ރައީސް ޔާމީންގެ އޭދަފުށީ ދަތުރުފުޅުގެ ތައްޔާރީތަކަށް މާލިއްޔާއިން 110،000ރ؟!

DSCN5044-800x498-800x498.jpg

އޭޕްރީލްމަހު ރައީސް ޔާމީން އޭދަފުއްޓަށް ކުރައްވަން ހަމަޖެހުނު ދަތުރުފުޅަށް އޭދަފުށީގައި ތައްޔާރުކުރި ސްޓޭޖް ސަރަހައްދުގައި ބަޔަކު މަސައްކަތް ކުރަނީ. މިތައްޔާރީތަކަށް އޭދަފުށީ ރައްޔިތުންގެ މާލިއްޔާއިން 110000ރ ވަނީ ހަރަދުކުރުމަށް ނިންމާފައި / ފޮޓޯ: އީވީ ފައިލް

ފާއިތުވި އޭޕްރީލް މަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އޭދަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހުމާ ގުޅިގެން އޭދަފުށީގައި ވަމުން ދިޔަ ތައްޔާރީތަކަށް އޭދަފުށީ ރައްޔިތުންގެ މާލިއްޔާއިން 110000ރ ހަރަދުކުރަން ނިންމިކަން ހާމަވެއްޖެއެވެ.

މިއަހަރު އޭޕްރީލް 18 ވަނަދުވަހު ރައީސުލް ޖުމްހޫރިއްޔާ އޭދަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހި އޭގެތައްޔާރީތައް ވަމުން ދިޔައީ ހޯމް މިނިސްޓްރީން އެންގެވުމާވެސް ގުޅިގެންނެވެ. މިދަތުރުފުޅު ފަހުން ލަސްވެ ކެންސަލްވީއެވެ. އޭރު ކައުންސިލުން ނިންމީ އެދަތުރުގެ ތައްޔާރީތަކަށް މާލިއްޔާއިން ނަގާނީ 50000 ރުފިޔާ ކަމަށެވެ. އަދި އިތުރު ހަރަދުތައް ކުރާނީ ހޯމް މިނިސްޓްރީންނާއި، ހިލޭއެހީގެ ގޮތުގައި ލިބޭ ފައިސާ ނުވަތަ ތަކެތިން ކަމަށް އޭރު ކައުންސިލުން ބުނެފައިވެސް ވެއެވެ.

ނަމަވެސް އިއްޔެ އާންމު ކުރި އޭދަފުށީ ކައުންސިލްގެ މިދިޔަ ހަފްތާގެ އާންމު ޖަލްސާގެ ޔައުމިއްޔާގައި ރައީސްގެ މިދަތުރުފުޅުގެ ތައްޔާރީތަކަށް ކޮށްފައިވާ މަސައްކަތްތަކުގެ ބިލަށް އިތުރު 60000 ރުފިޔާ ހަރަދުކުރުމަށް ކައުންސިލުން ފާސްކޮށްފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން އީވީއަށް ވިދާޅުވީ މިބިލްތަކަކީ މިދައުރުގެ ކައުންސިލް މެންބަރުން ކައުންސިލަށް އައިއިރުވެސް ހުރި ބިލްތަކެއްކަމަށާ، އެކަން އިތުރަށް ބެލުމުން އެއީ ރައީސްގެ ދަތުރުފުޅުގެ ތައްޔާރީތަކަށް ނަގާފައިވާ ތަކެއްޗާއި، ހިދްމަތުގެ ބިލްތަކެއްކަން އެނގެން އެބައޮތްކަމަށެވެ. އޭނާ ވިދާޅުވީ މިބިލްތައް ދައްކަން ނިންމީ ބިލްތައް ނުދައްކައި ހުރުމުގެ ސަބަބުން ކައުންސިލަށް ވަރަށް ގިނަ ޝަކުވާތައް ލިބެމުން ދިއުމާ ގުޅިގެން ކައުންސިލްގެ ރަސްމީ ޖަލްސާއަކުން މެންބަރުން އިއްތިފާގުވެގެން ކަމަށެވެ.

ތޮލާލް ވިދާޅުވީ ރައީސްގެ ދަތުރުފުޅަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމްވެސް ބޮޑު އެހީއެއް ވެދެއްވި ކަމަށާ، ހޯމް މިނިސްޓްރީންވެސް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ކަމަށެވެ.

ރައީސް ޔާމީން މިއަހަރު އޭދަފުއްޓަށް ވަޑައިގަތުމުގެ ތައްޔާރީތަކަށް 110000 ރުފިޔާ ހަރަދުކުރުމަށް ކައުންސިލުން ނިންމިއިރު، 2014 ވަނައަހަރު އޭދަފުށީގެ ބިންހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތަށް ރައީސް އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތައްޔާރީތަކަށްވެސް 100000 ރުފިޔާ ހަރަދުކުރަން އޭރުގެ ކައުންސިލުން ނިންމިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top