އެންމެ ބަރަކާތްތެރި މަސައްކަތުގައި 20 އަހަރު، އަދިވެސް ހުއްޓުމެއް ނެތް

DSCN6377.jpg

10 ޖުލައި 2017- އޭދަފުށީ ގުލޭނޫރަންގޭ ރަމީޒާ އިބްރާހީމް - ފޮޓޯ : އީވީ

އޭދަފުށީ އަންހެނުން ޚާއްސަވާ ގިނަ ކަންތައްތަކެއް ހުރެއެވެ. ތައުލީމީ ގޮތުން ރަށުގެ ދަރިން ހޯދާފައިވާ ކާމިޔާބުތަކުގެ ފަހަތުގައިވަނީ އެމީހުންނެވެ. ރަށުގެ ކުރިއެރުމާއި އަޚްލާގު ރަނގަޅު ޖީލުތަކެއް އުފެއްދުމުގައި އެބައިމީހުން އުޅެނީ ވަރަށް ކުރީގައެވެ. އިގްތިސާދީ ދަނޑުގައި އިދިކޮޅަށް ޖަހާފައިވާ ގޯލްތައް ގިނަވުމަކީ ވެސް އަންހެނުންގެ އަގު ބޮޑުވެގެންދާ ސަބަބެކެވެ. މީގެ އިތުރުން މުރާލި ރައްޔިތެއް އުޅޭ ރަށެއްގެ ގޮތުގައި ފާހަގަ ކުރެވެނީ އޭދަފުށި އަންހެނުން ހޯދާފައިވާ ކާމިޔާބީތަކާ އެކުގައެވެ. މި ހުރިހާ ރީތިކަމަކާ ޝަރަފުވެރިކަމާއެކު އޭދަފުށީ އަންހެނުންގެ ތެރެއިން މިފަހަރު ފާހަގަ ކުރެވޭ ތަރިއަކީ އޭދަފުށީ ގުލޭނޫރަންގޭ ރަމީޒާ އިބްރާހީމް އެވެ.

ރަމީޒާގެ ދިރިއުޅުން ހޭދަކުރާގޮތަކީ ރީތި ވާހަކައެކެވެ. އޭނާ މިހާ ހިސާބަށް ދިރިއުޅުން އައިގޮތް އެއީ އިބްރަތުން ފުރިގެންވާ ދަރުސެކެވެ. އަދި ޒުވާން އަންހެން ކުދިން އޭނާގެ ފަހަތުން ފިޔަވަޅުއަޅަން ޖެހޭ ސަބަބެކެވެ.

މަންމަ އޭނާ ދޫކޮށްލާފަ އުމުރުން އެންމެ ދެއަހަރުގައި ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރުމީ ނަސީބުގައި ހުރި ގޮތެވެ. އެކަމަކު އޭނާއަށް އެކަމެއް ނޭގެއެވެ. މައިވަންތަކަމުގެ ލޯތްބާ މަންމަގެ އުރަކީ ކިހާ އަރާމު ތަނެއްކަން އެނގޭނީ އެކަން ތަޖުރިބާ ކޮށްފައިވާ ދަރިންނަށެވެ. އެފުރުސަތު އޭނާއަކަށް ނުލިބެއެވެ. އެކަމަކުވެސް އާއިލާގެ ބުރަމަސައްކަތުން ރަމީޒާ ތަރުބިއްޔަތު ކުރުމުގައި ކުށެއް ނެތްކަން ގަބޫލު ކުރަންޖެހެނީ އިލްމާއި ހިލްމްގައި އޭރުގެ ފެންވަރުން އޭނާ ހުރީ ފުރިހަމަވެފައި ކަމަށް ވާތީއެވެ.

އޭނާގެ އުމުރަކީ 52 އަހަރެވެ. ބައި ގަރުނސް ވުރެ އުމުރު މައްޗަސް ގޮސްފައިވާއިރު  ދިރިއުޅުމަށް އޭނާ ވަނީ ވަރަސް ގިން މަސައްކަތް ތަކެއް ކޮށްފައެވެ. ރޯނުވެށުމުން ފެށިގެން ހެދިކާ ހެދުމާހަމައަށެވެ. ފަތްތއްލައިގެން ވިއްކުމުން ފެށިގެން މީރު ރިހާކުރާ ހަމައަށެވެ.. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މި މަސައްކަތުގައި އޭނާގެ ވަގުތުތައް ހޭދަކުރަމުން ދިޔައީ ފަގީރުކަމުން އަރައިގަތުމަށް ކުރި ހަނގުރާމައެއްގެ ގޮތަކު ނޫންކަމެވެ. ބޭނުމަކީ ކޮންމެ މީހަކީވެސް އަތްފައި ކޮށައިގެން ފުދުންތެރި މީހަކަށް ވާން ޖެހޭ ކަން މުޖްތަމައަށް އަންގައި ދިނުމެވެ. އޭނާ ހޭލައިގަތް އިތުވެސް ބައްޕައަކީ މޮޅު މަސައްކަތްތެރިއަކަށް ވާތީ އާއިލާ އުޅެމުން އައީ ފުދިގެންނެވެ.

