އެ ހޯލަށް ވަން އިރު ދިހަބާރަ އަހަރުގެ ކުއްޖަކު ފަރިތަކަމާއެކު އެބަކަސް އެއް ބޭނުންކޮށްގެން ހިސާބު ނަންބަރެއް ހަދަނީއެވެ. އޭނާއަށް އަދަދުތަކެއް ކިޔައިދިީފައި އޭގެ ޖުމްލަ އަކީ ކޮބާހޭ އެހުމުން ނިކަން އިތުބާރާއެކު ހަމަ އެހާމެ އަވަހަށް އޭގެ ޖަވާބު ދީފިއެވެ. ކުރިން އެބަކަސް ބޭނުންކޮށްގެން ހިސާބު ހަދާތަން އަހަންނަށް ފެނިފައިވަނީ މެލޭ އާއި ބެންކޮކްގެ ހޯލްސޭލް ބާޒާރުތަކުންނެވެ. އޭރު ހައިރާންވީ އެމީހުން މިކަމަށް ފަރިތަ ވެފައިވާވަރު ފެނި ދިވެހީންގެ ތެރޭގައި މިއިލްމު ނެތީމައެވެ. އެކަމަކު އަމިއްލަ ރަށަށް މުޅިން އާ މި އާލާތް ބޭނުންކޮށްގެން ޅަކުދިންކޮޅެއް ހިސާބުތައް ހަދަމުން ދިޔައިރު އެކުދިންގެ ބެލެނިވެރިންނަށް ލިބުނު ހައިރާންކަމަށް ވުރެ ބޮޑަށް ފާހަގަ ވެގެން ދިޔައީ މިއިލްމަށް އެކުދިން އަހުލުވެރިވެފައިވާ ތަން ފެނުމުން ބެލެނިވެރިންގެ މޫނުން ފެނުނު އުފާވެރިކަމެވެ.
މިއީ އޭދަފުށީގައި ހިންގަމުން އަންނަ ޔޫސީމާސް (ޔުނިވާސަލް ކޮންސެޕްޓް އޮފް މެންޓަލް އެރިތަމެޓިކްސް ސިސްޓަމް) ކްލާސްތަކުން ބޭސިކް ލެވެލް ނިންމާފައިވާ 37ކުދިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތެވެ.
އެބަކަސް ބޭނުންކޮށްގެން އެއްކުރުމާއި ކެނޑުމާއި ގުނަކުރުމާއި ގެއްލުން ، ފަސޭހަކާމާއެކު ހަދާލުމަކީ އެކުދިންނަށް ހަމަ މެޓައެކެވެ. އެކަމަކު މީގެ ބޭނުމަކީ ހަމައެކަނި މިކަހަލަ ނަންބަރުތަކެއްް ފަސޭހަކަމާ ފަރިތަކަމާއެކު ހަދަން އެނގުމެއް ނޫނެވެ. އޭގެ އިތުރަށް މިއީ ސިކުނޑީގެ ކަސްރަތެކެވެ. މި ކަސްރަތުގެ ސަބަބުން ކުދިންގެ ވިސްނުން ތޫނުވެ އެހެން މާއްދާތަކަށްވެސް ލޯހުޅުވި ކުއްޖާގެ ތައުލީމަށް ބޮޑުކުރިއެރުމެއް އަންނާނެކަމަށް މިއިލްމުގެ މާހިރުން ބުނެއެވެ.

ޔޫސީމާސް ކްލާސް ހިންގުމުގައި އާސިޔަތުވަނީ އިންސްޓްރަކްޓަރެއްގެ ގޮތުން މުހިއްމު ދައުރެއް އަދާކޮށްފައި – ފޮޓޯ :އީވީ
މި ކްލާސްތަކުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި އަޑުއެހުމާއި ސަމާލުކަންދިނުމުގެ އިތުރުން ހަނދާނުގައި ބެހެއްޓުމާއި ކަންތައްތައް ބަލާ ދިރާސާކުރުމުގެ ފަންނުގެ އިތުރުން މައުލޫމާތު އަވަހަށް ކުއްޖާގެ ސިކުނޑިއަށް ނަގައިގަތުން ހިމެނެއެވެ. . ކްލާސްތަކުގައި ކިޔަވައިދެއްވާ ދިވެހި އިންސްޓްރަކްޓަރުންނަކީ ބޭރުގެ ޔޫސީމާސް ޓްރޭނަރެއްގެ ގާތުން ޓްރެއިންވެގެން އަދި ކޮންމެ ލެވެލް އަކަށް ވަކި ޓްރޭނިންގ އެއް ދީގެން އުފައްދާފައި ތިބޭ ޓީޗަރުންނެވެ.
