ބ. އަތޮޅު ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމެއް ނެތް ކަމުގެ އުނިކަމާއި އެކަމުގެ ބޭނުންތެރިކަމާމެދު ވިސްނާ ކިތަންމެ ބަޔަކު އުޅެއެވެ. އެކަން ކުރަންބާރުއަޅާ ، އެކި ފެންވަރުގައި އެކި މުނާސަބާތަކުގައި “ދަނޑިވަޅުބަލާފާ އެނގަހުރި ހިފަން” އުޅޭ ބަޔަކުވެސް އުޅޭނެއެވެ. އެކަމަކު މިއަދާ ހަމައަށްވެސް އެކަން ކުރެވިފައެއްނެތެވެ. އެކަމުގެ ޝަކުވާ އޮތީ ފުނި ފުންޏަށެވެ. ދުވާލަކު ސަތޭކައިގެ އަދަދުތަކުން ގުނާލެވޭ ވަރަށް ފަރުވާ ހޯދަން އަންނަ މި ހޮސްޕިޓަލުގައި ހާރަކަށް ވެސް ތަރާވީހަކަށްވެސް ހުރީ އެއްވެސް ނިވާކަމެއްނެތް 14 އެނދުގެ އެންމެ ވޯޑެކެވެ. އެއީ 8 އެނދުގެ ގައިނީ ވޯޑާ ނުލައެވެ.
އަހަންނަށް އެކަމާމެދު ވަރަށް ފުންކޮށް ވިސްނާލެވުނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތް ބޮޑުބޭބެއަށް ގޮވާލަން ދިއުމާއެކުގައެވެ.
ބޮޑުބޭބެ އޮތީ ހޮސްޕިޓަލުގެ އާއްމު ވޯޑުގެ އެންމެ ދެކުނުގައި އޮތް އެނދުގައެވެ. އެ އެނދުކައިރީގައި އިށީދެގެން އިންއިރު ވޯޑުގެ ބޮޑުބައި އޮތީ އެޑްމިޓްކޮށްފައި ތިބި ހުރިހާ އެންމެންނާއެކު ދިމާކުރިމަތިން ފެންނާށެވެ. އަންހެނުންނާއި ފިރިހެނުން އަދި ކުޑަކުދިންނާއެކު މައްސުނި ވެފައިވާ މިތަނުން އެންމެ އަޅައިގަތީ ސިއްހަތު ރަނގަޅު ޔޫރަޕް ދޮން މީހަކު ވެސް އެތަނުގައި އެޑްމިޓް ކޮށްފައި އޮތްތަނެވެ. މައުލޫމާތު އޮޅުން ފިލިއިރު އެއީ ބ. އަތޮޅުގައި އޮންނަ ހަތަރު ތަރީގެ އަންނަތަރާ ރިސޯޓުން ގެނެސްފައިއޮތް ބަލިމީހެކެވެ. ސުވާލުތައް އުފެދުނީ މިހާ ހިސާބުންނެވެ.
އޭދަފުށީގެ ވަށައިގެން އޮތީ ފަސްތަރިއާއި ހަތަރު ތަރީގެ ރިސޯޓްތަކެވެ. ކިލޯމީޓަރަކަށް ވުރެވެސް ކައިރީގައި ،ދުނިޔޭގެ އެންމެ މުއްސަދިންނަށް ޚާއްސަކޮށްގެން ހިންގާ ސޮނޭވާ ފުށްޓެވެ. އެއަށްވުރެ ތަންކޮޅެއް ދުރުގައި ރޯޔަލްއެވެ. ދެން ދުސިތް ތާނީއެވެ. ފޯސީޒަން ލަނޑާގިރާވަރާއި ހުރުވަޅި ރިސޯޓެވެ. އަނެއްފަރާތުގައި ފިނޮޅު ރިސޯޓާއި ކޮކޯޕާމް އާއި އަލަށް ހުޅުވަން ތައްޔާރުވެފައިވާ ވައްކަރު ރިސޯޓެވެ. އަދިވެސް އިތުރު ރިސޯޓު ތަކެވެ.
