
ޝާފީ ގައުމީޓީމް ޕްރެކްޓިސްގައި. އަނިޔާގެ ސަބަބުން މިއަދުގެ މެޗުން ނުފެންނާނެކަމަށް ގައުމީ ޓީމުން ބުނޭ. / ފޮޓޯ ހަވީރު އޮންލައިން
ޗެލެންޖު ކަޕުގައި މިއަދު ހަވީރު ކުޅޭ މުބާރާތުގެ ތިންވަނަ ޓީމް ހޮވާ މެޗުގައި އޭދަފުއްޓަށް އުފަން އިތުބާރު ޑިފެންޑަރ ޝާފިއު އަހްމަދަށް ނުކުޅެވޭނެ ކަމަށް ގައުމީ ޓީމުން ބުނެފި އެވެ.
ރާއްޖޭގެ ބައެއް މީޑިޔާތަކާ ވާހަކަދައްކަމުން ގައުމީ ޓީމްގެ ޑޮކްޓަރު އަހުމަދު ޝަކީބު އިއްޔެ ވިދާޅުވެފައިވަނީ ފިލިޕީންސް އާއި ދެކޮޅަށް ކުޅުނު މެޗުގައި ޝާފިއު ވައަތު ފައިގެ ލިގަމެންޓަށް އަނިޔާވެފައިވާ ކަމަށާއި އޭނާއަށް މިއަދު ހަވީރު ކުޅޭ މެޗުގައި ނުކުޅެވޭނެ ކަމަށެވެ. އަދި ލިގަމެންޓަށް ލިބުނު އަނިޔާއަށް ފަރުވާކުރަމުން އަންނަ ކަމަށާއި އަނިޔާއިން ރަނގަޅުވާން ދުވަސްތަކެއް ނަގާނެ ކަމަށް ލަފާކުރާ ކަމަށެވެ.
“ރޭގެ ވަގުތެއްގައި ލިބޭނެ ޝާފިއުގެ ވައަތު ފައިގެ ސީޓީ ސްކޭންގެ ނަތީޖާ، އެއަށް ބެލުމަށްފަހު އިތުރަށް އެއްޗެއް ބުނަން އެނގޭނީ، ނަމަވެސް މާބޮޑު އަނިޔާއެއް ހެން ހިއެއްނުވޭ، އޭނާ ކިތަށް ދުވަހަށް ކުޅުމާއި ދުރަށް ދާންޖެހޭނެކަން އިނގޭނީ މިރޭ ލިބޭ ސީޓީ ސްކޭނުގެ ނަތީޖާއަށް ބެލުމަށްފަހު” ޝަކީބު ވިދާޅުވިއެވެ.
ޗެލެންޖު ކަޕުގެ ސެމީފައިނަލުގައި ފިލިޕީންސްއާއި ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގެ ވަގުތު ހަމަވެގެން ކުޅުނު އިތުރުވަގުތުކޮޅުގެ ތެރޭގައި ޝާފިއު ވަނީ ބަދަލުކޮށްފައެވެ. އެމެޗްގައި ޝާފިއު ވަނީ ގައުމީ ޓީމުގެ ފަހަތް ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ފިލިޕީންސް އަތުން 3-2 ގެ ނަތީޖާއަކުން ރާއްޖެ ބަލިވި މެޗުގައި ޝާފިއު ފިޔަވާ އެހެން ހުރިހާ ކުޅުންތެރިން ފިޓު ކަމަށް ގައުމީ ޓީމުން ބުނެއެވެ.
އަދި މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި މިއަދު ހަވީރު ސަރަހައްދުގެ އެންމެ ފަހުގެ ޗެމްޕިއަން އަފްޢާނިސްތާނާއި ދެކޮޅަށް ކުޅޭ މެޗުށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް އައިސް ޓީމަށް ސަޕޯޓްދިނުމަށް ޓީމުގެ ކުޅުންތެރިން ވަނީ ސަޕޯޓަރުންނަށް ގޮވާލާފައެވެ.