ރައްޔިތުންގެ އެންމެބޮޑު ކަންބޮޑުވުމަކީ ހަލާކުވެފައިވާ ބަނދަރު – ކުޑަރިކިލު ކައުންސިލްގެ ރައީސް

kudarikilu.jpg

ކުޑަރިކިލު އެއްގަމު ވާޓަރުން ބައެއް މޫދަށް ވެއްޓިފައިވާއިރު، ކަނޑުތޮށި މުޅިން ވެއްޓިިފައި / ފޮޓޯ: ކުޑަރިކިލު ކައުންސިލް

ބ. ކުޑަރިކިލު ރައްޔިތުންނަށް މިވަގުތު އެންމެ ދަތިވެފައިވާ މައްސަލައަކީ އެރަށަށް އަރާފޭބުމަށް ބޭނުންކުރާ ބަނދަރު ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވުންކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވެއްޖެއެވެ.

ކުޑަރިކިލުގެ އާންމު ހާލަތާ ގުޅޭގޮތުން އީވީން ކައުންސިލްގެ ރައީސް އަބްދުލްހަންނާން އައްބާސްއަށް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ބަނދަރުގެ ދަތިކަން ނޫން ވާހަކައެއް މިވަގުތު ދެންނެވެން ނެތްކަމަށެވެ. 2004 ގެ ސުނާމީގައި ވަރަށްބޮޑަށް ހަލާކުވެފައިވާ ކުޑަރިކިލުގެ ބަނދަރަކީ ބ. އަތޮޅުގައި މިވަގުތު އޮތް އެންމެ ހާލުދެރަ ބަނދަރެވެ. ބަނދަރުގެ ކަނޑުތޮއްޓާއި އެއްގަމުތޮށިންވެސް ބޮޑުބައެއް ވެއްޓިފައިވާއިރު، ލަފާފުރުމަށް ބޮޑެތި ދަތިތަކެއް އެބަހުއްޓެވެ.

އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުންނެވި ކައުންސިލްގެ ރައީސް އަބްދުލް ހަންނާނު ވިދާޅުވީ ކުޑަރިކިލު ބަނދަރު މަރާމާތުކުރުމަށް 2014 ވަނައަހަރުން ފެށިގެން އެކިގޮތްގޮތަށް ސަރުކާރާއެކު ވާހަކަދެކެވިފައިވާ ކަމަށާ، ބައެއް ފަހަރު ވަރަށް އުއްމީދީ ޖަވާބުތައްވެސް ދެއްވާކަމަށެވެ.

“ހުޅަނގު މޫސުމުގައި ބަނދަރުގެ ބޭނުން ނުކުރެވޭ ބުންޏަސް ދޮގަކަށް ނުވާނެ. މިކަމުގައި ސަރުކާރާ އެކިފަންތިތަކުގައި އެކި ފަހަރު ވާހަކަ ދެކެވިފައިވާނީ. ބައެއް ފަހަރު އަމިއްލަ ކުންފުނިތަކާއެކު ވެވޭ އެއްބަސްވުންތައް ހިފައިގެން ގޮސް ސަރުކާރުގައި ދަންނަވައިފިން  ބަނދަރު ހެދުމަށް އަޅުގަނޑުމެންނަށްމަގެއް ދައްކަވާށޭ. ނަމަވެސް ބަޖެޓްގައި ބަނދަރު ހިމަނާނަމޭ ބުނެފާނެ. ނޫނީ ޖަވާބެއް ނުދީ ދިގުދަންމާވެސް ފާނެ”

ހަންނާނު ވިދާޅުވީ ކޮންމެ ގޮތަކަށް ކަންކަން ހިނގާފައިވީނަމަވެސް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ބަނދަރު މަރަމާތުކުރުން ހިމަނާނެކަަމަށް ވަރަށްބޮޑަށް އުއްމީދުކުރެއްވިކަމަށެވެ. ނަމަވެސް ސަރުކާރުން ހުށައެޅި ބަޖެޓްގައި ކުޑަރިކިލު ބަނދަރު ހިމެނިފައެއް ނުވެއެވެ. ހަންނާނު ވިދާޅުވީ ބަޖެޓް ފާސްކުރުމާ ހަމައަށް އަދިވެސް އުއްމީދު ކަނޑާނުލާކަމަށެވެ.

“އަޅުގަނޑު އަދިވެސް އުއްމީދުކުރަން ބަޖެޓް މަޖިލީހުން ފާސްކުރުމުގެ ކުރިން ބަނދަރު ހިމަނުއްވައި ދެއްވާނެކަމަށް. އެކަމަށް މަސައްކަތްތަކެއްވެސް އެބަކުރެވޭ”

ކުޑަރިކިލު ކައުންސިލްގެ ޕީޕީއެމް މެންބަރު އާސިފް މޫސާވެސް ވިދާޅުވީ ބަނދަރުގެ ވާހަކަ ބަޖެޓްގައި ހިމެނޭތޯ، ކަމާބެހޭ ފަރާތްތަކުގައި ދަންނަވަމުންދާތާ ދުވަސްތަކެއް ވެއްޖެކަމަށާ، އަންނަ އަހަރުގެ ބަޖެޓްގައި ބަނދަރު ހިމެނޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރެއްވިކަމަށެވެ.

“އަޅުގަނޑު އުއްމީދު އަދިވެސް ކަނޑައެއް ނުލަން. އަދިވެސް މިގެންދަނީ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ  މަޖިލިސް މެމްބަރުންނާ މަޝްވަރާކުރަމުން” އާސިފް ވިދާޅުވިއެވެ.

ހަސަތޭކައަށްވުރެ ބޮޑުއާބާދީއެއް އޮތް ކުޑަރިކިލު ބަނދަރަކީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ހެޔޮއެދޭ އަމިއްލަ ފަރާތްތަކުގެ ބޮޑު އެހީތެރިކަމަކާއެކު، ސަރުކާރުންވެސް އެހީ ދެއްވައިގެން ރައްޔިތުން ހެދި ބަނދަރެކެވެ. ހަންނާނު ވިދާޅުވީ ބަނދަރު ހެދިތާ މާގިނަ ދުވަހެއްނުވެ، ސުނާމީ ކާރިސާގައި ބަނދަރު ހަލާކުވެ ސުންނާފަތިވެފައިވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top