ކަމަދޫ ނެރުގެ ފައިކައްޓަށް ދޯންޏެއް އަރައި، ބޮޑު ގެއްލުމެއް ވެއްޖެ

26177337_10155691119808564_1354308491_n.jpg

ކާމިޔާބު 4 ދޯނި ރޭ ކަމަދޫ ނެރަށް އަރާފައި. މުދަލަށާ، ދޯޏްޏަށް ގެއްލުންވި ނަމަވެސް މީހަކަށް ގެއްލުމެއް ނުވޭ / އީވީ ފޮޓޯ: ތޮލާލް

މުދާ ހިފައިގެން ކަމަދޫއަށް ވަންނަން އައި ދޯންޏެއް އެރަށު ނެރުފެ ފައިކައްޓަށް އަރައި ދޯނި ބަންޑުންޖަހާލައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ރޭ އިރާކޮޅު ހިނގި މިހާދިސާގައި ނެރު ފައިކައްޓަށް ބަނޑުންޖަހާލީ ރ. އިނގުރައިދޫ ކާމިޔާބު 4 ނަމަކަށްކިޔާ ދޯންޏެކެވެ. ހާދިސާގައި މީހަކަށް ގެއްލުން ނުވިނަމަވެސް އެދޯނީގައި ހުރި ހުރިހާ މުދަލެއް ކަނޑަށް ފައިބައިގެން ގޮސްފައިވާކަމަށް ކަމަދޫ ކައުންސިލުން ބުންޏެވެ.

ކަމަދޫ ކައުންސިލުން ބުނީ މިހާދިސާ ހިނގީ އެރަށަށް ގެނައި މުދާތަކެއް ބޭލުމަށް ކަނޑުގައި އޮތް ބޯޓަކުން މުދާއަރުވައިގެން ކާމިޔާބު 4 ދޯނި ކަމަދޫ ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި ކަމަށެވެ. ކަމަދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަލީ ޝަރީފް ވިދާޅުވީ މިހާދިސާގައި ދޯނިން ގެނާ މުދާތައް ގެއްލުމުގެ އިތުރުން ދޯންޏަށްވެސް އެކިވަރުގެ ގެއްލުންތައް ލިބުނު ކަމަށެވެ.

“24 ހަކަށްފޫޓްގެ ދޯންޏެއް ދޯންޏަކީ، އަޑިއަށް ދިޔައީ ގޭސް ފުޅިތަކަކާ، ދެންވެސް އެކަހަލަ ވިޔަފާރި ބައެއް ތަކެތި. މުދަލަށް ބަލަންޏާ ވިއްސަކަށް ހާސްރުފިޔާގެ ގެއްލުން ވާނެ. އަނެއްކާ ދޯންޏަށްވެސް ގެއްލުންވެފައި ހުންނާނީ. ސީދާ ދަންނަވާކަށް ނޭނގޭ މިވަގުތު ދޯންޏަށް ގެއްލުންވީ ވަރެއް” އަލީ ޝަރީފް ވިދާޅުވިއެވެ.

އަލީ ޝަރީފް ވިދާޅުވީ ބަންޑުން ޖަހާލި ދޯނި ކަމަދޫ ރައްޔިތުންގެ އެހީގައި އެރަށު ނެރުގެ ފައިކައްޓާ ދިމާއިން ބަނދަރު ސަރަހައްދަށް އެހެލާފައިވާކަމަށެވެ. އޭނާ ވިދާޅުވީ އިރުވައި މޫސުމުގައި އެރަށުގެ ބަނދަރުގެ ނެރަކީ ނުރައްކާ ނެރެއްކަމަށާ، އެނެރުމަތީގައި މިއަހަރުވެސް ދެ ދޯންޏެއް ފައިކައްޓަށް އަރައި ގެއްލުންތައް ލިބިފައިވާކަމަށެވެ. އަދި މިދިޔަ އަހަރުވެސް ބޮޑު ދޯންޏަކަށް ވަރަށް ބޮޑު ގެއްލުން ލިބުނުކަން އޭނާ ފާހަގަކުރިއެވެ.

އަލީ ޝަރީފް ވިދާޅުވީ މިމައްސަލަ ހައްލުކުރެވޭނީ ކަމަދޫ ނެރު ގަދަވާ މައްސަލަ ހައްލުކޮށްގެންކަމަށާ، އެކަން ކުރެވޭތޯ ކަމާބެހޭ ފަރާތްތަކުގައި ދަންނަވަމުން އަންނަކަމަށެވެ. އަދި އިރުވައި މޫސުމުގެ ކުރިޔަށް އޮތް ދުވަސްތަކުގައި ނެރުގެ ނުރައްކާ ބޮޑުވާނެކަމުގެ އިންޒާރުވެސް އަލީ ފާޅުކުރެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top