އޭދަފުށީގެ އިރުމަތީ ކޮޅު ހިއްކި ބިމުގައި ވަގުތީގޮތުން ވަށައިގެން ޓިނުޖަހައިގެން ހަދާފައި ހުރި ގުދަނެއްގައި ރޯވެ ރޭ އަނދައިފިއެވެ.
ރޭ 8:45 އެހާކަން ހާއިރު ހިނގި މިހާދިސާގައި މީހަކަށް އަނިޔާ ނުވިނަމަވެސް އެގުދަނުގައި ހުރި ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް ވަނީ އަނދައިގެން ގޮސްފައެވެ. ގުދަނުގައި އަލިފާން ރޯވި ސަބަބެއް ނޭގޭ ކަމަށާއި އެތަނުގެ ތެރޭގައި ހުންނާނީ ފައިބަރު ކުރަން ބޭނުންކުރާ ބައެއްކަހަލަ ކެމިކަލް އާއި އިލެކްޓްރިކް ބައެއް ސާމާނުކަމަށް ތަނުގެ ވެރިފަރާތާ ހަވާލާދީ އޭދަފުށީ ކައުންސިލުން ބުނެއެެވެ.
އަލިފާން ހިފުމާއެކު ގުދަނާ އިންވެގެން އެސަރަހައްދުގައި ފައިބަރު މަސައްކަތް ކުރުމަށް ގެނެސްފައިހުރި ޑިންގީ ލާންޗްފަހަރު ފަދަ ތަކެތި ވަގުތުން ދުރައްޖެއްސިއެވެ. ނަމަވެސް އަލިފާންގަނޑު ރޯވެފައިވާ ގުދަން ނިއްވާލުމަށް ފުލުހުންނަށް ސާޅީސް ފަސްވަރަކަށް މިނެޓް ހޭދަކުރަން ޖެހުނެވެ. އެގޮތުން އަލިފާން ނިއްވާލެވުނީ ރޯވި ގުދަނުގެ ކައިރީގައި ހައިމާކު ބޭނުންކޮށްގެން ބިންގަނޑުކޮނެ ފެންވަޅެއް ހަދައި، ޕަންޕް ބޭނުންކޮށްގެން ފެންޖަހައިގެންކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ.
އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން އީވީއަށް ރޭ ވިދާޅުވީ ރޯވި ގުދަނަކީ ގަވާއިދާ ހިލާފަށް ހަދާފައިވާ ގުދަނެއްކަމަށާ، ގުދަނު ރޯވެފައިމިވަނީ އެތަން ނެގުމާމެދު ވެރިފަރާތާ ކައުންސިލާ ދެމެދު އެންމެފަހުގެ މަޝްވަރާތައް މިދިޔަ ހަފްތާ ހިނގާފައިވެސް ވަނިކޮށެވެ. އޭނާ ވިދާޅުވީ އަލިފާން ގަނޑު ރޯވި ސަބަބެއް ނޭނގޭ ކަމަށާ، އެތަނަކީ ކަރަންޓްގެ ހިދްމަތް ނެތްތަނަކަށް ވާތީ ކަރަންޓް ޝޯޓަކުން އަލިފާނުން ރޯވީކަމަށް ނުބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވީ މިމައްސަލަ ފުލުހުން މިހާރު ތަހްގީގު ކުރަމުން އަންނަކަމަށެވެ.
އޭދަފުށީ ކުނިކޮށީގައި މީގެ ކުރިން ދޭތެރެދޭތެރެއިން އަލިފާނުގެ ހާދިސާ ހިނގާފައިވީނަމަވެސް އެރަށުގެ އިމާރާތެއްގައި ފަހަކަށް އައިސް އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގި މިއީ ފުރަތަމަ ފަހަރެވެ. އޭދަފުށީގައި އެންމެފަހުން ހިނގި އަލިފާނުގެ އެންމެބޮޑު ހާދިސާ ހިނގާފައިވަނީ ދެހާސް ފަނަރަ ވަނަައަހަރުގެ ތެރޭގައެވެ. އެފަހަރު އޭދަފުށީ ބަނދަރަށް ޕެޓްރޯލް ހިފައިގެން އައި ދޯންޏެއްގައި އަލިފާން ހިފައި، ހުޅަނގު ހުރަސްވާޓަރުގައި ހުރި ގޭސްފުޅިތަކާ، 27 ފީފާ ޕެޓްރޯލް އަދި ބައެއް މުދާ އަނދައި ލައްކައިން ގެއްލުންވެފައިވެއެވެ.