ފަސްމިނެޓްގެ މިފަހަރުގެ ސެގްމެންޓް ޚާއްސަވަނީ އޭދަފުށީގެ ނެޓްބޯޅައާއި ބަށި ކޯޓުތަކުގައި ފަނޑުވުމެއް ނެތި އެތައް އަހަރަކުން ފެށިގެން ވިދަމުންއަންނަ އަލިގަދަ ތަރި، ހައްވާ އަބްދުއްރަހްމާން އަށެވެ.
ހައްވަގެ ހިތުގައި ބަށްޓަށް ދެވިފައިވަނީ އެހެން ހުރިހާ ކުޅިވަރަށްވުރެ ޚާއްސަ ގަދަރެކެވެ. އެއީ ދިވެހީންގެ އަމިއްލަ ކުޅިވަރަކަށް ވެފައި ކާބަަފައިންވެސް ކުޅެއުޅުނު އަދި މިހާ ހިސާބަށް ބާވުމެއްނެތް ގޮތެއްގައި ދިގުދެމިގެން އައި ހަމައެކަނި ކުޅިވަރަކީ އެއީ ކަމަށް ވާތީކަމަށް ހައްވަ ބުންޏެވެ. ހައްވަ އެންމެ ގަޔާވެގެން ކުޅޭ ކުޅިވަރަކަށް ބަށި ވަނީ އެހެންވީމައެވެ. އެހެން ކުޅިވަރުތައް އޮތީ އޭގެ ފަހަތުގައެވެ.
ހައްވައަކީ މަދްރަސީ ދައުރުން ފެށިގެން ވޭތުވެދިޔަ ވިއްސަކަަށް އަހަރު ތެރޭގައިވެސް އޭދަފުށީގައި އެއްފެންވަރެއްގައި ބަށި ކުޅެމުންދާ ކުޅުންތެރިއެކެވެ. އޭނާގެ ކާމިޔާބީގެ ހަރުގަނޑުގައި ބަށި ރާނީގެ 10 ތާޖު އޮތުމަކީ ހައްވަގެ ފެންވަރު ކިއުންތެރިންނަށް އެންމެ ފަސޭހައިން އަންގައިދޭން ބުނެވިދާނެ އެއްވާހަކައެވެ. އޭނާވަނީ ގައުމީ ފެންވަރުގައިވެސް އޭދަފުށީ ޓީމަށް ކުޅެފައެވެ. އަދި އަތޮޅު ތެރޭގައި ބާއްވާ ބޮޑެތި މުބާރާތްތަކަށްވެސް ހައްވަގެ ޑިމާންޑް ވަރަށް ބޮޑެވެ.
އީވީ: ބަށި ކުޅެގެން މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީތަކަކީ ކޮބާ؟
ހައްވަ: ނޭނގެ ބަށި ރާނީގެ މަގާމް ލިބުނީ ކިހާވަރަކަށްކަމެއްވެސް. ގައިމުވެސް 10 ވަރަކަށް ފަހަރު ލިބޭނެ. އެކަމަކު ހައްވަ އެންމެ ހާއްސަކޮށް ފާހަގަކުރެވެނީ ބޯޅަ ހިފުންތެރިއެއްގެގޮތުގަ ކަންނޭގެ. އެންމެ މޮޅު ހިފުންތެރިޔާގެ މަގާމް ނުލިބޭ މުބާރާތެއް ނެތޭ ބުންޏަސް ރަނގަޅުވާނެ. މިއީ އެންމެ ބޮޑެތި ކާމިޔާބުތަކެއްގެ ގޮތުގަ ހަނދާންހުރި ކަންކަމަކީ.
އީވީ: ބަށި ނުކުޅޭނަމަ ދެން ހައްވަ ފެނުން އެންމެގާތީ ކޮން ކުޅިވަރަކުން؟
ހައްވަ: ނެޓްބޯޅައިން
އީވީ : ދިވެހި އަންހެނުން އާއްމުކޮށް ކުޅޭތަން މި ފެންނަނީ ހަމައެކަނި ނެޓްބޯޅައާއި ބަށި. ކާބަފައިން ވަރަށް ފޯރީގާ ކުޅެއުޅުން ކުޅިވަރުތައް މިސާލަކަށް ކަށި، ބަތް، ފަން ކަހަކަ ލުޅިވަރުތައް އާލާކުރަން މަސައްކަތްނުކުރަނީ ކީއްވެގެންބާ ؟ އެކަން އާލާކުރަން ކޮންމެވެސް ބަޔަކު ނުކުތުމާމެދު ހައްވާގެ ޚިޔާލަކީ ކޮބާ ؟
ހައްވަ: އުވިފައިވާ ނުވަތަ އުވެމުންދާ ދިވެހީންގެ ގަދީމީ ކުޅިވަރުތައް އާލާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެއް ކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ފެނޭ. މިސާލަކަށް ރަށު ކައުންސިލުން އިސްނަގައިގެން ގައުމީ މުނާސަބަތުތަކުގައި މިފަދަ ކުޅިވަަރުތައް އަލުން ކުޅެ ޒުވާނުންނަށް ދަސް ކޮށްދިނުމުން އެކަން ވައިގާ ވެސް ހިފާނެ.

