ހިތޭ ދޭމީ ފުރޭ ލޯބިން

My-Heart-Belongs-To-You.jpg

ވާހަކަ ލިއުނީ އައިޝާ

(ޑިސެމްބަރ22 އާގުޅޭ )

“ދެން އަޅާނުލާ!އެކަން އެ ނިމުނީ. އޭނާ ވީތަނަކު ހެޔޮ ހާލުގައި ލަހައްޓަވާށި !”

ސާލިމް ހުރީ ރަކި ވެފައެވެ. އޭނާ ބޭޒާރު ކުރުމުން ދެކޮޅަށް ނުވަތަ އެއްކޮޅަށް ވިޔަސް ބުނާނެ އެއްޗެއް ނޭގުނެވެ.

ޒާހިޔާ ހިމޭންވެއްޖެއެވެ. ކޮންމެވެސް ކަމަކާ ވިސްނަނީއެވެ.

” ކޮންކަމަކާ ތިޔަ ވިސްނަނީ ؟” ސާލިމް އެހިއެވެ.

”ތަގްދީރު އަހަރެން ގޮވައިގެން މިދަނީ ކޮން ދިމާލަކަށް ބާއޭ ހިތަށް އަރަނީ. މަންމަމެން ބޭނުންވަނީ ސާލިމުއާ ގުޅެން. އެއީ އެމީހުންނަށްވެސް އެކަމުގައި ފައިދާ ތަކެއް އޮވެގެން. އަހަރެންގެ އިހްސާސްތަކާ އަހަރެންގެ އުފަލަށް އިހްތިރާމް ކުރާކަށް ބޭނުމެއް ނުވާނެ. ”

”މާނައަކީ ޒާހިޔާ އަހަންނާ ގުޅުގެން ތިޔަ އުޅެނީ މަންމަމެންގެ އުފަލަށޭ ހީކުރަންވީތަ! ”

”އާނ!” ޒާހިޔާ ވަރަށް ޔަގީންކަމާއެކު ބުނެލިއެވެ.

”އެހެންވިއްޔާ ކައިވެނި ވާނީ ކޮން އިރަކުން  ؟ ”

”މާތް ﷲ މިންވަރު ކުރެއްވި އިރަކުން. ބުނެފީމެއްނު އަހަންނަށް ވަގުތުކޮޅެއް ދޭށޭ. ! ” ޒާހިޔާ އެއިން ގޮތަށް އިނދެ ބުންޏެވެ.

“ޒާހިޔާގެ ތި ވާހަކަތައް އަހަންނަށް އެއްގޮތަކަށްވެސް ކަމަކު ނުދޭ!” އޭނާ ކުޑަކޮށް ނުރުހިއްޖެއެވެ.

“އަހަރެން ވާހަކަ ދައްކާނީ އަހަންނަށް ފެންނަ ގޮތަކަށް. އެއީ އެހެންމީހަކަށް އަދި ބާރުފޯރުވޭނެ ކަމެއް ނޫން.  ”

މި ހަމަލާއިންވެސް ސާލިމަށް ވަރަށް އަސަރު ކޮށްފިއެވެ. ޒާހިޔާގެ ހިތުގައި ސާލިމަށް އެއްވެސް ގަދަރެއް ދެވިފައި ނެތްކަމަށް އޭނާ އަށް އެނގުނީއެވެ.

ހިމޭންކަމުގެ ވަގުތުކޮޅެއް ދިޔައެވެ.

“އަހަންނަށް ޒާހިޔާގެ މީހަކަށް ނުވެވޭނެ ކަންނޭގެ.”

“އެއީ ކީއްވެ؟ ”

“އަހަރެމެންގެ ހިތުގެ ގުޅުން ދުވަހުން ދުވަހަށް ބަލިކަށިވަމުންދާހެން ހީވަނީ. އަދި ޒާހިޔާ …ވަނޫދު … ” ސާލިމް އިސް ޖަހައިފިއެވެ. ހީވީ ކުށްވެރިއަކު ކުށަށް އިއުތިރާފް ވީހެންނެވެ.

“ވަނޫދު ވަނޫދު. އޭނާ ތަކުރާރު ކުރިއެވެ. ”އަބަދު ވަނޫދުގެ ވާހަކަ ފަށަފަށައިގެން ދައްކަން ޖެހެނީ ކީއްވެ؟” ޒާހިޔާގެއަޑުގައި ހުރި ނުރުހުންވުން ސާލިމުއަށް ފާހަގަވިއެވެ.