މި ރިސޯޓްތަކަށް އަންނަމީހުންގެ ތެރެއިން އަމިއްލަ ޖެޓް ތަކުގައި ރާއްޖެ އަންނަމީހުން މަދެއް ނޫނެވެ. ރިސޯޓާ ހަމައަށްވެސް އަންނަނީ ފައިވް ސްޓާރ ފެންވަރުގައެވެ. ރިސޯޓުގައި ހޭދަކުރަނީ ވެސް ފައިވްސްޓާރ ފެންވަރުގައެވެ. ފަސްތަރީގެ ނުވަތަ ހަތަރު ތަރީގެ ޚިދުމަތް ހުރިހާ ދިމާލަކުން ލިބޭއިރު ދިމާވާ އެކްސިޑެންޓްތަކާއި ސިއްހީ އެކިއެކި ހާލަތްތައް މެދުވެރިވެގެން އެންމެ ކައިރިން ޚިދުމަތް ލިބެން ހުރި ހޮސްޕިޓަލް އަދި އެކަމަށް ތައްޔާރެއް ނޫނެވެ. އެއީ އާދައިގެ ހެލްތް ސެންޓަރެއްކަމަށް މީހުން ސިފަކުރެއެވެ.
މިއީ ރާއްޖޭގެ ޓޫރިޒަމް ސެކްޓަރގެ ކިބަޅި ފަރާތެވެ. ބިލިޔަނަރުންނާއި އެކިއެކި ސެލެބްރިޓީންގެ އިތުރުން ގައުމުތަކުގެ ސިޔާސީ ލީޑަރުން ޗުއްޓީ ހޭދަކުރަން އަންނަ ރިސޯޓުތަކާ ކައިރީގައި ހުންނަ ސިއްހީ ޚިދުމަތް ދޭ އެންމެ ފެންވަރު ރަނގަޅު ތަނަކީ އަތޮޅު ހޮސްޕިޓަލް ކަމަށްވާއިރު މިދައްކަނީ އެތަނުގައި ނިވާވެލާނެ ކޮޓަރިގަނޑެއް ނެތް ވާހަކައެވެ. މިދައްކަނީ ގެސްޓުންނަށް ދިމާވާ ކުއްލި ހާލަތްތަކުގައި ސިއްހީ ފަރުވާ ދެވެން ހުންނަ މަރުކަޒުގެ ފެންވަރު މިހާ ހިސާބުގައި ހުރުމަކީ އެކަމުގައި ސަރުކާރު ތަމްސީލުކުރަން ރައްޔިތުންނަށް ޖަވާބު ދާރީވާން ތިއްބެވި ބޭފުޅުންގެ އިހުމާލުވުން ބޮޑުކަމުގެ ވާހަކައެވެ.
ބ.އަތޮޅު ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމްތަކެއް އަޅަން އުޅޭ ވާހަކަ ދޭތެރެ ދޭތެރެއިން ތިލަވެއެވެ. ސޮނޭވާފުށީގެ ފަރާތުންވެސް އެކަން ކުރަން އުޅުނު އަޑުތަކެއް އަރައިގެން ދިޔައެވެ. ބ. އަތޮޅު ކައުންސިލްގެ ނިމުނުދައުރުގައި ބ. އަތޮޅު ހޮސްޕިޓަލުގައި ޕްރައިވެޓް ކޮޓަރިތަކެއް އެޅުމަށް ނިންމިއެވެ. އެކަމަކު އެކަން ނުފެށުނު ސަބަބެއްކަމުގައި ބ.އަތޮޅު ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު އާދިލު ވިދާޅުވީ ސަރުކާރުން އޭރު ބުނަމުން ދިޔައީ ވަރަށް އަވަހަށް އެތަނުގައި ޕްރައިވެޓް ކޮޓަރިއެޅުމަށް ނިންމާފައިވާތީ ކަމުގައެވެ. ހޮސްޕިޓަލުގައި ރޫމްތަކެއް އެޅުމުގެ ކަންތައް އާދިލު ފާހަގަ ކުރެއްވީ އޭނާ ކުރަން އުޅެ ނުކުރެވިދިޔަ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައެވެ.

