ހިތޭ ދޭމީ ފުރޭ ލޯބިން

My-Heart-Belongs-To-You.jpg

ވާހަކަ ލިއުނީ އައިޝާ

(10 ޑިސެމްބަރއާ ގުޅޭ ) އެއީ ކޮންބައެއްތޯ ބަލާލާހިތުން އެދިމާއަށް ދިއުމަށް ހިނގައިގެންފިއެވެ. އެދެމީހުން ތިބީ އެމީހުންގެ އަމިއްލަ ދުނިޔެއަށް ވަރަށްބޮޑަށް ގެއްލިފައެވެ. ސާލިމު އެމީހުންނާ އެހާ ކައިރިއަށްގޮސް ވަށައިގެން ބުރެއް ޖެހިއިރުވެސް އެކަން ނޭގުނީ އެހެންވީމައެވެ.

އެއީ ވަނޫދުއާއި ޒާހިޔާއެވެ. ވަރަށް ގުޅޭ ޖޯޑެކެވެ. އުމުރުގެ ޅަކަމާއެކު ލޯތްބަކީ ކިހިނެއްވާ އެއްޗެއްކަން އެކުދިންނަށް ނޭނގި ހިގައިދާނެއެވެ. ސާލިމުއަކީ އެކުދިންނަށްވުރެ ދޮށި މީހަކަށްވާތީ މި ދެކުދިންގެ ގުޅުމަކީ އާދައިގެ ގުޅުމެއް ނޫންކަން އޭނާއަށް އެނގިއްޖެއެވެ.

މަންޒަރު ރަނގަޅަށް ފެނުމާއެކު ސާލިމަށް ހީވީ އޭނާގެ ދުނިޔެއަށް ކުއްލި ކާރިސާއެއް މެދުވެރިވިހެންނެވެ.  ޒާހިޔާއަކީ އޭނަގެ ރޭ ތަކުގެ މިއުރާޖެވެ. އެހެން މީހެއްގެ އުނގު ފަޅުފިލުވައިދޭން ޒާހިޔާ އިނުމަކީ ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވިއެވެ. ހަމަ ވަގުތުން އޭނާގެ ނިޔަތް ގޯސް ވެއްޖެއެވެ. ހަސަދަ ވެރި ކަމުގެ ނުރައްކާތެރި ރާޅު ހިތުތެރޭގައި ބާރަށް ދަތުރުކުރަން ފެށިއެވެ.

އޭނާއާ ޒާހިޔާގެ އުމުރުގައި ދިހައަހަރުގެ ތަފާތު ހުއްޓަސް ޒާހިޔާއާ ގުޅުމަކީ މާކުރިންވެސް ދެކެމުން އައި ހުވަފެނެކެވެ. ވަގުތު އެކަމަށް ހުރަސްއެޅީއެވެ. އޭނާއަށް ރަށުގައި ހުރެވޭގޮތް ނުވީއެވެ. އޭނާގެ މަގަށް ވަނޫދު އައިސް އަތްގަދަކޮށްލުމުގެ ފުރުސަތު ލިބުނީ ސާލިމް ދުރުގައި ކުޅިބަލަން ހުރީމައެވެ.

*****

އެރޭ ސާލިމަކަށް ނުނިދުނެވެ. މިއަދުގެ މަންޒަރުން ހިތް އަނދަން ފެށީއެވެ. އޭނާ ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. މުޅި ރޭ ހޭދަކުރީ އެގޮތުގައެވެ.

އަނެއްދުވަހު އޭނާ ޒާހިޔާއާއި ބައްދަލު ކޮށްފިއެވެ.

ޒާހިޔާއިނީ އެގޭދޮށުގައިހުރި ބަނބުކެޔޮގަހެއްގެ ހިޔަލުގައި އެކުވެރިއަކާއެކު ހަނޑޫ ހޮވާށެވެ. ދެމީހުންވެސް ތިބީ ވާހަކައެއްގެ ތެރެއަށް ގެއްލިފައެވެ. އޭނާ ޒާހިޔާއާ ވަރަށް ކައިރިއަށް ގޮސް ހުއްޓުނެވެ.