” ބައެއް ކަހަލަ ވާހަކަ ތަކަކީ އެވާހަކަތައް ދައްކައިގެން ހިތަށް ތަދުކޮށްލަން ބޭނުންވާނެ ވާހަކަ ތަކެއް.  އެގޮތުން ދެއްކެނީ. އަސްލުގައިވެސް އަހަންނަށް ހީވަނީ ތިޔައީ އަހަރެންގެ މީހެއް ނޫންހެން. ހިތް ގަބޫލުކުރަނީ ވަނޫދުގެ ރީތި އަނބިމީހާކަމުގައި. އަހަންނަށް މި ކުރެވޭހާވެސް ކަމަކީ ވަނޫދުއަށް ޓަކާ އެހެން ފިރިހެނުންގެ ކިބައިން ޒާހިޔާ ރައްކާތެރި ކޮށްދިނުން.  އަދި…. ”  ސާލިމަށް ކުރިއަކަށް ނުގެންދެވުނެވެ.

ވަނޫދުގެ ރީތި އަނބިމީހާއޭ ބުނުމުން ޒާހިޔާ ލަދުންް އިސްޖަހާލިއެވެ. ހީވީ ދެންމެ ސާލިމް ދެއްކި ވާހަކަތައް ހުވަފެނުން ދެކެން ފެށީހެންނެވެ.

**********

ނިދަން އޮށޯންނަން އެނދުގައި ޖައްސާލިތަނާ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިފިއެވެ. އެއީ ކޮންމެ މީހެއް ކަމަށްވިޔަސް ދޮރު ހުޅުވާކަށް ޒާހިޔާ ބޭނުމެއް ނުވިއެވެ. އޭނާ ބޭނުމީ ޚިޔާލުތަކުން އެއްކިބާވެ އަރާމު ނިންޖަކުން ނިދާލާށެވެ. އެކަމަކު ދެވަނަ ފަހަރުވެސް ތިންވަނަ ފަހަރުވެސް ޓަކި ޖެހުމުން ހުޅުވަން ޖެހުނީއެވެ. ކުރިމަތީގައި ހުރީ މަންމަ އެވެ. މަންމަ އައިސް އެނދުގައި އިށީނުމުން ވާން މިއުޅޭ ގޮތް ރޭކާ ލައިފިއެވެ.

ޒާހިޔާ އައިސް މަންމަ އާ ޖެހިގެން އިށީނެވެ.

މަންމަ އޯގާތެރިކަމާއެކު ޒާހިޔާއާ ވާހަކަ ދައްކަން ފެށިއެވެ. ” ދަރިން ކައިވެނި ކުރާނެ މީހުން ހޯދަން އެކުދިންގެ އަމިއްލަ އިޚްތިޔާރަށް ދޫކޮށްލުމުން ގިނަ ފަހަރު ލިބެނީ ލަނޑު. އެއީ ޒުވާން ކަމުގެ މަސްތުގައި ޖެހިގެން ކުރެވޭ  ވިޔާނުދާ ކަމެއް. އެންމެ ރަނގަޅުވާނީ އެކަން މައިންބަފައިންނަށް ދޫކޮށްލުން. މަންމަ އަކީވެސް އޭގެ މިސާލެއް. ޒާހިޔާގެ ބައްޕައަކީ މަންމަގެ ހޮވުމެއް ނޫން. އެހެންވީމާ މަންމަ އެބަ ވިސްނަން ދަރިފުޅުގެ ކައިވެނީ ސާލިމުއާ ކުރުވަން.”

ޒާހިޔާ އިނީ އިސް ޖަހައިގެންނެވެ. މަންމަ ދަސްކޮށްދީފައިވަނީ މަންމަ އެދޭ ކޮންމެ އެދުމަކަށް އާއެކޭ ބުނުމަށެވެ. ދަރިން ތަރުބިއްޔަތު ކޮށްފައިވަނީ އެގޮތަށެވެ. އެހެންކަމުން އޭނާއަށް މި ފަހަރުވެސް މަންމަ ގެ އެދުމަށް ނޫނެކޭ ބުނުމުގެ ހިތްވަރެއް ނުލިބުނެވެ. އެހެންނޫނަސް މިއީ އޭނާއަށް އަންނާނެ އޯޑަރެއްކަން  އެނގެއެވެ. އެހެންވެ ހުރީ މިކަމަށް ތައްޔާރުވެގެންނެވެ.

“މަންމަގެ ނިންމުމަށް އަހަންނަކަށް ދެކޮޅެއް ނުހެދޭނެ. ” މި ޖުމްލައިން ވާހަކަ ނިންމާލިއެވެ.

ވަރަށް ލޯބިން ފިރުމާލާފައި މަންމަ ނުކުމެއްޖެއެވެ.