ބ.އަތޮޅު ކައުންސިލްގެ ކުރީ ދައުރުގެ ރައީސް މުހައްމަދުއާދިލު .ހޮސްޕިތަލްގައި ޕްރައިވެޓް ކޮޓަރިތަކެއް އެޅުމުށަ ވަރަށް މަސައްކަތް ކުރެއްވިކަމަށް ވިދާޅުވި – ފޮޓޯ : އީވީ
” އަޅުގަނޑު އުޅުނިން ވެރިކަން ކުރާރަށުގައި ދެމުންދާ ހިދުމަތްތައް ތަރައްގީކުރަން . އެގޮތުން ހޮސްޕިޓަލްގައި ޕްރައިވެޓް ކޮޓަރި ތަކެއް އަޅަން މަސަތްކަތްތަކެއް ކުރިން އެހެންނަމަވެސް އެކަން ވާގޮތެއްނުވި . ހެލްތުމިނިސްޓްރީން ބުނަނީ ތިމަންނަމެން ހޮސްޕިޓަލް ވަރަށް އަވަހަށް ތަރައްގީކުރާނެކަމަށް އެކަމަކު އަދިވެސް އެކަމެއްނުވޭ. ” އާދިލް ވިދާޅުވިއެވެ.
އާދިލްގެ މިވާހަކައަށް ރައްދު ދެއްވަމުން ބ.އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރ އަހްމަދު ވަހީދު ވިދާޅުވީ އެކަން ކުރަން އަތޮޅު ކައުންސިލުން އުޅުނު މަގްސަދު އެހާ ސާފު ނޫން ކަމުގައެވެ.
” އެބޭފުޅުން ބޭނުންފުޅުވީ އެކޮޓަރިތަކަކީ ވިޔަފާރި އުސޫލުން ކުރާ ކަމެއްގެ ގޮތަށް އެއިން ލިބޭ ފައިދާއިންވެސް ބައެއް ނަންގަވަން . އެކަމަކު މިނިސްޓްރީގެ ބަހަކީ އެކަން އެގޮތަށް ކުރުމަކީ ސަރުކާރުގެ ގަވާއިދުތައް ހުއްދަކުރާ ކަމެއް ނޫންކަމަށް. އެގޮތުން އެޕްރޮޖެކްޓް ފެއިލްވީ. ” ބ.އަތޮޅު ހޮސްޕިޓަލް އުފެދުނީއްސުރެ އެތަނުގައި މަސައްކަޔް ކުރައްވަމުން ގެންދަވާ ޑިރެކްޓަރ ވަހީދު އަތޮޅު ކައުންސިލުން އަޅަން ނިންމި ކޮޓަރިތަކާ ބެހޭ މައުލޫމާތު ސާފުކޮށްދެއްވަމުން ވިދާޅުވިއެވެ.
ބ.އަތޮޅު ހޮސްޕިޓަލް، ރަން ޔޫބީލް ފާހަގަ ކުރަން ތައްޔާރުވެފައވާއިރު ހޮސްޕިޓަލެއްގެ މައިގަނޑު އަސާސެއް ކަމުގައިވާ ޕްރައިވެޓް ކޮޓަރީގެ ޚިދުމަތް ލިބެން ނެތުމުން ނުވަތަ މިކަން އަދިވެސް ފުރިހަމަވެފައިނުވާތީ ގިނަ ބައެއްގެ ޝަކުވާއާއެކު ފާޑުކިއުން ހޮސްޕިޓަލަށް އަމާޒުވަމުން ދެއެވެ. އެކަމުގެ ޕްރެޝަރ ރިސޯޓުތަކުންނާއި އާއްމުންގެ އިތުރުން އިދިކޮޅު ފަރާތްތަކުން ބ.އަތޮޅު ހޮސްޕިޓަލަކީ ހޮސްޕިޓަލެއްގެ ޝަރުތު ހަމަނުވާ ތަނެއްކަމުގެ ހެކި ދެއްކުމަށް ބޭނުންކުރާ އެންމެ ބަރު ހަތިޔާރަކީވެސް އެއީއެވެ.
އެކަމަކު އެހުރިހާ ކަމެއް މިވަގުތު ހޮސްޕިޓަލް ހިންގުމުގެ އެންމެ އިސް ދެ ވެރިންކަމުގައިވާ ވާޑިރެކްޓަރ އަހްމަދު ވަހީދުއާއި ސީނިއަރ ކޮމިއުނިޓީ ހެލްތު އޮފިސަރ ، ސިދްގީ އަބްދުﷲ ދިފާއު ކުރައްވައެވެ.
