ބ. އޭދަފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އަންނަ ސެޕްޓެމްބަރ މަހު އެރަށަށް 1 މެގަވޮޓްގެ (1000 ކިލޯވޮޓްގެ) އިންޖީނެއް ގެނެވޭނެކަމަށް ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ޝަރީފްއާ ހަވާލާދީ ފެނަކަ ބ. ރީނަޖަލް އޮފީހުން ބުނެފިއެވެ.
800 ކިލޯވޮޓް އިންޖީނެއް މިމަހު ފަނަރަވަނަ ދުވަހު އޭދަފުއްޓަށް ގެނެސްފައި ވަނިކޮށް އާއިންޖީނެއް އޭދަފުއްޓަށް ގެންނާނެކަމަށް ފެނަކަ ބ. ރީޖަނަލް އޮފީހުން ބުނީ ރޭ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ޝަރީފް އޭދަފުއްޓަށް ކުރެއްވި ޒިޔާރަތުގައި ކުރެއްވި މަޝްވަރާތަކަށްފަހުއެވެ.
ފެނަކަ ބ. ރީޖަނަލް މެނޭޖަރ އަލީ ޝަފީޤް އީވީއަށް ވިދާޅުވީ 800 ކިލޯވޮޓް އިންޖީނު ބެހެއްޓިނަމަވެސް އޭދަފުށީގެ ޑިމާންޑް ބޮޑު ކަރަންޓް ހިދްމަތް މިހިސާބުން ފަރުޖައްސާލައިގެން ތިބެވެން ނެތްކަމަށާ، އެކަން މެނޭޖިންގް ޑިރެކްޓަރ ރޭ ފާހަގަކުރެއްވިކަމަށެވެ.
“ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގެ ތެރެއިން ރޭ އޭދަފުއްޓަށް ވަޑައިގެން 800 ކވ އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތް ބައްލަވާލައްވާ، އޭދަފުށީ އިންޖީނުގޭގެ ޑިވޮލޮޕްމެންޓާ ބެހޭގޮތުން މަޝްވަރާކުރެއްވި. އެމްޑީ ވިދާޅުވީ އޭދަފުށީގެ ހާލަތު އަދިވެސް މިވަރުން ހަމަޔަކަށް ނޭޅޭނެކަން އެނގިވަޑައިގަންނަވައޭ. ކުރިންވެސް ދެންނެވި ގޮތަށް ސެޕްޓެމްބަރމަހު 1 މެގަވޮޓްގެ އިންޖީނެއް އޭދަފުއްޓަށް ލިބޭނެއޭ.” އަލީ ޝަފީޤް ވިދާޅުވިއެވެ.

ފެނަކަ އެމްޑީ އަހްމަދު ޝަރީފް އޭދަފުށީ އިންޖީނުގައި 800 ކވ އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވަނީ / ފޮޓޯ: އޭދަފުށީ ވޮއިސް
ޝަފީޤް ވިދާޅުވީ އޭދަފުށީގެ ކަރަންޓް ނެޓްވޯކްގެ ހާލަތު ދަށްވެފައިވާ މައްސަލާގައިވެސް ރޭ އެމްޑީއާއެކު ދިގު މަޝްވަރާތަކެއް ކުރެވުނު ކަމަށާ، އެކަމަށް އަވަސް ހައްލެއް ގެނައުމަށްވެސް މިއަހަރު ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް އެމްޑީ ވިދާޅުވިކަމަށެވެ.
“އެނގި ވަޑައިގަންނަވާނެ މީގެ ބާވީސް އަހަރުކުރިން އޭދަފުށީގައި އެޅި ކޭބަލް ނެޓްވޯކެއް މިއީ. މިހާރު މިރަށަށް ބޭނުންވޭ އެބަ ހައިވޯލްޓޭޖް ކޭބަލް ނެޓްވޯކެއް. މިހާރުވެސް ވޯލްޓޭޖް ޑްރޮޕް ވަރަށް ބޮޑު. އެމްޑީ ވިދާޅުވީ އޮގަސްޓްގެ ފަހުން ސާވޭ ޓީމެއް އޭދަފުއްޓަށް އަންނާނެކަމަށް. އިރާދަ ކުރެއްވިއްޔާ އާޕެނަލް ބޯޑުވެސް މިއަހަރު ތެރޭގައި ޓެންޑާ ކުރެވޭނޭ. އަދި ކޭބަލް ނެޓްވޯކްވެސް ލަސްނުވެ އާކުރެވޭނެކަމުގެ އުއްމީދު އެބައޮތޭ” ޝަފީޤް ވިދާޅުވިއެވެ.
ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބ. އޭދަފުށީގައި 1995 ވަނައަހަރު ގާއިމްކޮށް ހިދްމަތްދޭންފެށި އިންޖީނުގޭގައި ފުރަތަމަ ބޭނުންކުރީ 75 ކިލޯވޯޓްގެ 3 އިންޖީނެވެ. ނަމަވެސް އޭދަފުށީގައި ކަރަންޓްގެ ޑިމާންޑް އިންތިހާއަށް ބޮޑުވަމުންދާތީ، ދާދިފަހުން އަލަށް ގެނެވުނު 800 ކިލޯވޮޓް އިންޖީނާއެކު އެއިންޖީނުގޭގައި މިވަގުތު 600ކވ، 400ކވ، 300ކވ އިންޖީނެއް އެބަހުއްޓެވެ.