
ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިންގާ އޭދަފުށީ އިންޖީނުގެ. ފެނަކަ ކޯޕަރޭޝަނުންދޭ ކަރަންޓްގެ ބައެއް ހިދްމަތްތަކުގެ އަގުވަނީ ބޮޑުކޮށްފައި / އީވީ ފައިލްފޮޓޯ
ކަރަންޓްގެ ބައެއް ހިދްމަތްތަކުން ނަގާ އަގު ފެނަކަ ކޯޕަރޭޝަނުން ބޮޑުކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަނުން މިމަހު 1ވަނަދުވަހު އަލަށް ނެރުނު އަގުލިސްޓްގައިވާގޮތުން މިފަހަރު އަގުބޮޑުވެފައިވާ އެންމެ އާންމު ހިދްމަތަކީ ކަރަންޓް ލުމަށް ނަގާ އަގެވެ. އެގޮތުން ކުރިން އާދައިގެ ކަރަންޓެއް ގެއަކަށްލުމަށް ޑިސްތްރިބިއުޝަން ފޮށި މެދުވެރިކޮށް ނަގަމުން އައި އަގު 200ރ އިން 250ރ އަށް ބޮޑުކޮށްފައިވެއެވެ. ތްރީފޭސް ކަރަންޓެއް ލުމަށް ކުރިންނެގި 350ރ އިން 400ރ އަށް ބޮޑުކޮށްފައިވެއެވެ.
މިއަގުތަކުގެ ތެރެއިން އެންމެ ބޮޑަށް މައްޗަށް ދިޔައީ ވައިރުޓެސްޓް ކުރުމާ، މިހާރުހުރި މީޓަރު އެހެންތަނަކަށް ބަދަލުކުރުމުގެ އަގެވެ. އާދައިގެ ކަރަންޓެއްގެ ވައިރުޓެސްޓްކުރިން ކުރީ 75 ރ އަށެވެ. ތްރީފޭސް 100ރ އަށެވެ. އާދައިގެ ކަރަންޓަށް މިހާރުނަގަނީ 150ރ އެވެ. ތްރީފޭސްއަށް 200ރ އެވެ. އާދައިގެ މީޓަރު ބޯޑެއް އެހެންތަނަކަށް ބަދަލުކުރުމަށް ކުރިން 150ރ ނެގިއިރު މިހާރުނަގަނީ 250ރ ކަމަށް ފެނަކަ އިޢްލާންގައިވެއެވެ.
ފެނަކަ ކޯޕަރޭޝަންގެ ކަރަންޓްގެ ހިދްމަތުގެ އަގުތަކަށް މިފަހަރު ބަދަލުގެނައިއިރު ފެނަކައިން ހިންގާ ރާއްޖޭގެ 149 ރަށުގައިވެސް މިމަހުންފެށިގެން ބޭނުންކުރާނީ މިއަގުލިސްޓްކަމަށް ފެނަކައިން ބުނެއެވެ. ފެނަކަ ހިދްމަތުގެ އަގަށް ބަދަލުއައިނަމަވެސް ކަރަންޓް ޔުނިޓަކަށް ނަގާ އަގަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.