” ހޮސްޕިޓަލްގައި ރޫމްތަކެއް އެޅުމުގެ ވާހަކައަކީ ވަރަށް ދުވަސްވީ ވާހަކައެއް. މައުމޫން ދައުރުގައި އިލްޔާސްގެ ހެލްތް މިނިސްޓަރު ކަމުގައިވެސް އަޅުގަނޑުމެން އައީ މިމަސައްކަތް ކުރަމުން. ޑރ. ވަހީދުގެ ސަރުކާރުގައި ޑރ. ޝަކީލާގެ ހެލްތް މިނިސްޓަރ ކަމުގައިވެސް މަސައްކަތް ކުރިން. ހަމަ ދެންމެ ބިންގާ އަޅާފާނެހެން ވެސް ހީވި. އެކަމަކު އެހެންނެއްވެސް ނުވިތާ ! “ސިދްގީ ވިދާޅުވިއެވެ.

ބ.އަތޮޅު ހޮސްޕިޓަލްގެ ސީނިއަރ ކޮމިއުނިޓީ ހެލްޓް އޮފިސަރ ،ސިދުގީ އަބްދުﷲ. ބ. އަތޮޅު ހޮސްޕިޓަލްގައި ޕްރައިވެޓް ކޮޓަރިތަކެއް އެޅޭތޯ މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެކަމަށް ވިދާޅުވި – ފޮޓޯ :އީވީ
މިމޭރުމުން ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ކަމުގެ މުހިއްމުކަން ބޮޑުކަމުން ދާއިރާގެ މެންބަރު ސަލީމުގެ ސަމާލުކަމަށްވެސް ގެނެސްފައިވާނޭ ކަމަށެވެ. އެގޮތުން ސަލީމުވެސް މިކަމަށް މަސައްކަތް ކުރެއްވިކަން އޭނާ ފާހަގަ ކުރެއްވިއެވެ.
” 2016 ވަނަ އަހަރު ބ.އަތޮޅު ހޮސްޕިޓަލުގައި ޕްރައިވެޓް ރޫމް ތަކަކާއެކު އިމާރާތެއް އެޅުމުގެ ޕްރޮޖެކްޓް ބަޖެޓު ގައި ހިމެނި ފިނޭންސް މިނިސްޓްރީން ޓެންޑަރވެސް ކުރެއްވި. ނަމަވެސް މަސައްކަތް ބަޔަކާ ހަވާލު ނުކުރެއްވީ ކީއްވެގެންކަން ނޭގެ. އެކަމަކު މަސައްކަތް ނުފެށި ދިގުލައިގެން ދިއުމުގައިވެސް ކޮންމެވެސް ފަރާތެއްގެ އިހުމާލުވުމެއް ވާނޭކަމުގައި ގަބޫލު ކުރެވެނީ ” ވަހީދު ވިދާޅުވިއެވެ.
ބ.އަތޮޅު ހޮސްޕިޓަލުގައި އާ އިމާރާތެއް ޕްރައިވެޓް ރޫމް ތަކަކާ އެކު އެޅުމަށް 2016 ގައި ބަޖެޓް ކުރެވުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުވެސް ވިދާޅުވިއެވެ.
އެކަމަކު ކުއްލިއަކަށް އެއިމާރާތް އެހެން އަތޮޅެއްގައި އެޅުމަށް ހެލްތްމިނިސްޓްރީން ނިންމެވީ ކަމަށާއި އެއީ މި ހޮސްޕިޓަލް ގިންތި ކުރެވިފައިވާ ގޮތުން ކަމަށް ސަލީމު ވިދާޅުވިއެވެ.