ޒާހިޔާ އިސްއުފުލާލާފައި ބަލައިލިއެވެ. ބީރައްޓެހިކަމެއް ނެތެވެ. ހީލިއެވެ. އާދައިގެ ގޮތަށެވެ. ސާލިމު ދޯއޭ ބުނެލިއެވެ.

މި އަޅާލުން ކުޑަވުން ސާލިމަކަށް ކަމަކު ނުދިޔައެވެ.

“ހާދަހާ ފާޑަކަށް އަހަރެންގެ ނަން ތި ކިޔާލީ ! ”

“އެއީ ގަހަށް ފެންނަ ގޮތް ކަމަށްވެދާނެ.” ޒާހިޔާ ހަމަ ވަގުތުން ބުނެލިއެވެ.

“އެކަމަކު އިއްޔެ ހަވީރު އަހަންނަށް އަތިރިމަތިން ފެނުނު ވަނޫދުއާއި ޒާހިޔާގެ އެ މަންޒަރު އެއީ ހަމަގައިމުވެސް ގަހަށް ފެންނަ ގޮތް ކަމަކަށް ނުވާނެ. ”

ޒާހިޔާ ސާލިމުއަށް ބަލާލިއެވެ. ސީރިއަސްކަމާއެކު ބުންނެވެ. “އާނ! އެއީ ހަގީގަތް. ކިހިނެއްވީ ؟ ”

“އޭގެ މާނައަކީ ޒާހިޔާ އުޅެނީ ވަނޫދުއާ ރައްޓެހިވެގެންކަމުގައި ހީކުރަންވީތަ؟ ”

“މީހަކާ ރައްޓެހި ވުމަކީ ފާފައެއްތަ؟ ” ޒާހިޔާވެސް ކުރީ ސުވާލެކެވެ.

“ތިވާހަކަ ބުނަންތަ މިތަނަށް ތިޔަ އައީ ؟ އޭނާގެ ގާތުގައި އިން ޒަރީނާ ފަށައިފިއެވެ. އެއާއެކު ޒާހިޔާ ހޭން ފަށައިފިއެވެ. އެ ހުނުމުގައި ޒަރީނާވެސް ބައިވެރިވެގެން ހިނދުކޮޅަކަށް އެކަން ދެމިގެން ދިޔައެވެ. ސާލިމު ހުރީ އެމަންޒަރު ބަލާށެވެ.

“މިހާރު އެނގިއްޖެ. އެކަމަކު ވަނޫދުއާމެދު ވިސްނައިގެން އުޅޭތި.! ”

“ކިހިނެއްވީ އަނެއްކާ! ” ދެންވެސް ވާހަކަ ދެއްކީ ޒަރީނާ އެވެ.

“އޭނާއަކަށް ނޭނގޭނެ ލޯބިވާކަށް. އެނގޭނީ ޝިކާރަކުރަން. ”

“އެކަމުގައި ސާލިމު ކަންބޮޑުވާން ޖެހުނީ ކީއްވެ؟ ”

“ހަމަ އެންމެ ސަބަބެއް. އެއީ ވަނޫދު އަށްވުރެ ކުރިން އަހަރެން ޒާހިޔާ ފާހަގަ ކޮށްފައިވާތީ. އެކަމަކު ވަނޫދު އަހަންނަށްވުރެ ކުރިއެރީ. ” އޭނާގެ އަޑުގައި ހުރިލާނެތްކަން ފާހަގަކުރެވިގެން ޒަރީނާވެސް ލާނެތްވެލާފައި ބުނެލިއެވެ.

