ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިނުވާ ރަށްރަށަށް އަމާޒުކޮށްގެން ފުލުހުންނާއި ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ ޕްރޮގްރާމް ، ބ. މާޅޮހުގައިކުރިއަށް ގެންގޮސްފިއެވެ.
މި މަހުގެ 22 ން 23 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ގެ ތެރޭގައި މާޅޮހު މަދަރުސާގެ ގްރޭޑް 7،8،9 އަދި 10 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށްގެންދިއުމުގެ އިތުރުން ހަނގާކުރުމުގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރުތަކާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ސައިބަރ ކްރައިމްގެ މައްސަލަތަކާއި އެފަދަ މައްސަލަތަކުގެ ސަބަބުން ދިމާވާ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
ސްކޫލްކުދިންގެ ހޭލުންތެރިކަން އިތުރުކުރުމަސް ހިންގި ޕްރޮގްރާމްތަކުގެ އިތުރުން މާޅޮހުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަނަކާއި ކަސްރަތު ކްލާހެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ސެޝަންގައި އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
ކަސްރަތު ކުލާހުގައި ، ދުޅަހެޔޮ ދިރިއުޅުމަކަށް ކަސްރަތު މުހިންމުކަމާއި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތައް ކިޔައިދީ ސްކޫލުގެ ބެލެނިވެރިންނާއި ދަރިވަރުންނަށް ޓީމް ބިލްޑިންގ އެކްސަސައިޒްތަކެއްވެސް މި ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ.
”ފަހި ކުރިމަގު ” ޕްރޮގްރާމް ގެ ކުލާސްތަކާއި ސެޝަންތަކުގައި މަޢުލޫމާތު ދީފައިވަނީ ބ.އޭދަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ޕޮލިސް ސްޓާފް ސާޖަންޓް ޒާހިރު އުޘްމާން އާއި ޕޮލިސް ސްޓާފް ސާޖަންޓް މުޙައްމަދު އަފުސާމް އާއި ޕޮލިސް ސާޖަންޓް ޢަބްދުއްސަލާމް ޢުމަރު އަދި ޕޮލިސް ސާޖަންޓް ސިފާނާ ޢަބްދުލް ޣަނީ އެވެ.
“ފަހިކުރިމަގު” ޕްރޮގްރާމް ނިންމާލުމުގެ ގޮތުން ބޭއްވި ”ހަވީރު ” ގައި ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިން ބައިވެރިވެފައިވާއިރު ތަފާތު ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.