” ވ. އަތޮޅު ހޮސްޕިޓަލާ އެއް ލެވެލް އެއްގައި (އެންމެ އާބާދީ މަދު އަތޮޅު ) މިތަން ގިންތި ކުރެވިފައި އޮންނަކަމަށްވަނީ. އެބަދަލު ގެނައިކަން އެނގުމުން އަޅުގަނޑު ވަރަށް ރުޅިވެސް އައި. ދެންނެވިން އެހެން ހުރިހާ ޚިދުމަތެއް އެންމެ ބޮޑެތި އަތޮޅު ތަކާ އެއްވަރަށް ނުވަތަ އެއަށްވުރެވެސް ރަނގަޅަށް ދެމުން އަންނައިރު ހަމައެކަނި ހޮސްޕިޓަލް، ވ. އަތޮޅާ އެއް ހަމައެއްގައި ގިންތި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނޭ. ”

އެމްޕީ ސަލީމް. އަތޮޅު ހޮސްޕިޓްލގައި ރޫމްތަކެއް އެޅުމަށް އަންނަ އަހަރު ބަޖެޓްގައި ހިމެނޭތޯ މިހާރު މިދަނީ ހެލްތްމިނިސްޓަރާ ވާހަކަ ދައްކަވަމުން ކަމަށް ވިދާޅުވި
ސަލީމު ވިދާޅުވީ އަނެއްކާވެސް މިދަނީ ހެލްތް މިނިސްޓަރާ މަޝްވަރާކުރަމުން އަންނަ އަހަރުގެ ބަޖެޓްގައި މިކަން ހިމެނޭތޯއެވެ.
ބ.އަތޮޅު ހޮސްޕިޓަލް ގިންތި ކުރެވިފައިވަނީ 3ވަނަ ދަރަޖައިގެ ހޮސްޕިޓަލެއްގެ ގޮތުގައެވެ. މިއީ ހޮސްޕިޓަލް ހިންގައި ތަރައްގީ ކުރަން ތިބި މީހުންގެ އިހުމާލުން ވީކަމެއް ނޫންކަމުގައި ވަހީދު ވިދާޅުވިއެވެ.
” އަތޮޅު ހޮސްޕިޓަލްތައް ގިންތި ކުރެވިފައި ހުންނަނީ ތިން ދަރަޖައަކަށް. އެއްވަނަ ދަރަޖައަކީ ރީޖަނަލް ހޮސްޕިޓަލް ތައް. ދެވަނަ ދަރަޖައަކީ ސާޖަނުންނާއި ފިޒީޝަނުން އަދި ޑެންޓަލް ޚިދުމަތްވެސް ފުރިހަމަވެފައި ހުންނަ ހޮސްޕިޓަލްތައް. ތިން ވަނަ ދަރަޖައަކީ ސާޖަނުންނާއި ފިޒީޝަނުން ނުހިމަނާ އެނޫން އެހެން ހުރިހާ ޚިދުމަތެއް ދޭ ތަންތަން.” ހޮސްޕިޓަލްތައް ގިންތި ކުރެވިފައިވާ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ ގިންތި ކުރުމުގައި ނުވަތް ދަރަޖަ ކުރުމުގައި މައިގަނޑު ގޮތެއްގައި ބަލަނީ އަތޮޅުގެ އާބާދީއާއި ބެލޭ ބަލި މީހުންގެ އަދަދަށް ކަމަށެވެ. އެއަށް ބަލާފަ ބ.އަތޮޅު ހޮސްޕިޓަލް އަދި މިއޮންނަނީ ލެވެލް 3 ގައެވެ.
ގިންތި ކުރުމުގެ ވާހަކަ ހުއްޓާލީއެވެ. އެނގޭ ކަމަކީ ބ.އަތޮޅު ހޮސްޕިތަލަކީ ރާއްޖޭގެ އެންމެ ބިޒީ ހޮސްޕިޓަލުގެ ތެރޭގައި ހިމެނޭނެ ތަނެއް ކަމެވެ. އެތަނަށް ޚިދުމަތް ހޯދަން އަންނަީ ހަމައެކަނި ބ.އަތޮޅު މީހުންނެއް ނޫނެވެ. އަވައްޓެރި އަތޮޅުތަކުންނާއި އަތޮޅުގައި ހުރި ރިސޯޓް ތަކުގައި މަސައްކަތްކުރާ ދޭސީންނާއި ބިދޭސީން ވެސް ފަރުވާ ހޯދަން އަންނަނީ މިތަނަށެވެ.