ޒާހިޔާ އެހެން މީހެއްގެ ބާރުގެ ދަށަށް ދާން އެހާ އަވަހަކަށް ބޭނުން ނުވިޔަސް މަންމަމެން އެ ނިންމީ ޒުވާންކަމުގެ މީރުރަހަ ނުދެކި ނުފެނި ހުއްޓާ އަވަހަށް މީހަކާ ދެވާށެވެ. ދެން އިތުރަށް ވިސްނަން އޮތީ ކޮންކަމެއް ހެއްޔެވެ؟ އެހެންވެ މަންމަމެންގެ އެދުމާ އެއްގޮތަށް ސާލިމުއާ އިނުމަށް ނިންމިއެވެ.

އަދި ވަނޫދު .. ! އަލަތު ލޯބިވެރިޔާގެ ހިތްގައިމު ސޫރަ ، ޒާހިޔާ އަށް ފެނިއްޖެއެވެ. ދެމީހުން އެކުގައި ހޭދަކުރި ހަވީރުތަކާ އިރާކޮޅުގެ ހަނދުވަރުން އުފާ ލިބުމަށް މޫދު ކައިރީގައި ހިނގަމުން ދިޔަ ރޭތަކާ  އޭނާގެ ލޯބިވެތިކަމާއި އަޅާލުމާއި ޒާހިޔާ އަށް ސަމާލުކަން ދިން ގޮތަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވާން ފަށައިފިއެވެ. ހިނިތުން ވެފައިވާ މިޒާޖާއި ބަދަލެއްނުވާ ގުޅުން ދެމިގެން އައި ދުވަސްތައް ވަކިވަކިން ހަނދާނުގެ ސިލްސިލާ ކަޝްފުވާން ފަށައިފިއެވެ.

އެއްދުވަހު ދެމީހުން އެކުގައި އަތުގުޅާލައިގެން އަތިރިމަތީގައި ހިނގާފައި ދަނިކޮށް އެތަނުގައި އޮތް ލަކުޑި ގަނޑެއްގައި އަޅާފައި ޒާހިޔާ ވެއްޓެނިކޮށް ވަނޫދު އޭނާގެ އަތްދަނޑިމައްޗަށް ގެނެސް ރީތިކޮށް ތިރިކޮށްލިއެވެ. އެވަގުތު ވަނޫދުގެ ނޭވާގެ މީރުވަސް ދުވާހާ ކައިރިއަށް ޒާހިޔާގެ މޫނު ގެނެސް ކައިރި ކޮށްލިއެވެ.

”ބޭނުންވަނީ މިގޮތަށް މުޅި އުމުރު ވަނޫދުގެ އުރުތެރޭގައި އޮތުމަށް. ” ޒާހިޔާ ލާނެތް ވެލާފައި ބުންޏެވެ.

“އަހަރެންވެސް. …. އެކަމަކު ކިރިޔާ ތިޔަ ސަލާމަތްވީ ! އަހަރެން ނުހިފޭއްޓިނަމަ އޯ ! ވެއްޓި އަނިޔާ އެއް ވީނަމަ އަހަރެން ކިހާ ދެރަވާނެ. ! ”

“އެހެންތަ. އެހެންވިއްޔާ ދިރިއުޅުމުގެ ކޮންމެ ހާލަތެއްގައި ކޮންމެ ވަގުތެއްގައިވެސް ހަމަ ތިޔަ ގޮތަށް ތިޔަހާ ލޯބިން ހިމާޔަތް ދޭނަންތަ؟

”ޝައްކުވަނީތަ. ޔަގީންކުރޭ.! ޒާހިޔާއަށް އަނިޔާ ލިބޭ ކޮންމެ ހާލަތެއްގައިވެސް ކޮންމެ ވަގުތެއްގައި ވިޔަސް ހުންނާނަން ހަމަ މިގޮތަށް ދެއަތް ދިއްކޮށްގެން އެންމެ ކައިރީގާ. ”

އެކަމަކު އޭނާ ކޮބާ ހެއްޔެވެ. ޒާހިޔާ އަށް ބުނެވުނެވެ. އަހަރެން ވެއްޓެނީއެވެ. އެހެން ދުނިޔެއަކަށް ދަނީއެވެ. ވަނޫދުއާ ވަރަށް ދުރަށެވެ. އެކަމަކު ވަނޫދު ވައުދު ނުވަން ހެއްޔެވެ. ކޮންމެ ހާލަތެއްގައިވެސް އަހަރެން ހިމާޔަތް ކުރަން އަންނާނަމޭ ނުބުނަން ހެއްޔެވެ؟

އަހަންނާ ނުގުޅަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ރުޅިވުމުން ދެރަވެ އެކަމުގެ މާޔޫސީގައި މާފު އެދެން ނައީ ކީއްވެގެން ހެއްޔެވެ؟ ކުޑަކޮށް ދެބަސް ވެލާފައި އެންމެ ފަހުން ސޮރީއޭ ބުނެ ގާތްވެލާފައި ވަނޫދުގެ އުރުތެރެއަށް ލާފައި ބޮނޑިކޮށްނުލީ ކީއްވެގެން ހެއްޔެވެ.