“ތިޔައީ ސާލިމަށް ވާނެވަރަކީ. އަދިވެސް ހަމަ ތިގޮތަށް ފާހަގަކޮށްގެން ހުރޭ. އޭރުން ފަހަރެއްގާ ކޮންމެވެސް ދުވަހަކުން ޒާހިޔާ ލިބިދާނެވެސް ތޯއްޗެ. އެކަމަކު ތިލަފަތް އޮތީ ވަނޫދުކޮޅަށް ވަރަށްބޮޑަށް ބުރަވެފަ. ”

“އެކަމަކު ތިޔަ ބުރަދަން މިކޮޅަށް ބަރުކޮށްލުމަކީ ވެދާނެ ކަމެއް. ވާނެވެސް ކަމެއް. އިންސާނުން މަސައްކަތް ކުރުމުން ނުވާނެކަމެއް ހަމަ ވަރަށް މަދުވާނެ. ހިނިވެސް ފަރުބަދަ ކެނޑީނު .”

“ތިކަމާ ދެކޮޅުހެދީ ކާކު، ކޮން އިރަކު؟ ”

“ޒާހިޔާ! ބުނަންތަ ވާހަކައެއް . އަނެއްކާވެސް ސާލިމު ބުންޏެވެ. “ޒުވާންކަމަކީ މޮޔަވުމުގެ ދެވަނަ ނަން. އެމޮޔަކަމުގައި ކޮންމެ ފަދަ ކަމެއްވެސް ކުރެވިދާނެ. އެކަމަކު ހަމަ ހޭގައި ތިބޭ މީހުން ޖެހޭނެ ހަމަމަގަށް އަޅުވަން މަސައްކަތް ކުރަން. އަހަރެން މި ކުރަނީ އެމަސައްކަތް ”

“އަހަންނަކަށް ނޭނގުނު .”

“ފަހުން އެނގޭނެ. ……… ”

ސާލިމް ހިނގައްޖެއެވެ. ޒާހިޔާއާ ޒަރީނާ އިހަށް މަޑުކޮށްލާށޭ ބުނުމުންވެސް އޭނާ މަޑެއް ނުކުރިއެވެ.

ސާލިމުގެ ވާހަކަތަކުން ޒާހިޔާ ގެ ޅަހިތަށް ފުން އަސަރުތަކެއް ކޮށްފިއެވެ. ވިސްނަން ނޭގުނު އިބާރާތްތަކެއްވެސް އޭނާ އެދިޔައީ އެ އިބާރާތުގެ ފުންމިނާ ހަމައަށް ދިއުމަށް މަޖްބޫރު ކޮށްފައެވެ.

އެހެންވިޔަސް އޭނާ އެވާހަކަ ތަކެއް ވަނޫދު ގާތަކު ނުދައްކައެވެ. ދެމީހުންގެ ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީއެވެ. އެކަމަކު އެވާހަކަތައް ޒާހިޔާގެ ހިތުގައި އޮތީ ބޮޑު ބުރައަކަށް ވެފައެވެ.

********

ޒާހިޔާ ގެއަށް އައި އިރު ސާލިމް ސިޓިންގރޫމްގައި އޭނާގެ މަންމަ އާ ބައްޕަ އާ ދައްތަމެންގެ ގާތު ވާހަކަ ދައްކާށެވެ. ބޯޓު ދަތުރު ކުރަން އުޅުމުގެ ތެރޭގައި ދިމާވި އަޖާއިބުތަކާ ދަތުރުކުރި ތަންތަނުގެ ވާހަކަ ދައްކަމުން ދިޔައިރު މަންމަމެން ތިބީ ވަރަށް ޝައުގުވެރިވެފައެވެ. ޒާހިޔާ ފެނުމުން ސާލިމްގެ ވާހަކަ ހަމަ ކުއްލިއަކަށް ހުއްޓާލިއެވެ. ނަމަވެސް ޒާހިޔާ މަޑުކޮށްލުމެއްވެސް ނެތި ދިޔައީ ސިޓިންގރޫމް ހުރަސްކޮށް ދެކުނު ފެންޑާއަށެވެ. އެތނުގައި ހުރި ގޮޑިއެއްގައި އިށީނދެގެން އިންއިރު ސާލިމުމެން ދައްކާ ވާހަކަތައް ރީތިކޮށް ޒާހިޔާ އަށް އަޑު އިވެއެވެ. އޭނާ އިނީ މަންމަމެންގެ ކައިރީގާ ވަނޫދުއާ އޭނާއާ ބެހޭ ގޮތުން ވާހަކައެއް ހަދައިގެން ދައްކަފާނެތީވެ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