ސިއްހީ ޚިދުމަތަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ އިސްކަންދޭ ކަންތައް ކަމުގައި ހެލްތް މިނިސްޓަރ ތަކުރާރުކޮށް ވިދާޅުވަމުން ދެއެވެ. އެންމެ ފަހުން މިމަހު 6 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ޑަބްލިއުއެޗްއޯ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ސަރަހައްދީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވެފައިވަނީ ސިއްހީ ދާއިރާއަށް ސަރުކާރުން ހަރަދުކުރާ މިންވަރުވެސް 130 ޕަސެންޓް އިތުރުވެފައިވާކަމަށެވެ. ހަމައެއާއއެކު ސިއްހީ ކަންކަމަށް ކޮންމެ ގޭބިސީއެއްގެ އަމިއްލަ ޖީބުން ހަރަދުކުރާ މިންވަރު 49 ޕަސެންޓުން 29 ޕަސެންޓަށް ދަށް ކުރެވިފައިވާ ކަމުގައެވެ. .
“ކޮންމެ ރައްޔިތަކަށް އަހަރަކު 810 ޑޮލަރު ސަރުކާރުން މިހާރު ހަރަދުކުރޭ. އެއީ މެދުމިނެއްގެ އާމްދަނީއެއް ލިބޭ އެހެން ގައުމުތަކާ އަޅާބަލާއިރު ދެ ގުނަ އިތުރު އަދަދެއް،” ހެލްތު މިނިސްޓަރު މި ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ
މިނިސްޓަރގެ މި ވާހަކައަށް އެކަނި ބަލައިލިޔަސް ސަރުކާރުން ސިއްހަތަށް ކުރާ ހޭދަ ރަނގަޅަށް ވަޒަން ކުރެވެއެވެ. އެކަމަކު އެމަނިކުފާނުވެސް އެއިޝާރާތް ކުރައްވަނީ ސިއްހީ ޚިދުމަތުގެ އެއް ފަރާތަށެވެ. އެމަނިކުފާނަށް ނުފެނުނު ފަރާތަކީ އަތޮޅު ހޮސްޕިޓަލްގެ ކުރިން ދެންނެވި ކިބަޅި ފަރާތެވެ. ގައިން ގަޔަށް ފަސޭހައިން އަރާ ބަލިބައްޔާ ކުޑަކުދިންނާއި އަންހެނުން އަދި ފިރިހެނުން އެއްކޮށް އެޑްމިޓް ކުރަން ބޭނުންކުރާ ވޯޑުތަކާއި ބަލި މީހުން ހިތްހަމަޖެހޭ ގޮތަށް ހޮސްޕިޓަލްތަކުގައި ރޫމްތަކެއް އިތުރުކުރާ ވާހަކަ ދައްކާ އަޑެއް ނީވެއެވެ.
އަޅުގަނޑުގެ ހަނި ނަޒަރުން އަދިވެސް މި ފެންނަނީ ބ.އަތޮޅު ހޮސްޕިޓަލް އެވެ. އަވައްޓެރި ޅ. އަތޮޅު ހޮސްޕިޓަލަށް ހަތަރު ބުރީގެ އާ އިމާރާތެއް އިތުރު ކޮށްފިއެވެ. އެކަމަކު މާލެއާއި އަރި އަތޮޅު ފިޔަވައި ޓޫރިޒަމްގެ މައި ހަބެއްގެ ގޮތުގައި ބެލެވޭ ބ. އަތޮޅުގެ ހޮސްޕިޓަލް ގައި ޓޫރިސްޓަކު އެޑްމިޓް ކުރަން ޖެހިއްޖެ ނަމަ އޭނާ އެޑްމިޓް ކުރަން މިޖެހެނީ ކުރިންވެސް ދެންނެވި ހާމަކަން ބޮޑު ދެ ޖިންސް މައްސުނިކޮށް އޮންނަ އާދައިގެ ވޯޑެއްގައެވެ.
