ދިވެހި މުދައްރިސް, ދޮންފަނު އާތިފްގެ “ސާނަވީ ދޭހަ” ނެރެފި

saanavee-dheyha.jpg

އާތިފް ލިޔުއްވި ސާނަވީ ދޭހަ ފޮތް ޑރ އަލީ ނަޖީބް ނެރެދެއްވަނީ. / ފޮޓޯ: ފޭސްބުކް

އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހި މާއްދާ ހަދާ ދަރިވަރުންނަށް ޚާއްޞަކޮށްގެން މަޝްހޫރު ދިވެހި މުދައްރިސް ބ. ދޮންފަނު، އާތިފް އަބްދުލްހަކީމް ލިޔުއްވާފައިވާ “ސާނަވީ ދޭހަ” ފޮތް ރޭ ނެރެފިއެވެ.

މަޖީދިއްޔާ ސްކޫލުގެ ދިވެހި މުދައްރިސް ޢާޠިފް ޢަބްދުލް ޙަކީމް ތައްޔާރު ކުރެއްވި މި ފޮތް ނެރެދެއްވީ، މިކަމަށް ޚާއްޞަކޮށްގެން މަޖީދިއްޔާ ސްކޫލުގައި ރޭ ބޭއްވި، ރަސްމިއްޔާތުގައި، ވިލާކޮލެޖްގެ ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބެވެ. ރޭގެ މި ބައްދަލުވުމުގައި ސާނަވީ ދޭހައިގެ ފޭސްބުކް ޕޭޖް ވެސް ވަނީ ލޯންޗް ކޮށްފައެވެ.

ސާނަވީ ދޭހަ ފޮތާބެހޭ މަޢުލޫމާތު ދެއްވަމުން ފޮތުގެ މުސައްނިފް ޢާޠިފް ޢަބްދުލް ޙަކީމް ފާހަގަ ކުރެއްވި ގޮތުގައި، އިމްތިޙާނުގައި ދަރިވަރުންނަށް ދިމާވާ މައްސަލަތަކުގެ ތެރެއިން 5 ކަމެއް މި ފޮތުގައި ފާހަގަ ކޮށްފައިވާނެއެވެ. މިގޮތުން އިމްތިޙާނުގެ ސުވާލުތަކަށް ޖަވާބު ދިނުމުގައި ދަރިވަރުންނަށް ހެދޭ މައިގަނޑު ގޯސްތަކަކީ ކޮބައިކަމާއި އެގޯސްތައް ހައްލު ކުރާނެ ގޮތްތައް އޮޅުންފިލުވައި ދީފައިވާނޭކަމަށް އޭނާ ވިދާޅުވިއެވެ.

ރޭ ދާރުލް ޢުލޫމު ހޯލުގައި ނެރުނު ސާނަވީ ދޭހަފޮތަކީ، 20 ދޭހައިގެ މައްޗަށް، ޖަވާބު ކަރުދާހާއެކު އެކުލެވޭ ފޮތެކެވެ. މިފޮތާ ބެހޭ ގޮތުން ރޭގެ ޝަރަފްވެރި މެހުމާނު ވިލާކޮލެޖްގެ ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބު ވިދާޅުވީ، މިއީ، ވަރަށް ބޭނުންތެރި، ފޮތެއް ކަމަށާއި، އަދި މިފޮތް މިޒަމާނާ ގުޅުވާލާފައި ވުމުން މީގެ ބޭނުންތެރިކަން އިތުރުވާ ކަމަށެވެ.

“ދަރިވަރުން ގޭގައި ތިބެގެން ވެސް އުނގެނުމަށް މި ފޮތުން އެބަ މަގުފަހި ކޮށްދޭ” ޢަލީ ނަޖީބު ވިދާޅުވިއެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި މިފޮތުގައި ދަރިވަރުންގެ އުނގެނުމަށް ވަރަށް މުހިންމު މަޢުލޫމާތު ހިމަނައިފައި އެބަހުއްޓެވެ. އަދި ވަރަށް ބޮޑަށް ދިރާސާކޮށްގެން އެކަމަށް އަހަންމިއްޔަތުކަން ދީގެން މިފޮތް ލިޔެފައިވާތީ މިފޮތުން ގިނަފައިދާތަކެއް ލިބިގެން ދާނެކަމަށް ނަޖީބު ވިދާޅުވިއެވެ.

ސާނަވީ ދޭހަ ފޮތާބެހޭ ގޮތުން ދިވެހިބަހުގެ މާހިރު އަދި އުސްތާޛު އާދަމް ޒާހިރު ވިދާޅުވެފައިވަނީ، “މި ފޮތަކީ ބޭނުން ކުރައްވާ ބޭފުޅުންނަށް، ފިލާވަޅެއް، އެހީއެއް، މުދައްރިސެއް” ކަމަށެވެ.

ޗީފް އެގްޒަމިނޭޝަންކަން 5 އަހަރު ކުރައްވާފައިވާ ތަޖްރިބާކާރު ޓީޗަރ ޢަބްދުއްރަޙްމާނު ޙުސެއިން ވިދާޅުވެފައިވަނީ، “ސާނަވީ ދޭހަ ފޮތަކީ އެސް.އެސް.ސީ އިމްތިޙާނަށް ތައްޔާރުވާ ދަރިވަރުންނަށް ވަރަށް ބޭނުންތެރި ފޮތެއް” ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top