މަންމައަކީ އާދައިގެ މީހެއް ނޫނެވެ. އޭނާގެ ބާރު ނުހިންގާ ދިމާލެއް މުޅި އާއިލާގައިވެސް ނުހުންނާނެއެވެ. އޭނާ ބޭނުން ކޮންމެ ކަމެއް ބޭނުން ގޮތަކަށް ވާންވެސް ޖެހޭނެއެވެ. ގޭގެ ވެރިއަކީ އޭނާއެވެ. އާއިލާގެ ވެރިއަކީވެސް އޭނާއެވެ. ބައްޕަ ހުންނާނީ ކުޑަކޮށްލާފައެވެ.

އެދެމެދުގައި ހުރަސްވެފައި ހުރި ފާރުގެ ކުޑަދޮރު ކައިރީގައި އިށީދެގެން އިން ޒާހިޔާ އަށް ސާލިމް ދައްކަމުން ގެންދާ ވާހަކަތައް ހަމަ ރީތިކޮށް އަޑުއިވެއެވެ.

ޒާހިޔާ އެވާހަކަތަކަށް ސަމާލުކަން ދިންއިރު ސާލިމް ދައްކަމުން ގެންދަނީ މަސްދޯންޏެއް ބަންނަން ގަސްދުކުރާ ވާހަކައެވެ.

މިއީ ޒާހިޔާއަށް މުހިއްމު ވާހަކައެއް ނޫނެވެ. އޭނާ ހާސްވެފައިހުރީ މައިންބަފައިން ހިސާރުކޮށްގެން ވަނޫދު އާ އޭނާގެ މަގަށް ހުރަސްއަޅާފާނެތީއެވެ. ހަމަޖެހުމުގެ ނޭވާއެއް ލާފައި މޭޒުމަތީގައި ހުރި ޖަގުން ފެންތައްޓެއް އަޅައިގެން ބޯންފެށިތަނާ ޒާހިޔާގެ ގާތަށް ސާލިމް އަތުވެއްޖެއެވެ.

“ކިހިނެއްވީ ؟ ” އޭނާއަށް އެހެން އަހާލެވުނީ ކޮންމެވެސް ވަރެއްގެ ނުރުހުމާއެކުއެވެ.

” ކަމެއްނުވޭ. އެކަމަކު ކަމެއްވާން އުޅޭހެން ހީވަނީ. ”

” ދެން އަބަދު ތިފާޑަށް ވާހަކަ ދައްކަނީ ކީއްވެގެންތަ؟ ކޮންކަމެއްތަ ވާން އުޅެނީ!. ކޮންކަމެއްތަ ނުވެގެން ތި އުޅެނީ ! ސާފު ސާފުކޮށް ވާހަކަ ދައްކަން ނޭނގެނީތަ؟ ” މަންމަމެންނަށް އަޑުއިވުނަސް ވަރިހަމަ ވެގެން އޭނާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

ސާލިމް ހިނިތުންވެލިއެވެ.  “ޒާހިޔާ ރުޅިއައިމާ އަދި މާރީތި . ބޭނުންވަނީ އަދިވެސް ރުޅި އަރުވާލަން. އަޅެ ބުނެބަލަ ! ޒާހިޔާ ހަމަ ހަގީގަތުގައިވެސް ވަނޫދު އާ ރައްޓެހިވެގެންތަ ތި އުޅެނީ. ”

“އާނ.! އޭނާ ހިނދުކޮޅަކަށް މަޑުކޮށްލިއެވެ.  “އެކަމަކު އެއީ އަހަރެންގެ އަމިއްލަ ކަމެއް. އަހަރެންގެ އަމިއްލަ ކަންތަކާ ، ބެހެން ނުޖެހޭ މީހުން ބެހުމަކީ އެއްގޮތަކަށްވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން. ”

