އޭދަފުށީގެ މަގުތަކުގައި ގަވާއިދާ ހިލާފަށް އިންދާފައިވާ ގަސްގަހާގެއްސާއި، ބަހައްޓާފައިވާ ތަކެތި 1 މަސްދުވަހުގެ ތެރޭގައި ނެގުމަށް އޭދަފުށީ ކައުންސިލުން އަންގައިފިއެވެ.
އިއްޔެ އޭދަފުށީ ކައުންސިލުން ނެރުނު އިޢްލާނެއްގައިވަނީ އޭދަފުށީގެ މަގުތަކާއި ރަށުގެ ވަށައިގެންވާ ސަރަހައްދުތަކަކީ ސާފުތާހިރު ތަންތަނަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިފަދަ ތަކެތި ނެގުމުގެ މަސައްކަތް އެކައުންސިލުން ތަކުރާރުކޮށް ކުރަމުންދާކަމަށެވެ. ނަމަވެސް މިހާރަކަށް އައިސް ކައުންސިލްގެ މިއެންގުމާ ހިލާފަށް ގިނައަދަދަކަށް ތަކެތި ބެހެއްޓުން އިތުރު ވަމުންދާތީ، މިއަދުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި އެތަކެތި ނެގުމަށް، ތަކެތީގެ ވެރިފަރާތްތަކަށް އަންގާކަމަށެވެ.
އޭދަފުށީ ކައުންސިލްގެ މިދައުރުގެ ނާއިބްރައީސް ހައްވާ ސަމީހާ ސޮއިކުރައްވާ ނެރުއްވާފައިވާ މިއިޢްލާންގައިވަނީ މިއެންގުމާ ހިލާފުވާ ފަރާތްތަކުގެ ތަކެތި ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން އެކައުންސިލްގެ ބެލުމުގެ ދަށުން ނެގޭނެކަމަށެވެ.
މިފަދަ އިޢްލާންތައް ކައުންސިލްގެ ކުރީ ދައުރުތަކުގައިވެސް ދޭތެރެދޭތެރެއިން ކޮށްފައިވެއެވެ. ނަމަވެސް މިކަމަށް އަމަލީ ސިފައެއް އަންނަނީ މަދުފަހަރަކުއެވެ.
މިއިޢްލާނާއި ގުޅިގެން އޭދަފުށީ ކައުންސިލްގެ ނާއިބްރައީސް ހައްވާ ސަމީހާ އީވީއަށް ވިދާޅުވީ މިއީ މީގެ 3 އަހަރުކުރިން އެކައުންސިލުން އާންމުކޮށްފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ނެރެފައިވާ އިޢްލާނެއްކަމަށެވެ. އޭނާ ވިދާޅުވީ މަގުތަކާ، އާންމު ތަންތަނަކީ ރައްޔިތުންނަށް އަމާން، ރައްކާތެރި ތަންތަންކަމުގައި ހެދުމަކީ އެކައުންސިލްގެ ޒިންމާއެއްކަމަށެވެ. އަދި އެންގިފައިވާ ގޮތަށް ގަވާއިދު ތަންފީޒުކުރާނެކަމަށްވެސް ހައްވަ ވިދާޅުވިއެވެ.
“ކުރީގެ ދައުރުތަކުގެ ވާހަކަ އަޅުގަނޑު ނުދައްކާނަން. އަޅުގަނޑުމެން ކައުންސިލާ ހަވާލުވީ ހިސާބުންފެށިގެން މިކަންކަން ބަލައި ފިޔަވަޅު އަޅަމުންމިދަނީ. އިރާދަކުރެއްވިއްޔާ ކަންކަން ހަމަޔަކަށް އެޅޭނެ. ވަގުތު ލިބިގެން ކަންކަން ހައްލުވަމުންދާނެ ކަމަށް މިދެކެނީ” ހައްވަ ވިދާޅުވިއެވެ.
ހައްވަ ވިދާޅުވީ މަގުމަގުގައި ހައްދާފައިވާ ކޮޕީ ގަސްގަހުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި އާންމުންނަށް ހިނގާބިނގާވެ އުޅުމަށާއި، ދުއްވާ ތަކެއްޗަށް އުނދަގޫތައް ކުރިމަތިވާކަމަށެވެ. އޭނާ ވިދާޅުވީ ޚާއްސަކޮށް ކޮޕީފަތް ހެއްދުމަކީ އޭދަފުށީގައި ވަރަށް އާންމުކަމެއްކަމަށާ، މިކަން ކުރުމަށް ކުރިޔަށް އޮތްތަނުގައި ރައްޔިތުންނަށް އިތުރު ލުއިގޮތްތަކެއް ކައުންސިލުން ހަމަޖެއްސުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.
“ކޮޕީފަތް ހެއްދުމަކީ ވަރަށް އާންމުކަމެއް. އެހެންނަމަވެސް ބައެއް ގޭގޭގެ ކައިރީގައި މިހުންނަނީ ދެފޫޓް ތިންފޫޓަށްވުރެ ބޭރަށް މަގުމައްޗަށް ގަސްގަސް ނެރެފައި. މިކަމުގެ ސަބަބުން އާންމުންގެ ޝަކުވާވެސް ބޮޑުވޭ. އަޅުގަނޑުމެން އުއްމީދުކުރަން ކޮޕީފަތް ހެއްދުމަށް އާންމުންނަށް ލުއި ގޮތްތަކެއް ހަދާދެވޭނެކަމަށް.” ކައުންސިލްގެ ކުރީގެ ދައުރުގައި ހިއްކިބިމުން ކޮޕީފަތް ދަނޑު ދޫކުރުމަށް ނިންމި ނިންމުމަށް އިޝާރާތްކުރައްވާ ހައްވަ ވިދާޅުވިއެވެ.
3000 އަށްވުރެ ބޮޑު އާބާދީއެއް އޮތް އޭދަފުށީގެ މަގުތަކުގައި އާންމުންގެ ބޭނުންތަކަށް ގަސްގަސް ހެއްދުމާއި، އަމިއްލަ ތަކެތި ބެހެއްޓުމަކީ ފަހަކަށް އައިސް ވަރަށް އާންމުކަމެކެވެ. އެގޮތުން ޖޯލިފައްޗާއި، ވީލްބަރޯއާއި، ގެދޮރު އިމާރާތްކުރާ ސާމާނު ފަދަ ތަކެއްޗާއި، ކޮޕީ ފަތްގަހަކީ މަގުތަކުގައި އާންމުކޮށް ފެންނަން ހުންނަ ތަކެއްޗެވެ.