ބަށިމެޗެއްގައި ހައްވަ ބަށި ބޯޅައެއް ހިފަނީ. ބަށި ބޯޅަ ހިފުމުގައި ހައްވައަކީ ފާހަގަކޮށްލެވޭ ކުޅުންތެރިއެއް / ފޮޓޯ: ފޭސްބުކް
އީވީ: ހައްވަގެ ހަޔާތުގަ އެންމެ ދެރަވީ؟
ހައްވަ: ހާމަކުރާކަށް ބޭނުމެއްނޫން
އީވީ: އެކަމެއް ނުވެގެން އަދިވެސް އެންމެ ހިތާމަ ކުރާ ކަމަކީ؟
ހައްވަ: ނެތް
އީވީ: ދިރިއުޅުމުގައި ނުފުދި އޮތް ބޭނުމަކީ؟
ހައްވަ: ދިރިއުޅުމުގެ ހުރިހާ ބޭނުމެއް ފުދިފައި އޮތް މީހަކީ ކޮބާ ؟ އެއުސޫލުން ބަލާއިރު ކޮންމެ މީހެއްގެ ވެސް ނުފުދިފައިވާ ބައިވަރު ކަންތައްތަކެއް އޮންނާނެ.
އީވީ: ހައްވަގެ އަންހެންދަރިފުޅާ މެދު ކުރެވޭ އުއްމީދު ތަކަކީ ކޮބާ؟ އެދަރިފުޅު ދެކެން ބޭނުންވަނީ ކޮން ދާއިރާއަކުން ؟
ހައްވަ: ދަރިފުޅު ކިޔަވައިގެން މޮޅު މީހަކަށް ވުމަކީ ވަރަށް ބޮޑު ހުވަފެނެއް. ކެބިން ކުރޫއަކަށް ވުން އެންމެ ބޭނުމީ.
އީވީ: އޭދަފުށީގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު އެންމެ ހިތްހަމަނުޖެހޭ ކޮމެންޓަކީ؟
ހައްވަ: ކުޅިވަރުގައި މިހާހިސާބަށް އައިރިރު ނެތް ހައްވައަށް ބޭޑް ކޮމެންޓެއް ލިބިފައެއް
އީވީ: ތިޔައީ ކޮންކަހަލަ މިޒާޖެއްގެ މީހެއް؟
ހައްވަ: ވަރަށް ފްރެންޑްލީ މީހެއްކަންނޭގެ. ހައްވައަކީ އެހާ ބޮޑާމީހެއް ނޫން ގައިމުވެސް. ދެން ނޭނގެ. އެހެންމީހުން ދެކޭގޮތް އެނގޭނީ އެމީހަކަށް ދޯ
އީވީ: އެންމެ އިތުބާރު ނުކުރެވެނީ ކޮންކަހަލަ ބަޔަކަށް؟
ހައްވަ: ދޮގުހަދާ މީހުންނަށް
އީވީ: އެންމެ މީރުވަސްދުވާ ސެންޓަކީ؟
ހައްވަ: މިޑްނައިޓް
އީވީ: ތިޔައީ ރަނގަޅު އަނތްބެކޭ ބުނެވިދާނެތަ؟ އަދި ރަނގަޅު މަންމައެކޭ ބުނެވިދާނެތަ؟
ހައްވަ: ބުނެވިދާނެ
އީވީ: ދިރިއުޅުމުގައި އެންމެ ބޮޑަށް އެހީތެރިވަނީ ކާކު؟
ހައްވަ: ފެމެލީ އެންމެ އެހީވަނީ. ހާއްސަކޮށް އައިސަ، ކުޑައައްތަ
އީވީ: ދެއަނތްބަށް މީހަކާ އިނދެފާނަންތަ؟ ދިރިއުޅުން ސިފަކުރަނީ ކިހިނެއް؟
ހައްވަ: ދިރިއުޅުމަކީ ފުން މިން ނޭނގޭ ކަނޑެއްކަހަލަ ތަނެއްދޯ. ދެއަނތްބަކަށް ނީންނާނަން މީހަކާ.
އީވީ : އުފާވެރި ދިރިއުޅުމަކަށް ބޭނުންވަނީ ކޮންކަމެއް؟
ހައްވަ: ތެދުވެރިކަމާއި ވަފާތެރިކަން.
އީވީ :ޒުވާން އަންހެންކުދިންނަށް ދޭން އޮތް ނަސޭހަތަކީ ކޮބާ ؟
ހައްވަ: ވަގުތު ދެވަނަ ފަހަރަށް ދޮރުގައި އައިސް ޓަކި ނުޖަހާނެއޭ. ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފައިގެން ގައުމަށާ ރަށަށް ބޭނުންތެރި ކުއްޖަކަށް ވޭތޯ ބަލާށޭ .
އީވީ : އެންމެ ކުރާހިތްނުވާ ކަމަކީ ؟
ހައްވަ: ބޭކާރު ގޮތުގައި ވަގުތުތައް ދުއްވާލުން.
އީވީ: ހައްވަގެ ސަޕޯޓަރުންނަށް ބުނެލަން އޮތީ؟
ހައްވަ: ބުނެލަން އޮތީ ހައްވަ ހަމަ ހައްވަގެ ގޮތުގައި އެބަހުރީމޭ. ބަށި ކޯޓުން ހައްވަ ނުގެއްލޭނޭ އިރާދަކުރެއްވިއްޔާ. ކުޅެވުނުހާ ދުވަހަކު ބަށި ކުޅޭނަމޭ. ސަޕޯޓް ދޭށޭ.