“އަހަރެން މިއުޅެނީ ޒާހިޔާގެ އަމިއްލަކަމަކާ ބެހުމަށްވުރެ ބޮޑަށް ޒާހިޔާ އަށް ވަދެވިފައިވާ އަނދިރި މަގަކުން ސަލާމަތް ކޮށްދޭން ކަމަށް  ހީކޮށްލާ !  ……… ބުނަންތަ ޒާހިޔާ ! ވަނޫދުއާ ރައްޓެހިވުމުގެ ކުރިން އޭނާއަކީ ކޮން ކަހަލަ މީހެއްތޯ އެއްވެސް މީހެއްގެ ގާތު އަހާލިންތަ؟”

“ކީއްކުރަން ؟ އޭނާއަކީ އިއްޔެ މެންދުރު މިރަށަށް ފުންމާލި ބީރައްޓެއްސެއްތަ؟ ނޫނީ އަހަންނަށް އޭނާ ފެނުނީ އިއްޔެތަ؟ ”

ކިތަންމެ ދުވަހެއްގެ ކުރިން ފެނިދެނިވެ އުޅުނުކަމުގައި ވިޔަސް ފިރިހެނެއްގެ ހަގީގަތެއް ނޭގޭނެ އޭނާގެ ހަގީގަތް ހޯދަން މަސައްކަތް ނުކުރާހާ ހިނދަކު . ވަނޫދު ނުދަންނާނެ ލޯބިވާކަށް. ” އޭނާ އަނެއްކާވެސް ބުންޏެވެ. ” އޭނާ ނުދަންނާނެ ލޯބިވާކަށް. އަންހެން ކުދިން އޭނާ ބޭނުންކުރާނީ އޭނާގެ ވާތުގެ ކުޅޭ އެއްޗެއްގެ ގޮތުގައި . މިއީ ހަގީގަތަކީ.  މި ހަގީގަތާ ކުރިމަތިލާން ޒާހިޔާ ތައްޔާރުތަ؟  އަހާބަލަ އަޒީޒު ގާތު؟ އަހާބަލަ އަފީފު ގާތު؟  ލޯތްބަކީ ކިހިނެއްވާ އެއްޗެއްކަން ވަނޫދު ދަނޭތޯ. ” ޒާހިޔާ އަށް އެއްޗެކޭ ބުނުމުގެ ފުރުސަތުވެސް ނުދީ ސާލިމް ހުރިހާ ވާހަކައެއް އެއް ނޭވައިން އަމުނާލިއެވެ.

ޒާހިޔާއަށް އިސްޖަހާލެވިއްޖެއެވެ. އަދި ކުރިމަތީގައި މިހިރަ އިންސާނާ، ވަނޫދުއާ އޭނާއާ ދެމެދު އޮތް ވަރުގަދަ ގުޅުން އެއީ ބަލިކަށި ގުޅުމެއް ކަމުގައި ހީކުރާތީވެ ރުޅި އަތުވެއްޖެއެވެ. އޭނާ ނަފްރަތާއެކު ސާލިމް އަށް ބަލައިލިއެވެ. ސާލިމް ހުރީ ޒާހިޔާގެ ދޮން ޖަންބު ކުލައިގެ މޫނަށް އަރަމުން ބަދަލުވަމުން އަންނަ ތަން ބަލާށެވެ.

” ތިޔައީ ދޮގެއް. ” ޒާހިޔާ ދެކޮޅު ހެދިއެވެ.” ވަނޫދުއަކީ އެކަހަލަ ކުއްޖެއްނޫން. ތިޔަކަހަލަ ވާހަކަ ދައްކައިގެން އަހަރެމެންގެ ގުޅުމަށް އަސަރުކުރާވަރަށް ވުރެ މިގުޅުން މާ ވަރުގަދަވާނެ. ” ޒާހިޔާ ވަނޫދުގެ ދިފާއުގައި ބުނަމުން ގެންދިޔައެވެ. (ނުނިމޭ )

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top