މިޔަންމާގެ ރަކީން ސްޓޭޓްގައި އެގައުމުގެ އަސްކަރިއްޔާ އިން މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިންތިހާއަށް އިތުރުވެފައިވާތީ ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ގުނޫތު ކިއުމަށް އިސްލާމިކް މިނިސްޓްރީން އަންގަވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، އެ މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން އަޑުހަރުކޮށް ކިޔަވާ ކޮންމެ ނަމާދެއްގެ ފަހު ރަކްއަތުގެ އިއުތިދާލުގައި މިނިސްޓްރީން އަންގާ ގުނޫތު ނާޒިލާ ކިޔެވުމަށް އަންގާ ކަމަށެވެ.
މިޔަންމާ ސިފައިންގެ އަނިޔާވެރިކަން އިންތިހާއަށް ދިއުމުން އަވަށްޓެރި ބަންގްލަދޭޝްއަށް ދިޔަ މުސްލިމުންގެ އަދަދު ވަނީ 90000 އަށް ވުރެ މަތިވެފައެވެ. އޭގެ އިތުރުން އެތައް ހާސް މީހުންނެއް ބަންގްލަދޭޝްއާ މިޔަންމާ ގުޅޭ ހިސާބުގައި ތާށިވެފައި އެބަތިއްބެވެ. އެމީހުން ތިބީ ކާނާއާއި ބޯފެނަށް ޖެހިފައެވެ.