ބ. އަތޮޅު ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ސާޖަރީގެ ހިދްމަތް ފަށައި އެހޮސްޕިޓަލުން ތާރީހުގެ ތެރެއަށް ވަދެއްޖެއެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ބުރާސްފަތިދުވަހު މިނިސްޓްރީން ފޮނުވި މިސްރުގެ ސްޕެޝަލިސްޓްގެ ހިދްމަތް ފެށުނީ ބުރާސްފަތިދުވަހު ކަމަށާ، ކުދިކުދި ސާޖަރީތައް މިދިޔަ ދެތިންދުވަހު ތެރޭގައިވެސް ހަދާފައިވާކަމަށެވެ. ބ. އަތޮޅު ހޮސްޕިޓަލްގެ ފަބްލިކް ހެލްތް ޔުނިޓްގެ ހެޑް ސިދުގީ އަބްދުﷲ އީވީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ މިފެށުނު ހިދްމަތާއެކު، ބ. އަތޮޅު ހޮސްޕިޓަލްގެ ހިދްމަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެކަމަށާ، ކުރިން މާލެއިން ކުރެވުނު އެތައް ސާޖަރީއެއް އެހޮސްޕިޓަލުން ކުރެވޭނެކަމަށެވެ.
“ހާނިޔާ، އެޕެންޑިކްސް، ގޮށްގެނުން، އަދިވެސް ހިތާނުކުރުމާ، ފުރަގަސްފަރާތު އޮޕަރޭޝަން ކަހަލަ އާންމު ސާޖަރީތައް މިހާރު ކުރެވޭނެ ދުވަހުން ދުވަހަށް. ކުރިން މިހިދްމަތް ހޯދަން މިޖެހެނީ އެމަޖެންސީކޮށް މާލެފޮނުވަން. މިހާރު މިއޮތީ ދުވަހުން ދުވަހަށް ކުރެވޭ ގޮތަށް މިހޮސްޕިޓަލްގައި ހިދްމަތް ފެށިފައި. މިދިޔަ ދެތިންދުވަހުގެ ބައެއް ސާޖަރީތައް ކުރިޔަށް ދިޔަ” ސިދުގީ އިހްސާސްތައް ކިޔައިދެއްވިއެވެ.
ސާޖަން އެއްގެ ހިދްމަތާއެކު، ބ. އަތޮޅު ހޮސްޕިޓަލްގައި މިވަގުތު 4 ސްޕެޝަލިސްޓުންގެ އިތުރުން ޖެނެރަލް 4 ޑޮކްޓަރުންވެސް މަސައްކަތްކުރެއެވެ. އޭގެތެރޭގައި އަންހެނުންގެ ހާއްސަ ޑޮކްޓަރާއި، ކުޑަކުދިންގެ ޑޮކްޓަރ އަދި ހޭނައްތާ ޑޮކްޓަރު ހިމެނެއެވެ. ސިދުގީ ވިދާޅުވީ މިއީ ހެލްތް މިނިސްޓްރީން އަތޮޅު ތެރޭގެ ސިއްހީ ހިދްމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރައީސް ޔާމީން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ސަބަބުން ލިބެމުންދާ ކުރިއެރުންކަމަށެވެ.
“އަޅުގަނޑުމެން ހިޔެއް ނުކުރަން މިހާ އަވަހަކަށް މިހިދްމަތް ފެށޭނެކަމަކަށް. ހަމައެއްގޮތަކަށްވެސް އުއްމީދުވެސް ނުކުރަން. އެހެންނަމަވެސް އަދުގެ ރައީސް ޔާމީންގެ ދުރުވިސްނެވުމާ، ހިކްމަތު އަމަލީގެ ސަބަބުން މިހާ އަވަހަށް މިހިދްމަތް މިފެށުނީ. އަޅުގަނޑަކީ ސިއްހީ ދާއިރާގައި އުޅޭތާ ތިރީހަކަށް އަހަރުވެފައި ހުރި މީހެއް. މިހާބޮޑު އިންގިލާބީ ބަދަލެއް މިހާއަވަހަށް އަންނާނެކަމަކަށް ހުވަފެނުންވެސް ނުދެކެން” ސިދުގީ ވިދާޅުވިއެވެ.
ސިދުގީ ވިދާޅުވީ ސާޖަރީގެ ހިދްމަތްތައް ފެށުނު ނަމަވެސް ހޮސްޕިޓަލްގެ އިތުރު ހިދްމަތްތައް ފެށުމަށް މާބޮޑު ލަސްވުމެއް ނާންނާނެކަމަށާ، އުއްމީދަކީ ވަރަށް އަވަހަށް ދަތުގެ ޑޮކްޓަރެއްގެ ހިދްމަތްވެސް ފެށުންކަމަށެވެ. އޭނާ ވިދާޅުވީ ބ. އަތޮޅުގެ ސިއްހީ ހިދްމަތް ތަރައްޤީކުރުމަށް ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖްމަންޓުން ހެލްތް މިނިސްޓްރީއާއެކު ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.