ބ. އޭދަފުށިން އަނެއްކާވެސް ޕެޓްރޯލް ހުސްވެ ދުއްވާ އުޅަނދުފަހަރަށް ދަތިތަކާ ކުރިމަތިވެއްޖެއެވެ.
މިމައްސަލަ މިދިޔަ 2017 އޯގަސްޓްމަހުވެސް އޭދަފުއްޓަށް ކުރިމަތިވިއެވެ. އަދި އަތޮޅުގެ ބައެއް ރަށްރަށަށްވެސް މިދައްޗާ އެފަހަރު ކުރިމަތިލާންޖެހުނެވެ.
ބ. އޭދަފުއްޓަށް ޕެޓްރޯލް އެތެރެކޮށް އޭގެ ވިޔަފާރިކުރާ އޭދަފުށީ ސްޓޯން ފިހާރައިން ބުނީ ޕެޓްރޯލް ހުސްވީ ރޭކަމަށާ، މިހާރުވެސް ޕެޓްރޯލް ހޯދަން ގިނަބަޔަކު އަންނަމުންދާކަމަށެވެ. އެފިހާރައިން ވާހަކަދެއްކި އިބްރާހީމް ފައުޒީ ބުނީ ޕެޓްރޯލް ހުސްވަން ދިމާވީ މިދިޔަ ހަފްތާތެރޭގައި ރަށުގެ އެހެން ސަޕްލަރުން އަތުން ޕެޓްރޯލް ހުސްވުމާގުޅިގެން އާދަޔާ ހިލާފަށް ޕެޓްރޯލް ޑިމާންޑް ބޮޑުވުމުންކަމަށެވެ.
“މިދިޔަ ދެދުވަހު ޕެޓްރޯލަށް އާދަޔާ ހިލާފަށް ބޮޑު ޑިމާންޑެއް އަޅުގަނޑުމެންނަށް ކުރި. ގިނައީ ހަމަ ސައިކަލާ، ޑިންގީކަހަލަ އުޅަނދުތައް. މިހާރު މުޅިން ހުސްވެފަ މިހުރީ.” ފައުޒީ ބުންޏެވެ.
ފައުޒީ ބުނީ ގިނަ އަދަދަކަށް ޕެޓްރޯލް ގެނައުމަށް މިހާރު އޯޑަރު ކޮށްފައިވާ ކަމަށާ، ދެދުވަހެއްގެ ތެރޭގައި ޕެޓްރޯލް ލިބޭނެކަމަށް އުއްމީދުކުރާކަމަށެވެ.
ސްޓޯންގެ އިތުރުން އޭދަފުށީގައި ފުޅާ ދާއިރާއެއްގައި ޕެޓްރޯލްގެ ވިޔަފާރިކުރާ ވައިޓްވޯލް ފިހާރައިން ބުނީ ޕެޓްރޯލް ހުސްވިތާ ހަތަރުވަރަކަށް ދުވަސް ވެއްޖެކަމަށާ، ޕެޓްރޯލް ލިބުން ލަސްވަނީ ސްޕްލަޔަރު އައުން ލަސްވެގެން ކަމަށެވެ. އެފިހާރައިގެ އ. މެނޭޖަރ ރާމިޒް ޔޫސުފް ބުނީ ޕެޓްރޯލް ލިބޭނެ ވަކިދުވަހެއް ބުނަން ނޭނގޭ ކަމަށެވެ.
“ސަޕްލަޔަރު ހަދާ އެއްޗެއް ނޭނގިގެން މިއުޅެނީ. އެމީހުންނަށް ގުޅާލާއިރަށް ބުނޭ ކޮންމެ ދުވަހަކުވެސް މިއަދު އަންނާނަމޭ. އެކަމަކު އަދި ހަބަރެއް ނުވޭ. މީހުން ގުޅާވަރުން އޮބިނޯވެގެން މިހާރުވެސް މިއުޅެނީ” ރާމިޒު ބުންޏެވެ.
ރާމިޒު ބުނީ ޕެޓްރޯލް ނުލިބިގެން ބައެއް ޑިންގީތަކާ، ލޯންޗްފަހަރުވެސް ދަތުރުތައް ނުކުރެވިވާކަމަށާ، ސައިކަލް ދުއްވާ މީހުންގެ ކޯލްތައްވެސް މެދުނުކެނޑި ލިބެމުންދާކަމަށެވެ. އޭނާ ބުނީ ވިހިހާސް ލިޓަރުގެ ޕެޓްރޯލް މިއަދު ލިބޭނެކަމަށް އުއްމީދުކުރެވޭކަމަށެވެ.
އޭދަފުށިން މިފަހުގެ ތާރީހެއްގައި ޕެޓްރޯލް ހުސްވި މިއީ ދެވަނަ ފަހަރެވެ. ނަމަވެސް މޫސުން ގޯސްވާ ބައެއް ފަހަރުފަހަރު ގޭސް ހުސްވުމުގެ މައްސަލަ މަދުން ނަމަވެސް ކުރިމަތިވެފައި އެބަހުއްޓެވެ.