ޓޫރިޒަމް ޕްރޮމޯޓްކުރުމަށާ ގެސްޓުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ވާހަކަ އެންމެ ބޮޑަށް ދައްކަވަމުން ގެންދަވާ ޓޫރިޒަމް މިނިސްޓަރަށް ، ހެލްތް މިނިސްޓަރަށް ވުރެ ބޮޑަށް ބ. އަތޮޅު ހޮސްޕިޓަލްގެ ފެންވަރު އެނގިވަޑައިގަންނަވާނެއެވެ. އެހެންކަމަށް ވާނަމަ ޓޫރިޒަމް ސެކްޓަރ އަށް އަންނަންޖެހޭ ތަރައްގީ ގައި ގެސްޓުން ބަލި ހާލުގައި އެންމެ ކުޑަމިނުން ނިވާވެލާނެ ތަންކޮޅެއް ހޮސްޕިޓަލްތަކުގައި ނެތްކަމުގެ ހުތުރު ނަން ރާއްޖެއަށް ލިބޭއިރު އެހިސާބުން އެޖެހުނީ ޓޫރިޒަމް މިނިސްޓަރުގެ ގައިކޮޅުގައިކަން އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ.
ގިންތި ކޮށްފައިވާ ގޮތުގެ ބަހުސަކަށް ދާކަށް ނެތީމެވެ. އެކަމަކު ކޮންމެ ގޮތަކަށް ގިންތި ކުރެވިފައި ވިޔަސް އެކަމާ ޕްރައިވެޓް ކޮޓަރިތަކާ ހުރި ގުޅުމަކީ ކޮބާ ހެއްޔެވެ. އާބާދީ މަދު ނަމަވެސް އެތަނެއްގައި އުޅޭ ފޯރުންތެރި މީހުން ކުރިން ދެންނެވިފަދަ ދެޖިންސް އެއްކޮށް އެޑްމިޓްކޮށްފައި ތިބޭ ވޯޑުގައި އޮންނާކަށް ބޭނުމެއް ނުވާނެއެވެ. އޭނާގެ އާއިލާވެސް އެގޮތެއް ނޭދޭނެއެވެ.
ޕްރައިވެޓް ކޮޓަރި ހުންނަން ޖެހެނީ އާބާދީއަށް ބަލާފައި ކަމަށް ވާނަމަ އެވިސްނުން ބަދަލު ކުރަން ޖެހެއެވެ. އެހެނީ ކުޑަ ހޮސްޕިޓަލެއްގައި “ބޮޑު” މީހަކު އެދުމަތި ކުރަން ޖެހޭފަހަރު އާދެއެވެ. ނުރައްކާތެރި ބައްޔެއް ހުރި މީހަކުވެސް އެޑްމިޓް ކުރަން ޖެހޭ ފަހަރު އާދެއެވެ. ވޯޑުގައި އެ ބަލިމީހާ އޮތުމުން އޭނާއަށްވެސް ވޯޑުގައި ތިބި އެހެން ބަލި މީހުންނަށްވެސް ދެން ކުރިމަތި ލާން ޖެހޭނީ އިތުރު ބައްޔަކާއެވެ.
އެހެން ނޫނަސް ކިރިޔާވެސް ފުދޭ މީހަކުނަމަ ވޯޑުގައި އޮންނާކަށް ބޭނުމެއް ނުވެއެވެ. ދިރާސާއިން ދައްކަނީ އެގޮތަށެވެ. މިއަދުގެ ތަރައްގީގެ ހަގީގަތަކީ ގޭގައި އެއަރކޯން ކޮޓަރީގައި އޮށޯވެ އޮންނަ ފަދައިން ހޮސްޕިޓަލުގައިވެސް އެޑްމިޓް ކުރަން ޖެހިއްޖެނަމަ އަރާމާއެކު ވަކިން އޮށޯވެލެވޭނެ ކޮޓަރިއެކެވެ.
ހޮސްޕިޓަލުގައި ޕްރައިވެޓް ރޫމް ތަކެއް އެޅުމުން ބ.އަތޮޅު ހޮސްޕިޓަލަށް އަންނަ ބަލި މީހުންނަށް އެއީ ލިބޭނެ އެންމެ އުފާވެރި ޚަބަރެވެ. ޚާއްސަކޮށް ރިސޯޓު ތަކަށެވެ. ބަލި މީހާއަށް ޕްރައިވެސީ ލިބުމުގެ އިތުރުން ސަރުކާރަށްވެސް މިއީ ރަނގަޅު އާމްދަނީއެއް ލިބޭނެ މަގެކެވެ.