ޒާހިޔާ ތެދުވެއްޖެއެވެ. ހާސްވެއްޖެއެވެ. އަދި އޭނާގެ ލޯބީގެ އެރީތި ވާދީން ނުކުމެ ހަގީގަތާ ކުރިމަތިލައިފިއެވެ. އޭނާގެ ވުޖޫދުގައި ފެތުރުފައި އޮތް ވަނޫދުގެ ފިރިހެނީ އަޑުގެ ބަދަލުގައި ކަންފަތަށް އިވެމުން ދަނީ ސީލިންގގައި އެލުވާފައިހުރި މުސްކުޅި ފަންކާގެ ބޫން އަޑު އެކަންޏެވެ.

ވަނޫދުއެއް ނާންނާނެއެވެ. އޭނާގެ ދުނިޔެގައި މިކަހަލަ ކިތަންމެ ޒާހިޔާއެކެވެ. މާލޭގެ ރީތީ ކުއްޖަކާ މިހާރު ކައިވެނި ކޮށްފާނެކަން ނޭގެއެވެ.

އޭގެ މަހެއްހާ ދުވަސް ފަހުން ސާލިމްވެސް ޗުއްޓީ ހަމަވެގެން ފުރައިގެން ދާން ޖެހުނީއެވެ. އެކަމަކު ޒާހިޔާ އާ ދެމެދު އޮތް ގުޅުން ދެމެހެއްޓޭތޯ އޭނާ އައީ މަސައްކަތް ކުރަމުންނެވެ.

މިހާރު އޭގެ ފަހުން ތިން އަހަރުވީއެވެ.

އެވަގުތު ޖެހުނީއެވެ. ސާލިމް އޭނާގެ އުފަން ރަށް ކެންދުއަށް އައީ ކައިވެނި ކާޑާއި ކައިވެނީގެ އަގުބޮޑު ހެދުންވެސް ހިފައިގެންނެވެ.

ޒާހިޔާ އައީ ކައިވެންޏަށް ތައްޔާރު ވަމުންނެވެ. ހިޖްރީ އާއަހަރު ފެށޭ ދުވަހަކީ ޒާހިޔާމެންގެ ކައިވެނީގެ ހަޔާތްވެސް ފެށޭ ދުވަހެވެ. އަންނަ ހުކުރު ވިލޭރޭއަކީ އެރެއެވެ. ލޯތްބާއި އިޝްގުގެ ދުނިޔެއަކީ ޝާއިރުންގެ ޚިޔާލީ ވާހަކައެއްކަމަށް ދެކިގެން އެކަން ހަނދާން ނައްތާލީއެވެ. މަންމަ ބުނި މީހަކާ އިނުން އެއީ އޭނާ އަށްއޮތް ހަމައެކަނި ގޮތް ކަމަށް ދެކިގެންނެވެ. ވަނޫދުގެ ހަނދާންތަކަކީ ހަޔާތުގެ އެންމެ ރީތި ދުވަސްވަރު ކަމުގައި ބަލައި އޭނާގެ ހިތުގައި ރައްކާކޮށްގެންނެވެ

ތަގްދީރުގެ ކުރިމަތީގައި ތަދުބީރުގެ ބަލިކަށި ކަމާއެވެ. ހުރިހާ ކަމެއް ބަދަލުވީ ހަމަ ހިނދު ކޮޅެއްގެ ތެރޭގައެވެ. އެއީ ބުރާސްފަތި ދުވަހެވެ. ރައީ މާބޮޑަށް ބަލިވީއެވެ. މަންމަ ނިޔާވެފައިވާ މަރީ ވަކި ގެއެއްގައި ބައްޕައާއެކު ދިރިއުޅުނަސް އޭނާއަށް މައެއްގެ ލޯބި ދީގެން ބޮޑުކުރީ ބޮޑު ދައިތަ، ޒާހިޔާގެ މަންމައެވެ. ރައީ ގޮވައިގެން އަވަހަށް މާލެ ފުރުމަށް ހެލްތް ސެންޓަރުން ލަފާ ދީފައިވާތީ ހަމަ އެވަގުތު ހުރިހާ ކަމެއް ހުއްޓާލާފައި ޒާހިޔާގެ މަންމައަށް މަޖްބޫރުވީ މާލެ ފުރައިގެން ދާށެވެ.

ކައިވެނި ލަސްކުރަން ޖެހުނީއެވެ. އެދަތުރުގައި މަންމައާއެކު ޒާހިޔާވެސްމާލެ ދާން ޖެހުނީއެވެ. (ނުނިމޭ )

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top