ފަސްމިނެޓްގެ މިފަހަރުގެ ސެގްމެންޓް ޚާއްސަ ކުރެވިފައިވަނީ އޭދަފުށީ ފުޓްބޯޅަ ދަނޑުން އަރަމުން އަންނަ ޒުވާންތަރި އަހްމަދު ހުމައިދުއެވެ.
އޭދަފުށީގައި ފަހަކަށް އައިސް އުފެދުނު އެންމެ މޮޅު ފުޓްބޯޅަޑިފެންޑަރ ހުމައިދު ވަނީ ނިމިގެންދިޔަ އަޟްހާ އީދުގެ މުނާސަބަތުގައި އޭދަފުށީގައި ބޭއްވި އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ފަހުރުވެރި މަގާމް ފުރަތަމަ ފަހަރަށް ހޯދާފައެވެ. އެމުބާރާތުގައި ކުޅުނު އޭދަފުށީގެ އެންމެ މަޝްހޫރު ފުޓްބޯޅަ ތަރިންނާއި، ބިދޭސީ އެގާރަ ކުޅުންތެރިން ފަހަތަށް ޖައްސާލާފައެވެ.
އިންޓަހައުސް އިން 2008 ވަނަ އަހަރު ކެރިއަރު ފެށި ހުމައިދު ވަނީ އިންޓަހައުސް ސްކޫލް ފުޓްބޯޅަ މުބާރާތުގެ ތަށި ދެ ފަހަރު މިލްކު ކޮށްފައެވެ. މިވަގުތު އޭދަފުށީ ފުޓްބޯޅަ ޓީމްގެ ޑިފެންސްގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުމައިދު ވަޒީފާ އަދާކުރަމުން އަންނަނީ އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓްގައެވެ.
އުމުރުން 23 އަހަރުގެ ހުމައިދުގެ ބަހުންނަމަ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއެކު ފުޓްބޯޅަ އަދި އޭނާއަށް ފެށުނީއެވެ. އޭނާގެ އަޒުމެއް އެބައޮތެވެ. އޭނާގެ ހުވަފެންތަކާ، އުއްމީދުތައް މިފަސްމިނެޓްގެ އިންޓަވިއުއިން ވިދާޅުވެލައްވާށެވެ.
އީވީ: އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް މިއަހަރު ލިބިދާނެކަމަށް އުއްމީދު ކުރިންތަ؟
ހުމައިދު: އަސްލު ފުރަތަމަ އުއްމީދެއް ނުކުރަން. އެކަމަކު ފުރަތަމަ ކުޅުނު ދެމެޗުގެ މޭން އޮފްދަމެޗް ލިބުނީމަ އުއްމީދު ކުރެވުނު މޮޅު ކުޅުންތެރިޔާގެ މަގާމް ލިބޭނެކަމަށް
އީވީ: ބައްޕައަކީ އޭދަފުށީގައި އުފެދުނު ވަރަށް މޮޅު ގޯލްކީޕަރެއް. ގޯލް ކީޕަރަކަށް ވުމަށް ވިސްނިންތަ؟ ހުމައިދުގެ ކުޅުމަށް ބައްޕަގެ ސަޕޯޓް އޮތީ ކިހިނެއް؟
ހުމައިދު: ބައްޕައަކީ (އަބްދުﷲ އަބޫބަކުރު އާޒާދު / ބ. އޭދަފުށި) އަހަންނަށް ހަމަ ލެޖެންޑެއް. ވަރަށް މޮޅު ކުޅުންތެރިއެއް. އެހެންނަމަވެސް ބައްޕަގެ މަގާމު ކަމުގައިވާ ކީޕަރަކަށް ކުޅޭކަށް ނޫޅެން އެއްއިރަކުވެސް. ބައްޕަ އަބަދުވެސް ވަރަށް ސަޕޯޓްދޭ ކުޅުމަށް އަދި ކުރިޔަށްދާން ހިތްވަރުވެސް ދޭ.
