ބ. ގޮއިދޫގެ ގިނަ އަދަދެއްގެ ބަޔަކު ކާނާ ވިހަވެގެން އެރަށު ސިއްހީ މަރުކަޒުގައި އެޑްމިޓް ކުރަން ފަށައިފިއެވެ.
ގޮއިދޫގައި ހުރި އީވީގެ ރިޕޯޓަރ ބުނީ ކާނާ ވިހަވެގެން އެކިކަހަލަ މައްސަލަތައް ދިމާވި ފަނަރަވަރަކަށް މީހުންނަށް މިއަދު ހަވީރުން ފެށިގެން އެރަށު ސިއްހީ މަރުކަޒުން ފަރުވާދެމުން އަންނަކަމަށެވެ. އަދި ސިއްހީ މަރުކަޒުގެ ބެޑްތައް ފުރިފައިވާތީ، ބައެއް މީހުން ގެއަށް ފޮނުވާލާފައިވާކަމަށާ، އެކަކު ސީރިއަސް ވެގެން ބ. އަތޮޅު ހޮސްޕިޓަލަށް އެމަޖެންސީކޮށް ހަވީރު ގެންގޮސްފައިވާކަމަށްވެސް ރިޕޯޓަރު ބުންޏެވެ.
“އުމުރުން 30 އަހަރުން މަތީގެ އަންހެނަކު ސީރިއަސްކަމުން އެމަޖެންސީގައި ލޯންޗެއްގައި އޭދަފުއްޓަށް ގެންދިޔައީ” ރިޕޯޓަރު ބުންޏެވެ.
މިކަމާގުޅިގެން ބ. ގޮއިދޫ ސިއްހީ މަރުކަޒު ހިންގުމާ މިވަގުތު ހަވާލުވެހުންނެވި ލަތީފާ އިބްރާހީމްއާ އީވީން ގުޅާލުމުން ވިދާޅުވީ “މިވަގުތު އެއްވެސް މައުލޫމާތެއް ދެވެން ނެތް” ކަމަށާ “ބޮޑެތި މީހުންނާ ވާހަކަ ދައްކާފައި ނޫނީ އެއްޗެއް ބުނަން ދަތި” ކަމަށެވެ.

ބ. ގޮއިދޫ ސިއްހީ މަރުކަޒުގައި މިރޭ ބަޔަކު ހަރަކާތްތެރިވާއިރު، މީހަކު އެޑްމިޓްކޮށްފައި. ކާނާ ވިހަވެގެން ގިނަ ބަޔަކު އެރަށު ސިއްހީ މަރުކަޒާށް ދަނީ ދައްކަމުން / ފޮޓޯ: އޭދަފުށީ ވޮއިސް
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ގޮއިދޫގައި ފުޑް ޕޮއިޒަން މައްސަލަތަކެއް ފާހަގަކުރެވިގެން އެކަން ރިޕޯޓްކޮށްފައިވާކަމަށާ، މާ ސީރިއަސް މައްސަލައެއް ނެތް ކަމަށެވެ. އަދި ބ. އަތޮޅު ހޮސްޕިޓަލަށް ގެނައި އަންހެންމީހާގެ ހާލުވެސް ރަނގަޅުކަމަށް އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.
އީވީގެ ރިޕޯޓަރު ބުނީ ހަވީރުން ފެށިގެން މިރޭގެ ނުވައެއްޖެހުމާ ހަމައަށްވެސް މެދުނުކެނޑި ޑޮކްޓަރަށް ދައްކަން މީހުން އަންނަމުންދިޔަކަމަށާ، މަރުކަޒުގައި ޖާގަ ނެތުމުގެ ސަބަބުން އެޑްމިޓް ނުކުރެވޭ ބައެއް މީހުން ބޭސްދިނުމަށްފަހު ގެއަށް ފޮނުވާލާފައިވާކަމަށެވެ.
ރިޕޯޓަރު ބުނީ ކާނާ ވިހަވިކަމަށް ބެލެވެނީ ރޭ އެރަށުގައި އޮތް ސަރުކާރު މުވައްޒަފުންގެ ޕާޓީއަކަށް ދިޔަ ބަޔަކު އެތަނުން ކެއި ކޮންމެވެސް އެއްޗެއްގެ ސަބަބުން ކަމަށެވެ.