ރަމީޒާގެ ފުރަތަމަ ކައިވެންޏާއެކު ލިބިފައިވާ ހަތަރު ދަރިންނާ ފިރިމީހާއާއެކު ދިރިއުޅުން ކުރިއަށް ދަނީ ނިޔާމައިގައެވެ. ދިރިއުޅުމަށް މަސައްކަތް ކުރުމުގައި ދެމީހުންގެ ހިއްސާވެސް އެއްވަރެވެ.

މި އާދަޔާ ޚިލާފު އަންހެނާގެ ވާހަކަތައް ފެށެނީ މިހާހިސާބުންނެވެ.

އޭނާގެ ހަށިގަނޑުގެ ސޯބުތައް ރެއާދުވާލުގެ 24 ގަޑިއިރުގެ ތެރެއިން 18 ގަޑިއިރު އެނބުރެމުންދަނީ ހުކުރެއް ހޮނިހިރެއް ނެތި އެހެން މީހުންނަށް ޓަކައެވެ. އެހެންމީހުންނަށް ފައިދާކުރަނިވި މަސައްކަތުގައެވެ. މި ބުނީ މިކަމުގެ ފައިދާ އޭނާއަށް ނޯންނަ ވާހަކައެއް ނޫނެވެ. އޭގެތެރެއިން އެންމެ ފާހަގަ ކުރެވޭ މަސައްކަތަކީ ހުރިހާ އުމުރެއްގެ ކުދިންނަށް ކީރިތި ޤުރުއާން އުނގަންނައި ދިނުމެވެ.

ރަމީޒާގެ ‘މަދަރުސާ ‘ގައި ކުދިންކޮޅަކަށް ކިޔަވައިދެނީ – ފޮޓޯ :އީވީ

“ހެނދުނު ހަޔަކުން ފެށިގެން އެގާރަ ގަޑިބަޔަށް މެންދުރު ފަހު އެކަކުން ފެށިގެން ހަވީރު ހަތަރުގަޑި ބަޔަށް އަދި މަޣްރިބް ނަމާދުން ނިމިގެން އިޝާއަށް މެދުކަނޑާލުމަށްފަހު  ރޭގަނޑު 11 ޖަހަންދެން އުޅެނީ މިމަސައްކަތުގައި .” ކިޔަވައިދިނުން ޝެޑިއުލް ކޮށްފައިވާ ގޮޮތް ރަމީޒާ ކިޔައިދިނެވެ.

ރަމީޒާގެ އުފަލަކީ އެއެވެ. ހިތްހަމަޖެހުމަކީވެސް އެއެވެ. އެހެންވެ ކަމުގެ ބުރަކަމާ އުދަގުލެއް އިހްސާސެއް ނުކުރެވެއެވެ. ގޭގެ ދެކުނުފަރާތުގައި ހުހަށް އޮތް ކުޑަތަންކޮޅެއްގައި ހަދާފައި ހުންނަ ޖޯލި ފައްޗަކީ އޭނާގެ ދިރިއުޅުމުގެ އެންމެ މުހިއްމު އެންމެ އުފާވެރިކަމާއެކު ވަގުތުތައް ހޭދަކުރަމުންދާ ކުޑަކުޑަ ‘މަދަރުސާ ‘އެވެ.

ފަސްދޮޅަހަކަށް ކުދިން ކިޔަވަމުން އަންނަ މި’މަދަރުސާ ‘ އިން ރަމީޒާއަށް ލިބޭ އަނެއް ހިތްހަމަޖެހުމަކީ މިތަނުގެ ދަރިވަރުން ކީރިތި ޤުރުއާންގެ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމެވެ. ރަށުގައި ބާއްވާ ކީރިތި ޤުރުއާންކިޔެވުމުގެ އެކިއެކި މުބާރާތްތަކުން ފާހަގަ ކުރެވޭ ވަނަ ތައް ހާސިލުކުރުމެވެ. ވަގުތާ ތަނުގެ ހާލަތު ތަންދޭ ފުލް ކެޕޭސިޓީގައި އެތަން އަބަދުވެސް ފުލްވެފައި ހުރުމެވެ. މީގެ މާނައަކީ ރަމީޒާގެ މަސައްކަތުގެ ފެންވަރު ހުރީ ޤާރީވެރިން ގަބޫލުކުރާ ހުރިހާ ޝަރުތެއް ފުރިހަމަވެފައިކަމެވެ. އެހެންކަމުން ރަމީޒާގެ އެ ކުޑަކުޑަ ‘މަދަރުސާ ‘ގެ ފެންވަރާމެދު ރައްޔިތުން ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ.

