ޝައިޚް މަޖީދުގެ ދަރެސް: ދެމަފިރިންގެ ޙައްޤުތައް އަދާކުރުމަކީ އަޅުކަމެކެވެ

happy-muslim-couple.jpg

ކައިވެންޏަކީ، މުޤައްދަސް ގުޅުމަކަށްވީހިނދު އެކަކުއަނެކަކަށް އަދާކޮށްދޭންޖެހޭ ޙައްޤުތަކެއްވެއެވެ. އެހެންކަމުން އެކަކުއަނެކަކަށް އަދަބު އިޙްތިރާމް އަދާކޮށް، އެކަކުއަނެކަކަށް ކަމޭހިތައި އޯގާތެރިކަމާއެކު އުފާވެރި ތާހިރު ދިރިއުޅުމެއް އުޅުމަކީ، ކޮންމެ ދެމަފިރިއެއްގެވެސް ހުވަފެނަކަށް ވާނެއެވެ. މި ފޮނި ހުވަފެން ޙަޤީޤަތަކަށް ހެދޭނީ، ދެމަފިރިންގެ ޙައްޤުތަކަކީ، ކޮބައިކަން އެނގި، އެޙައްޤުތައް އަދާކުރުންމަތީ ދެމި ތިބެގެންނެވެ.

އަނބިމީހާއަށް ކާންބޯންދިނުމާއި، އަންނައުނު ދިނުމާއި، ބޭސްފަރުވާ ކޮށްދިނުމާއި،ބޯހިޔާވަހިކަން ހޯދައިދިނުމާއި އަދި މިނޫންވެސް އަސާސީ ޚިދުމަތްތައް ލިބޭނެ މަދު ހޯދައިދިނުމަކީ، ފިރިމީހާ މައްޗަށްވާ ދީނީވާޖިބެކެވެ. ކީރިތިރަސޫލާޞައްލަﷲޢަލައިހިވަސައްލަމަގެ ބަސްފުޅެއްގެ މާނައިގައިވަނީ “ފިރިމީހާއީ އޭނާގެ ގޭގެ އަހުލުވެރިންގެ މައްޗަށްވާ ބެލެހެއްޓުންތެރިއެކެވެ.” އިސްވެ ބުނެވިދިޔަ ޙައްޤުތައް އަދާކޮށްދެވުނުތޯ ޤިޔާމަތްދުވަހު ސުވާލު ވެވޭނެކަމަށް ކީރިތިރަސޫލާގެ މޫރިތި ސުންނަތުން ސާބިތުވެއެވެ.  

އަނބީންނަށް ހެޔޮކޮށް ހިތުމާބެހޭގޮތުން، ކީރިތިޤުރްއާނުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ “އަދި ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ!” (ނިސާއު ސޫރަތުގެ 19 ވަނަ އާޔަތުގެ މާނަ) މި ބަސްފުޅުން ދޭހަވަނީ، އަނބީންގެ ޙައްޤުތައް އަދާކޮށްދީ ހެޔޮގޮތުގައި ދިރިއުޅުމުގެ މުހިންމުކަމެވެ.

މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތިރަސޫލާ ޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (މުއުމިނުންކުރެ، އެބައެއްގެ އީމާންތެރިކަން އެންމެ ފުރިހަމަ ބަޔަކީ، އެބައެއްގެ އަޚްލާޤު އެންމެ ރަނގަޅު ބައެކެވެ. އަދި ތިޔަބައިމީބހުންކުރެ އެންމެ ރަނގަޅު ބަޔަކީ، އެބަޔެއްގެ އަނބީންނަށް އެންމެ ރަނގަޅު ބަޔެކެވެ.) އިސްވެދިޔަ ކީރިތިރަސޫލާގެ ބަސްފުޅުންދޭހަވަނީ، އަނބީންނަށް ހެޔޮކޮށްހިތައި އުޅުމުގެ މާތްކަމާއި މަތިވެރިކަމެވެ.

ފިރިމީހާގެ މައްޗަށް އަނބިމީހާގެ ޙައްޤުތައްވާފަދައިން، އަނބިމީހާގެ މައްޗަށްވެސް ފިރިމީހާގެ ޙައްޤުތަކެއް ވެއެވެ. ފިރިމީހާގެ ގޭތެރޭގެ ކަންތައްތައް ބެލެހެއްޓުމަކީ، އަނބިމީހާގެ މައްޗަށްވާ ދީނީ ވާޖިބެކެވެ. ކީރިތިރަސޫލާޞައްލަﷲޢަލައިހިވަސައްލަމަގެ ބަސްފުޅެއްގެ މާނައިގައިވަނީ “އަނބިމީހާއީ، އޭނާގެ ފިރިމީހާގެ ގެއާއި، އޭނާގެ ދަރީންގެމައްޗަށްވާ ބެލެހެއްޓުންތެރިއެކެވެ.”