ދުނިޔޭގެ ފަސްދޮޅަހަށްވުރެ ގިނަ ގައުމުގައި މި ޕްރޮގްރާމް ހިންގަމުން އަންނައިރު ރާއްޖޭގައިވެސް މާލެއާއި އޭދަފުށީގެ އިތުރުން ކުޅުދުއްފުށްޓާއި އައްޑޫގައިވެސް ކާމިޔާބުކަމާއެކު މި ޕްރޮގްރާމް އަންނަނީ ހިންގަމުންނެވެ.
އޭދަފުށީ ޔޫސީމާސް ސެންޓަރުގެ ފަރާތުން ވޭތުވެދިޔަ މާޗްމަހު 150 ކުދިންނާއެކު ފެށި މި ޕްރޮގްރާމް މިހާ ހިސާބަށް އައިއިރު އެކިއެކި ސަބަބުތަކާހުރެ 110 އާ ހަމައަށް މިއަދަދު ދަށަށް ދިޔަނަމަވެސް މި ސެންޓަރގެ ފައުންޑަރ މެންބަރު އާއިޝަތު ރިޝްމީގެ އުއްމީދު، އެންމެ ތަންކޮޅެއްވެސް ދަށަކަށް ނުދެއެވެ. އޭނާގެ އުއްމީދުތައް ހުރީ މާ އުހުގައެވެ. ސަބަބުތަކެއްވެސް އެބަހުއްޓެވެ. މި ކްލާހުން ލިބުނު ތަޖްރިބާއާއި ބެލެނިވެރިންގެފަރާތުން ލިބެމުން އަންނަ ޕޮޒިޓިވް ކޮމެންޓަ ތަކަކީ ސެންޓަރ އިތުރަށް ތަރައްގީ ކުރަން ލިބުނު އެންމެ ބޮޑު ހިތްވަރުކަމަށް އޭނާ ވިދާޅުވިއެވެ.
ކްލާހާ ބެހޭ މައުލޫމާތު އީވީއާ ހިއްސާ ކުރަމުން ރިޝްމީ ވިދާޅުވީ ޔޫސީމާސްގެ ކްލާސްތަކުގައި ބައިވެރި ކުރަނީ އުމުރުން 4 އަހަރާ 14 އަހަރުގެ ކުދިންކަމަށާއި އަސްލު މި އިލްމަކީ ހަމައެކަނި ހިސާބު ނޫންކަމަށާއި މިއީ ބޮޑެތިވަމުން އަންނަ ކުދިންގެ ސިކުޑި އެކި ގޮތްގޮތަށް ބޭނުންކުރަން ދަސްކޮށްދިނުން ކަމުގައެވެ.
އޭނާ ވިދާޅުވީ ފަށާ ލެވެލްގައި އެބަކަސް ބޭނުން ކުރިނަމަވެސް ވަކި ހިސާބަކުން އެއެއް ބޭނުމެއް ނުކުރާނެކަމަށާ ޕްރޮގްރާމް ދެބައިވާއިރު އެބަކަސް އިންނާނީ އެކުދިންގެ ސިކުނޑީގައެވެ.
އެކަމަކު މިހެން ވާނީ ނުވަތަ މީގެ ފުރިހަމަ ނަތީޖާ ފެންނާނީ ގަވާއިދުން ކްލާހަށް ހާޒިރުވެ ގޭގައިވެސް ޕްރެކްޓިސް ކުރާ ކަމަށް ވާނަމައެވެ.
ރިޝްމާގެ ނަސޭހަތަކީ އުމުރުން 4 އަހަރުގައި މި ޕްރޮގްރާމް ގައި ބައިވެރި ކުރުވުމެވެ.
“ކުުއްޖެއްގެ ސިކުޑި އެންމެ ބޮޑަށް ހެދި ބޮޑު ވެގެން އަންނަނީ 4 އަހަރާ 10 އަހަރާ ދެމެދުގައިކަމަށް ވާތީ ރަނގަޅު ގޮތަކީ ވީހާ އަވަހަކަށް މި ކަމުގައި ބައިވެރި ވުން. އެއުމުރުފުރައިން ފަށައިފިނަމަ ބޮޑު ކުރިއެރުމެއް ކުދިންނަށް އަންނާނެ.” ރިޝްމާގެ ތަޖްރިބާ ކިޔައިދިނެވެ.
