ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު އަނެއްކާވެސް ސެންޓޭ ހޯދައިފިއެވެ. މި އެވޯޑާއެކު އޭނާ ވަނީ އަހަރުގެ އެންމެ ގިނަ ލަނޑުޖެހުންތެރިޔާގެ އެވޯޑުވެސް ދިފާއު ކޮށްފައެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން ރޭ ކުރިއަށްގެންދިޔަ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓްގައި ސެންޓޭއަށް އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި އެވޯޑް ހަފުލާގައި އޭދަފުއްޓަށް އުފަން ސެންޓޭ މި އެވޯޑް ކާމިޔާބު ކޮށްފައިވަނީ ޓީސީ ސްޕޯޓްސް ކްލަބްގެ ފޯވާޑް ނާއިޒް ހަސަން (ދާދު)، އާއި ހަމަ އެ ޓީމުގެ ފޯވާޑް އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ހަމްޒާ މުހައްމަދު (ހަމްޕު)، އެ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ) އާއި މާޒިޔާގެ މުހައްމަދު އުމެއިރުއާ ވާދަކޮށްގެންނެވެ.
ސެންޓޭ ވަނީ މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެ، އުރީދޫ ދިވެހި ޕްރިމިއާ ލީގާއި، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފައެވެ.
ސެންޓޭގެ މި ކާމިޔާބަށް އީވީއިން ވަރަށް ހޫނު މަރުހަބާއެއް ރައްދު ކުރަމެވެ.