އަނބިމީހާ ފިރިމީހާގެ ޙައްޤުތައް އަދާކުރުމާ ގުޅޭގޮތުން، މާތްﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވާ  ބަސްފުޅެއްގެ މާނައިގައިވަނީ، “އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތިރަސޫލާޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (ފިރިމީހާ އޭނާގެ ތަންމައްޗަށް އައުމަށް، އޭނާގެ އަނބިމީހާގެ ކިބައިން އެދުމުން، (އެބަހީ: އަނބިމީހާގެ ކިބައިން އެއްދާންކުރުމަށް އެދުމުން،ޝަރްޢީ ޢުޛުރެއްނެތި) އެކަނބުލޭގެ ނައިސްފިނަމަ، (ދަންނާށެވެ!) އޭނާ އެކަނބުލޭގެ ދެކެ ހިތްހަމަނުޖެހި، އެރޭ ވޭތިކޮށްފިނަމަ، ފަތިސްވެއްޖައުމަށްދާންދެން، މަލާއިކަތުން އެކަނބުލޭގެއަށް ލަޢުނަތްލެއްވުންމަތީ ތިއްބަވާހުއްޓެވެ.” (މި ޙަދީޘް ރިވާކުރެއްވީ އަލްއިމާމުލްބުޚާރީއާއި، އިމާމު މުސްލިމް) އިސްވެދިޔަ ބަސްފުޅުން ދޭހަވަނީ، އަނބިމީހާގެ ކިބައިން އެއްދާންކުރުމަށް އެދުމުން، ޝަރްޢީ ޢުޛުރެއްނެތި) އެކަނބުލޭގެ ނައިސްފިނަމަ އެކަނބުލޭގެ، މާތްﷲގެ ރަޙުމަތުން ބޭރުކުރެއްވުމަށް މަލާއިކަތްބޭކަލުން އެދިއެދި ތިއްބަވާނެކަމެވެ.

އިންސާނަކު މާތްﷲގެ ރަޙުމަތުން، އެންމެހިނދުކޮޅަކަށް ބޭރުކުރައްވައިފިނަމަވެސް، އެމީހަކު ހަލާކުވެ ހިގައިދާނެއެވެ.  

އިސްވެ މިދެންނެވި މައްސަލައަކީ، މިއަދު ވަރަށް ބާރަށް އަޑުހަރުކޮށް ދެކެވެމުން އަންނަ ވާހަކައެކެވެ. ވަރަށް ޒުވާން ދެމަފިރިންގެ ދެމެދުގައިވެސް ދިމާވަމުން އަންނަ މައްސަލައެކެވެ. މިއީ ވަރަށް ގިނައިން ސުވާލުކުރެވެމުން އަންނަ މައްސަލައެކެވެ. މިއީ ވަރަށް ހިތާމަހުރިކަމެކެވެ. ދެމަފިރިން އެކަކުއަނެކެއްގެ ޙައްޤުތައް އަދާކޮށްދިނުމަކީ، އަޅުކަމެކެވެ. ﷲގެ ދަރުމައާއި ޘަވާބު ލިބޭނޭ ކަމެކެވެ. ދެމަފިރިން، އެކަކުއަނެކެއްގެ ޙައްޤުތައް އަދާކޮށްނުދިނުމަކީ،ފާފައެކެވެ. މާތްﷲގެ ޢަޛާބު ޙައްޤުވެގެންވާނެ ކަމެކެވެ. އަޅަމެން ދިވެހިންނަކީ، ހެޔޮލަފާ ޞާލިޙު ތަޤްވާވެރި ބަޔަކުކަމުގައިލައްވާށިއެވެ! ﷲށް އުރެދޭ ބަޔަކުކަމުގައި ނުލައްވާށިއެވެ! ހެޔޮބަސްއަހާ ހެޔޮބަސް ޤަބޫލުކުރާ ބަޔަކުކަމުގައި ލައްވާށިއެވެ! އާމީން. 

އެޑިޓަރުގެ ނޯޓް: “ޝައިޚް މަޖީދުގެ ދަރެސް” އަކީ ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން އޭދަފުށީ ވޮއިސްގެ ފަރާތުން ގެނެސްދޭ ސިލްސިލާއެކެވެ. މި ސަފްހާ ގައި ލިއުއްވަމުންގެންދަވާނީ ޝައިޚް މަޖީދުއެވެ. 

އޭދަފުށީ ފިނިހިޔާގޭ ޢަބްދުލް މަޖީދު މުހައްމަދު އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރ ސިޓީއިން ޤުރުއާން ތަފްސީރުގެ ރޮނގުން ޑިގްރީ ނަންގަވާފައިވާ ބޭފުޅެކެވެ. އަމިއްލަފުޅުރަށުގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ކީރިތި ޤުރުއާންގެ އިމްލު އުނގަންނައި ދެއްވުމަށްމަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. ވަޒީފާއަދާކުރައްވަމުން ގެންދަވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ. އީވީ ގެ ދީނީ ސަފްހާ މުއްސަނދި ކޮށްދެއްވުމަށް ޝައިޚްގެ ދަރުމަވެތި މި އެހީތެރިކަމަށް ޝުކުރުވެރިވަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top