އެކަމަކު ހަތަރު އަހަރާ ފަސް އަހަރާ ހަ އަހަރުގެ ކުދިން ވަރަށް ޅަ ވާނެކަމަށާއި އެކުދިންނަށް ގޭގައި ކިޔަވައިދިނުން ބޭނުންވާނެތީ ބެލެނިވެރިންނަށްވެސް އޮންނާނީ ސެޝަން ތަކެއް ނަގައިދީ ޓްރެއިނިންގ ދީފައި ކަމަށް ރިޝްމީ ވިދާޅުވިއެވެ.
ޖުމްލަ 10 ލެވެލް ފުރިހަމަކުރަންޖެހޭ މި ޕްރޮގްރާމްގައި ބޭސިކް ލެވެލް ނިންމި ކުދިންނަށް މެލޭޝިއާގެ ޔޫސީމާސް ހެޑްއޮފީހުން ސެޓްފިކެޓާއި މެޑެލް ދީފައިވާ އިރު އެކުދިން މިހާރު އުޅެނީ ލެވެލް 2 ނިންމުމުގެ މަގުމަތީގައެވެ.
އުފާވެރި ޚަބަރަކީ މި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް ގައުމީ އަދި ބައިނަލް އަގްވާމީ ފެންވަރުގެ ޔޫސީމާސް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެން ދިއުމެވެ. އުފާވެރި އަނެއް ޚަބަރަކީ އަންނަ ނޮވެމްބަރ މަހު މާލޭގައި އޮންނަ ޔޫސީމާސް ނެޝަނަލް ކޮންޕެޓިޝަންގައި ބައިވެރި ވުމުގެ ފުރުސަތުވެސް މި ސެންޓަރުގެ ދަރިވަރުންނަށް ލިބިގެން ދިއުމެވެ. މީގެ އިތުރުން ފަސްދޮޅަހަށްވުރެ ގިނަ ގައުމު ބައިވެރިވެގެން އަންނަ ޑިސެމްބަރ މަހު އިންޑޮނޭޝިއާގެ ބާލީގައި އޮންނަ އިންޓަނޭޝަނަލަ ޔޫސީމާރސް ކޮންޕެޓިޝަންގައި ބައިވެރިވުމުގެ ފުރުސަތުވެސް މި ސެންޓަރުގެ ދަރިވަރުންނަށް ލިބިގެން ދިއުމަކީ ރާއްޖޭގެ އިތުރުން މިރަށަށްވެސް ލިބިގެންދާ ފަޚްރުވެރި ނަމެއް ކަމުގައި ނޫނީ ނުވާނެއެވެ. މުބާރާތުގައި 60 އަށް ވުރެ ގިން ގައުމު ބައިވެރިވާކަން ފާހަގަ ކުރެވެއެވެ.
އެހެންވީމާ އަސްލު ޔޫސީމާސް ސެންޓަރުގެ ލެވެލް ވެސް މަތިވާކަށްނުޖެހޭ ހެއްޔެވެ؟
ނޫނެކެވެ. ރީޝްމީ ވިދާޅުވީ ފުރަތަމަ ބޭނުންވީ މި އިންޓަރނޭޝަނަލް ޕްރޮގްރާމަކީ ކުދިންނަށް ކުރިއެރުންތަކެއް ގެނުވައިދޭ ޕްރޮގްރާމެއް ކަމުގެ ޔަގީންކަން ބެލެނިވެރިންނަށް ދިނުންކަމުގައެވެ. މި ޔަގީންކަމާއެކު އަޅުގަނޑުމެންގެ މިހާރުގެ އަމާޒު ހުރީ މި ސެންޓަރު ލާނިންގ ސެންޓަރަކަށް ބަދަލުކޮށް ޔުސީމާސް އެސެންޓަރުގެ ދަށަށް ގެންދިއުމަށް ކަމުގައެވެ.
“އަޅުގަނޑުމެންގެ އަމިއްލަ ލާނިންގެ ސެންޓަރެއް އޭދަފުށީގައި ގާއިމުކުރާނަން. އިރާދަކުރެއްވިއްޔާ އަންނަ އަހަރު ޖެނުއަރީގައި ލާނިންގް ސެންޓަރު ހުޅުވޭނެ. ހުޅުވިގެންދާއިރު އިތުރު އިންޓަރނޭޝަނަލް ޕްރޮގްރާމް ތަކެއްވެސް ފަށާނަން. ”
އެއީ ހަމައެކަނި ސްކޫލް ކުދިންނަށް ނޫންކަމަށާއި ބޮޑެތި މީހުންނަށްވެސް ބައިވެރިވެވޭ ޕްރޮގްރާމް ތަކަކަށް ވެގެންދާނެކަމަށް ނިންމާލަމުން ރިޝްމީ ވިދާޅު ވިއެވެ.
.