ބ. ކުޑަރިކިލުގެ ފުޓްބޯޅަ ދަނޑު ބޮޑުކޮށް ސްޕޯޓްސް އެރީނާ ތަރައްޤީކުރުމަށްޓަކައި އެރަށު ފުޓްބޯޅަ ދަނޑާއި އިންވެގެން އޮތް ސަރަހައްދުން ސަތޭކަ ފަންސަވީސް ރުއް ކެނޑުމުގެ މަސައްކަތް ފަށައިފިއެވެ.
ކުޑަރިކިލު ކައުންސިލުން ބުނީ ރުއްތައް ނެގުމާއި، ބިން ސާފުކުރުމުގެ މަސައްކަތް އަމިއްލަ ބަޔަކާ ހަވާލުކޮށް އިއްޔެ އެމަސައްކަތް ފަށާފައިވާ ކަމަށާ، ނަގާ ރުއްތައް ރިސޯޓަކަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރުއްތައް ނެގުމުގެ ކުރިން އެ ރުއްރުކުގެ ވެރިފަރާތްތަކަށް ބަދަލު ދިނުމުގެ ގޮތުން ފައިސާ ދެމުން ދާކަމަށްވެސް ކުޑަރިކިލު ކައުންސިލުން ބުނެއެވެ.
ކުޑަރިކިލު ކައުންސިލްގެ މެމްބަރ އާސިފް މޫސާ އީވީއަށް ވިދާޅުވީ ފުޓްބޯޅަ ދަނޑާއި އިންވެގެން އޮތް ސަރަހައްދުން 35000 އަކަފޫޓްގެ ބޮޑު ބިމެއް ސްޕޯޓްސް އެރީނާއަށް ހުސްކުރެވޭނެ ކަމަށާ، އެސަރަހައްދުގައި ހުރި ހުރިހާ ރުކަކާއި ގަހެއްވެސް ނަގައި ސާފުކުރެވޭނެކަމަށެވެ.
“ރިސޯޓަކުން ރުއްތައް ބޭނުންވެގެން ސީދާ އެފަރާތުން ބަދަލުދީގެން އިއްޔެ ރުއްތައް ނަގަން އެފެށީ. ބަދަލަށް އެކަނިވެސް ހަތްދިހަހާސް ރުފިޔާއަށްވުރެ ބޮޑު އަދަދެއް އަރާ. ރިސޯޓުގެ ފަރާތުން ބިންސާފުކޮށް ލެވެލް ކުރުމުގެ މަސައްކަތްވެސް ކޮށް ނިންމާގޮތަށް ހަވާލުކުރެވުނީ” އާސިފް ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ އަލަށް އިތުރުކުރެވޭ ބިމާއެކު، މުސްތަގްބަލްގައި އެސަރަހައްދުގައި ބައިނަލް އަގްވާމީ މިންގަނޑުތައް ހަމަވާ ސައިޒުގެ ފުޓްބޯޅަ ދަނޑަކާއި، ފުޓްސަލް ދަނޑެއް އަދި ނެޓްބޯޅައާއި، ވޮލީގެ އިތުރުން ބަށިކޯޓެއްވެސް ތަރައްޤީ ކުރެވިގެން ދާނޭކަމަށެވެ.
“އެތަން އޮންނާނީ ހުރިހާ ކުޅިވަރުތަކެއްވެސް ކުޅެވޭގޮތަށް. ޖުމްލަކޮށް ބުނާނަމަ ސްޕޯޓްސް އެރީނާ އެއް އެއީ”
އޭނާ ވިދާޅުވީ ބިންސާފުކޮށް ލެވެލް ކޮށް ނިމުމާއެކު ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ވަރަށް އަވަހަށް ފެށޭތޯ ބައްލަވާނެކަމަށެވެ.