އީވީ: އުމުރުން އަދި އެންމެ 23 އަހަރު. މިހާރު ކުއްޖަކާ ރައްޓެހިވެގެންތަ ތިއުޅެނީ. ކައިވެންޏަކާމެދު ދެކެނީ ކިހިނެއް؟
ހުމައިދު: ތިކަމަށް މިވަގުތު ކޮމެންޓް ކުރެވެން ނެތް
އީވީ: އޭދަފުށީގެ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކުރެވޭ 3 ކުޅުންތެރިންނަކީ؟
ހުމައިދު: މަޖިއްޓޭ، ސައްޓު ދެން ބައްޕަ (އަބްދުﷲ އަބޫބަކުރު އާޒާދު / ބ. އޭދަފުށި)
އީވީ: ދަނޑުމަތީގައި ހުމައިދު ވަރަށް ރުޅިގަދަކަމަށް ބައެއް ކުޅުންތެރިން ފާހަގަކުރޭ. އެއީ ކިހިނެއްވާކަމެއް؟
ހުމައިދު: އެއްބަސްވަން ތިކަމަށް. އެހެންވަނީ ހަގީގަތުގައި އަހަރެން ބޭނުމެއްނުވޭ އެއްވެސް މެޗަކުން ބަލިވާކަށެއް. އެހެންވީމާ، ޑިފެންސްގައި ހުންނައިރު ކުޅުންތެރިން ހަދާ މިސްޓޭކްތައް ފެނުނީމާ ކުޅުންތެރިންނަށް ގޮވާ އެކަން ރަނގަޅުކުރަން ބުނެވޭ. ރުޅިވެސް އާދެވޭ. އެކަމަކު މެޗް ނިމުނީމަ އެކަން ނިމުނީ…
އީވީ: ވަޒީފާ އަދާކުރަން ރަނގަޅީ ރިސޯޓްތަ. ރަށުގަތަ؟
ހުމައިދު: ރިސޯޓްދޯ ހުރިހާ ގޮތަކުން ބެލިޔަސް ރަނގަޅީ

ހުމައިދު ސައްޓު(މެދުގައި) އާއެކު އޭދަފުށީ ފުޓްބޯޅަ ޓީމްގެ ދަތުރެއްގެ ތެރެއިން. އޭދަފުށީގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓުން ހުމައިދުވަނީ ސައްޓުއަށް ޖާގަދީފައި / ފޮޓޯ: ހުމައިދު ފޭސްބުކް ޕޭޖް
އީވީ: ފުރަތަމަ ޑިވިޜަންގެ ކްލަބްތަކުން އެއްވެސް ހުށައެޅުމެއް ލިބިފައިވޭތަ؟
ހުމައިދު: ލިބިފަ އެބަހުރި. އެއީ އަރަމުން އައި ދުވަސްކޮޅު ބައްޓޭ މެދުވެރިވެގެން ލިބުނު ފުރުސަތެއް.
އީވީ: މަންމަ ކައްކާ ތަކެތީގެ ތެރެއިން އެހަނދާންތަކާ ދުރަށްނުދެވޭ ރަހަ އަކީ؟
ހުމައިދު: ރިސޯޓްގައި އުޅޭއިރު އެންމެ ހަނދާންވަނީ މަންމަމަތިން. މަންމަ ތައްޔާރު ކުރާނެ ލޮނުމިރުހު ދިޔައާއި، ރޮށި ހެނދުނަށް. އެލިބިއްޖެއްޔާ ދެން ހެޔޮ އެދުވަހު މެންދުރު އެއްޗެއް ނުލިބުނަސް. ވަރަށް މިސްވޭ އެކެއުން.
އީވީ: ފުޓްބޯޅަ ކެރިއަރުގައި ޝުކުރު އަދާކޮށްލަން ބޭނުންވާ މީހުންނަކީ؟
ހުމައިދު: ބައްޓޭ ވަަރަށް މުހިއްމު ދައުރެއް އަދާކުރި އަހަރެން މިހިސާބަށް އައުމަށް، ދެން ޒައިދު (ކައުންސިލް މެމްބަރ) ވަރަށް ބަރާބަރު މީހެއް އެއީ. ހުސްސޮނގުން ޓީމް ދެން އެއީ ހަމަދެވަނަ އާއިލާއޭ ބުނެވޭނީ. ދެން އަބްދުއްސަލާމް ހާމިދު އެއީ ޑިފެންޑަރަކަށް އަހަރެން ލައްވާ ކުޅުވަން ފެށި ކޯޗަކީ އިންޓަހައުސްގައި. މަންމައާއި ބައްޕަ ފިޔަވާ މި އެންމެންނަކީ ފުޓްބޯޅަ ކެރިއަރުގައި އަހަރެންނަށް ވަރަށް އެހީވިބައެއް. ޝުކުރިއްޔާ އެންމެންނަށް.