ބ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އަދި ފާއިތުވި އަހަރުގެ ޗެންޕިއަން ގޮއިދޫ ފުޓްބޯޅަ ޓީމް މިއަހަރުގެ އަތޮޅު ޗެލެންޖުގައި ބައިވެރިނުވާން ނިންމައިފިއެވެ.
ގޮއިދޫޓީމުން ބުނީ މުބާރާތުގައި މިއަހަރު ބައިވެރިނުވާން ނިންމީ މުބާރާތުގެ ފެންވަރު އަހަރުން އަހަރަށް ދަށްވުމާއި، މުބާރާތާމެދު ހިތްހަމަނުޖެހޭ ގިނަ ކަންތައްތަކަށް އެދެވޭ ހައްލެއް ނުލިބޭތީކަމަށެވެ.
ގޮއިދޫ ޓީމްގެ މެނޭޖަރ އަހްމަދު ރިޔާޒު އީވީއަށް ބުނީ ގޮއިދޫ ޓީމުން އުއްމީދު ކުރި ފެންވަރަށްވުރެ މުބާރާތުގެ ފެންވަރު އަހަރުން އަހަރަށް ދަނީ ދަށަށް ކަމަށާ، ރެފްރީންގެ ފެންވަރުވެސް އަހަރަކަށްވުރެ އަހަރެއް ދަށްކަން ފާހަގަކުރެވޭ ކަމަށެވެ. އޭނާ ބުނީ މުބާރާތުގެ ޗެންޕިއަން އަދި ރަނައަޕް ޓީމަށް ފައިސާލިބުން ލަސްވުމަކީވެސް މިއަހަރުގެ މުބާރާތުގައި ވާދަނުކުރަން ނިންމި ސަބަބެއްކަމަށެވެ.
“ފުރަތަމަ އަހަރު މުބާރާތުގެ ފެންވަރު ރަނގަޅު، ދެވަނައަހަރުވެސް އޯކޭހަމަ. އެކަމަކު މިދިޔަ ތިން އަހަރު އަހަރަކަށްވުރެ އަހަރެއް ދިޔައީ ފެންވަރުދަށްވަމުން. އިންތިޒާމް ވަރަށް ދަށް. ރެފްރީންގެ ފެންވަރުވެސް ވަރަށްބޮޑަށް ދަށޭބުނެވޭނީ އަހަރަކަށްވުރެ އަހަރެއް. އަނެއްކާ މިދިޔަ އަހަރު ޗެންޕިއަން ޓީމަށް ލިބެންވާ ފައިސާކޮޅު އަދިވެސް ނުލިބޭ. ކޮންމެ އަހަރަކުވެސް ލިބެނީ އަނެއް އަހަރު މުބާރާތް ފެށެންވީމަ. މިއީ މައިގަނޑު މައްސަލަތަކަކީ މިއަހަރު ބައިވެރިނުވާން ނިންމި” ވޭތުވެދިޔަ ފަސްއަހަރުގެ ތެރެއިން 3 އަހަރު ގޮއިދޫ ޗެންޕިއަންކަން ހޯދިއިރު ޓީމްގެ މެނޭޖަރގެ މަގާމް އަދާކުރި ރިޔާޒު ބުންޏެވެ.
ނަމަވެސް ރިޔާޒު ފާހަގަކުރި ކަންކަމާމެދު މުބާރާތް އިންތިޒާމް ކުރާ ފަރާތުން މުޅިން އެއްބަހެއް ނުވެއެވެ. މުބާރާތުގެ ބާނީ މުހައްމަދު ޖަމީލް (ޖަމްބޭ) އީވީއަށް ބުނީ މުބާރާތުގެ އިންތިޒާމް ފެންވަރު ދަށްކަމަށް ގަބޫލު ނުކުރާކަމަށާ، ރެފްރީންގެ ފެންވަރުވެސް ދަށްނޫންކަމަށެވެ. އަދި ގޮއިދޫ ބައިވެރިނުވަނީ އެފަދަ މައްސަލައަކުން ކަމަށް ނުދެކޭ ކަމަށްވެސް ޖަންބޭ ބުންޏެވެ.
“އަހަރެންނަކަށް ހިޔެއް ނުވޭ އިންތިޒާމް ދަށްވެގެންހެނެއް ގޮއިދޫން ބައިވެރިނުވާން އުޅެނީއަކީ. އެއްވެސް ޓީމަކަށް ކުރީއަހަރުގެ ފައިސާ ނުދީއެއް މިއަހަރުގެ މުބާރާތެއް ނުވެސް ބާއްވާނެ. މުބާރާތް ފެށޭއިރު ކޮންމެ އަހަރަކުވެސް ޓީމްތަކަށް ދޭންޖެހޭ ފައިސާ ދީފައި ހުންނާނީ. އަހަންނަށް ހީވަނީ ސިޔާސީ ގޮތުން ބަޔަކު ރާވާ ގޭމެއްގަ ޖެހިގެންހެން ގޮއިދޫ ބައިވެރިނުވަނީ. ގޮއިދޫ ބައިވެރިނުވިޔަސް މުބާރާތް އޮންނާނެ” އޭދަފުއްޓަށް އުފަން ގައުމީ ފުޓްބޯޅަ ލެޖެންޑް ޖަމްބޭ ބުންޏެވެ.
ގޮއިދޫ ފުޓްބޯޅަ ޓީމުން ބުނީ މުބާރާތުގެ އިންތިޒާމްތައް ދޯދިޔާކަމަށްބުނެ މިއަހަރުގެ ފުޓްބޯޅަ މުބާރާތުގައި އަތޮޅުގެ ބައެއް ރަށްރަށުން ބައިވެރިވާން ދެކޮޅުހަދަމުންދާކަމަށެވެ. ނަމަވެސް ޖަމްބޭ ބުނީ އެއީ ދޮގެއްކަމަށާ، މުބާރާތުގައި ބައިވެރިވުމަށް އަތޮޅުގެ ގިނަ ރަށްރަށުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ.
2012 ވަނަ އަހަރުން ފެށިގެން އޭދަފުށީގައި ބާއްވަމުން އަންނަ ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖް މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ނޮވެމްބަރ 1 ވަނަދުވަހު ހަމަވާނެއެވެ. މިއަހަރުގެ މުބާރާތްފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 30 ވަނަދުވަހުއެވެ.