ލަފާފުރުން އިންތިހާއަށް ދަތިވެފައިވާ ބ. ފެހެންދޫ ޖެޓީ ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ )އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތް އަދި ކިރިޔާ ފެށި އިރު މިދިޔަ މާޗްމަހު ހައުސިންގ މިނިސްޓްރީ އިން ވަނީ ފުޅާދޫއާއި ފެހެންދޫގެ ޖެޓީ ހެދުމަށް އެމްއާރްޑީސީ އާއި ހަވާލު ކޮށްފައެވެ. މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތަށްފަހު އެމްއާރްޑީސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލު ވިދާޅުވީ ކަނޑައެޅިފައިވާ ގޮތަށް މިދެރަށުގެ ޖެޓީ އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
“ކުރިއަށް އޮތް 6-8 މަސްތެރޭގައި އުންމީދު ކުރަނީ އެމްއާރުޑީސީއާ ހަވާލުކުރި މައިގަނޑު ޕްރޮޖެކްޓްތަކުގެ ބޮޑު އަދަދެއް ނިންމާފައި. މަޝްރޫއުތަކުގެ ފޮނި މީރުކަން ލިބޭނެ ކަމަށް،” ނިމާލް އޭރު ވިދާޅުވި އެވެ.
އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފެހެންދޫގެ ޖެޓީގެ މަސައްކަތް ފެށިނަމަވެސް ފުޅަދޫ ޖެޓީގެ މަސައްކަތް އަދި ނުފަށައެވެ.
މި ދެރަށުގެ މަސައްކަތް އެމްއާރްޑީސީއާ ހަވާލުކޮށްފައިވަނީ ކޮންމެ ރަށެއް 2.2 މިލިއަން ރުފިޔާ އަށެވެ.