އަންނަ އަހަރު އޭދަފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށްޓަަކައި ހައިވޯލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކަކާއި، 1 މެގަވޮޓް އިންޖީނެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ބ. ރީޖަނަލް އޮފީހުން ބުނެފިއެވެ.
ރީޖަނަލް އޮފީހުން މިހެން ބުނީ ދާދިފަހުން ރީޖަނަލް މެނޭޖަރ އަލީ ޝަފީޤްއާއި، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑައިރެކްޓަރ އަހްމަދު ޝަރީފާއި ބައްދަލުކުރެއްވުމަށް ފަހު އެވެ.
އީވީއާ ވާހަކަ ދައްކަވަމުން އަލީ ޝަފީޤް ވިދާޅުވީ އޭދަފުށީ ދާއިރާގެ މެންބަރުގެ އިސްނެގުމަކާއެކު ބޭއްވުނު އެބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަުގެ ނަތީޖާއެއްގެ ގޮތުން އޭދަފުށީގެ ކޭބަލް ނެޓްވޯކް އެޗްވީ އަށް ބަދަލުކުރުމުގެ މަސައްކަތް އަންނައަހަރު ކުރިޔަށްދާނެއެވެ. އަދި އޭދަފުށީގެ ކަރަންޓް ކެޕޭސިޓީ މަތިކުރުމަށްޓަކައި 1 މެގަވޯޓްގެ ޖެނެރޭޓަރެއް ވެސް 2018 ވަނަ އަހަރުގެ ތެރޭގައި އޭދަފުއްޓަށް ގެނެވޭނެއެވެ.
“ވަރަށް ބިނާކުރަނިވި ބައްދަލުވުމެއް އެއީ. އެންމެ ބޮޑު ބޭނުމަކަށް ވީ އޭދަފުށީގެ ބަލިކަށި ޑިސްޓްރިބިއުޝަން ނެޓްވޯކް ހައްލުކުރުމަށް މަޝްވަރާކުރުން. އަންނަމަހު އިރާދަކުރެއްވިއްޔާ ކަމާބެހޭ ފައިނަލް ދިރާސާތައް ކުރިޔަށް ގެންދާނެ އޭދަފުށީގައި. އަންނަ އަހަރު ނެޓްވޯކް އެޅުމަށް ބަޖެޓްވެސް ވަނީ ކުރެވިފައި. 1 މެގަވޮޓަކީ މިއަހަރުވެސް ގެންނަ ހަމަޖެހުނު އިންޖީނެއް. އެކަމަކު މަސައްކަތް ދާ ރޭޓަށް ބަލާއިރު އެއިންޖީނުވެސް ލިބޭނީ އަންނަ އަހަރު” އަލީ ޝަފީޤް ވިދާޅުވިއެވެ.
ޝަފީޤް ވިދާޅުވީ މިބައްދަލުވުމުގައި ބ. އަތޮޅުގެ ރަށްރަށުގެ ކަރަންޓް ހާލަތު ރަނގަޅު ކުރުމާމެދުވެސް ދިގު މަޝްވަރާތަކެއް ކުރެވި އެކަށީގެންވާ ކުރިއެރުންތަކެއް ލިބުނު ކަމަށެވެ. އެގޮތުން ބ. ދަރަވަންދޫ ކޭބަލް ނެޓްވޯކް އެޅުންވެސް ދާދިއަވަހަށް ފެށިގެންދާނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
“ކަރަންޓުގެ ހާލަތު ދެރަ އެއްރަށަކީ ދަރަވަންދޫ. ދަރަވަންދޫ ޑިސްޓްރިބިއުޝަން އާނެޓްވޯކެއް ނާޅައި ހިންދެމިލެވޭކަށް ނެތް މިހާރުވެސް. އެހެންވީމާ އޭދަފުއްޓަށްވުރެ ކުރިން ދަރަވަންދޫ މަސައްކަތް ފެށޭނެ އިރާދަކުރެއްވިއްޔާ. އަދި އަންނަ އަހަރު ބ. އަތޮޅުގެ އިތުރު ރަށްރަށަށް ޖަނަރޭޓަރުވެސް ލިބިގެންދާނެ.”
ޝަފީޤް ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ބ. އަތޮޅުގައި އޮޕަރޭޓް ކުރަމުންދާ 13 ރަށުގެ އިންޖީނުގެތަކަށާ، އެރަށްރަށުގެ ކަރަންޓް ނެޓްވޯކަށް ވޭތުވެދިޔަ 4 އަހަރު ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށާ، 2018 އަކީ މިމަސައްކަތްތައް އިތުރަށް ފުޅާ ކުރެވިގެންދާނޭ އަހަރަކަށް ހެދޭނެކަމަށެވެ. އޭނާ ވިދާޅުވީ އަންނަ އަހަރު ކުރީކޮޅު ބ. ދަރަވަންދޫއާއި، ފެހެންދޫގައި އިމާރާތްކުރެވެމުންދާ އާ އިންޖީނުގެވެސް ހުޅުވޭވަރުވާނޭކަމަށެވެ.