކަތް ކުރުމަށް އެކަށީގެންވާ ތަކެއްޗާއި މުވައްޒަފުން ނެތުމުން ކަމަށެވެ. އަދި އެކަމަށް ތަކުރާރުކޮށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް ވަރަށް ބޮޑަށް ޕްރެޝަރުކޮށްގެން ނޫނީ އެއްޗެއް ނުލިބޭ ކަމަށެވެ.
“އަޅުގަނޑުމެން ބޭނުންވޭ މަގުތަކުގެ މަޝްރޫއާއި ގުޅިގެން ކައުންސިލުން އެދޭ ކަންކަން ފުރިހަމަ ކޮށްދިނުމަށް. އެކަމަކު ކިހިނެއްތޯ ވަސީލަތްތައް ނެތި އެކަންކަން ކޮށްދޭނީ؟ އެމަސައްކަތް ކުރުމަށް އެކަށީގެންވާ މުވައްޒަފުން ނެތް. އެކަށީގެންވާ ތަކެތި ފޯރުކޮށްދެނީވެސް ވަރަށް ބޮޑަށް ޕްރެޝަރުކޮށްގެން.” އޮފިޝަލް ވިދާޅުވި އެވެ.
33 މިލިޔަން ރުފިޔާ ހޭދަކުރައްވައިގެން ސަރުކާރުން އޭދަފުށީގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހަދައި ނިމޭއިރު ދުއްވާ އެއްޗިއްސަށާއި ހިނގާ މީހުންނަށް އަމާންކަން ލިބިގެންވާ ތަނެއްކަމަށް ވާނެކަމަށް ކަމީ ޝައްކެއްހުރި ކަމެއް ނޫނެވެ. ހަމައެއާއެކު މިކަމުގެ ފަހަތުން ދެން ފެންނަ ބޮޑު މަންޒަރަކީ ކުރިން ދެންނެވިހެން ވާރޭ މޫސުމާއެކު މި ރީތި ޗާލު މަގުތަކުން ފައިބައިގެން ދާ ފެންތައް ކުދިމަގުތައް ފުރިގެން ގޯތި ތެރެއަށާއި ގޭތެރެއަށް ވަދެގެން ދާ ތަނެވެ. ޕާކްކުރާނެ ތަނެއް ނުވަތަ އިންތިޒާމެއް ހަމަޖެހިފައި ނެތުމުން ގަވާއިދާ ޚިލާފަށް ޕާކް ކުރުމުން ކުރާ ޖުރުމަނާ ސްޓިކާ އިން ސަލާމަތް ނުވެވިގެން އުޅޭ ތަނެވެ.
އޭދަފުށީގެ މަގު ހެދުން ނިމުމުގެ ކުރިން ސަރުކާރުން މިކަމަށް ހައްލެއް ގެނެސްދެއްވުމަކީ ރައްޔިތުންގެ އިޚްލާސްތެރި އެދުމެކެވެ. އެހެން ނޫނީ ހިތަށް އަރަނީ އޭދަފުށީގެ މަގު ހެދުމުގެ ޕްރޮޖެކްޓަކީ ހެޔޮ ނިޔަތުގައި ކޮށްދިން ބޭކާރު ކަމަކަށް ނުވާނެބާއެވެ.!