މި އިލްމު އެހެން މީހުންނަށް އުގަންނައިދޭން ފެށިއިރު ރަމީޒާއަކީ ކީރިތި ޤުރުއާން ތަޖްވީދު މަގަށް ކިޔަވައިދިނުމުގެ ސެޓްފިކެޓް އޮތް މީހެއް ނޫނެވެ. މީގެ ވިއްސަކަށް އަހަރު ކުރިން މި މަސައްކަތް ފެށީ މިހާ ފުޅާކޮށް މިހާހިސާބަށް އަތުވެދާނެކަމަށް އުއްމީދުކޮށްގެންވެސް ނޫނެވެ. އެންމެ ފުރަތަމަ އަމިއްލަ ދަރިންނަށް ދެން އަވައްޓެރިންގެ ދަރިންނަށް ކިޔަވައިދެމުން އައިސް މިކަން ވައިގާ ހިފީއެވެ. ޒަމާނާ އެކު މީހުންގެ ހޭލުންތެރިކަމަށް އައި ބަދަލުގެ ސަބަބުން ޤާރީ ކޯސް ހަދަން ނިންމީ އެހެންވެއެވެ. ޤާރީ ކޯސް ހަދައިގެން މިފަންނުގައި އެތައް ކުދިންނަކަށް ތަޖްވީދު މަގުން ޤުރުއާން ކިޔަވައިދެމުން މިއަދާ ހަމައަށް އައިއިރު ހަގީގަތުގައި އޭނާ ބޭނުންނަމަ މިހާރު ދާންވީ ޖާގައާއި ވަސީލަތްތަކާއެކު ގާރީ ކްލާހަކާ ދިމާލަށެވެ. އެކަމަކު އޭނާ ބޭނުންވަނީ މިފެންވަރުގައި މި ބޮޑުމިނުގައި މިކަން ކުރާށެވެ.

“މިހާރު މި ކިޔަވައިދެނީ ފަސްދޮޅަހަކަށް ކުދިންނަށް. އަދިވެސް މީހުން އެބައާދޭ ޖާގައަށް އެދި. މީހުން ތިބެނީ އަބަދުވެސް ޖާގައެއް ހުސްވޭތޯ ބަލަ ބަލާ. އެކަމަކު މިއީ އާމްދަނީއެއް ލިބުނުކަމަށްވިޔަސް ވިޔަފާރީގެ އުސޫލުން ކުރާ ކަމަކަށް ނުވާތީ ތަނުގައި ތިބި ކުދިންނަށް ވަގުތުތައް ބަހާލާއިރު ދެން ހަމަ އިތުރު ކުއްޖަކަށް ޖާގަ ދެވެން ނެތީ.” ރަމީޒާ ބުންޏެވެ.

‘އީވީ ‘ގެ ޓީމް ރަމީޒާއާ ބައްދަލުކޮށްލަން އެގޭގެ ދޮރުން އެތެރެވުމާއެކުއަށް ފުރަތަމަވެސް އިވިގެން ދިޔައީ އޭނާގެ ‘މަދަރުސާ’ ގައި ދަރިވަރުން ކީރިތި ޤުރުއާން ކިޔަވާ އަޑެވެ. އަޑާދިމާލަށް ދަތުރުކުރަމުންގޮސް އެ ‘މަދަރުސާ ‘އާއި އަރާ ހަމަވިއިރު އެކި އުމުރުފުރައިގެ ދޮޅަހަކަށް އަންހެންކުދިން އެކުދިންނަށް ދީފައިވާ ފިލާވަޅު އަޑުގެ ކޮޅަށް ކިޔަވަނީއެވެ. އެކަމާ ކުޑަކޮށް ހައިރާން ވެފައި ހުއްޓާ ޖަވާބުވެސް ލިބިއްޖެއެވެ.

“ކްލާހަށް މިއަންނަނީ އެކި އުމުރުގެކުދިން ކަމަށް ވިޔަސް ގަޑިތަކަށްް ކުދިން ބަހާފައި ހުންނާނީ އުމުރާއެއްގޮތަކަށް ނޫން. އެކުދިންގެ ފެންވަރަށް ބޮޑަށް ބަލަނީ .”

ރަމީޒާ ބުނި ގޮތުގައި އޭނާގެ މަދަރުސާއިން ކެނޑިގެން އެއްވެސް ކުއްޖަކު ނުދެއެވެ. އަދި އެކުދިންވެސް ކުދިންގެ ބެލެނިވެރިންވެސް ބޭނުންވަނީ ގްރޭޑް 10 ނިމެންދެންވެސް މި ތަނުން ކިޔެވުން ކުރިއަށް ގެންދިއުމަށެވެ.

“ހަމައެކަނި ކިޔަވައިދެނީއެއް ނޫން. ރީތި އާދަތަކާއެކު ކުދިންނަށް އަޚްލާގީ ގޮތުން ވެސް ރަނގަޅު ބަދަލު ތަކެއް ގެނައުމަށް މަސައްކަތް ކުރަން. ” ރަމީޒާ އިތުރު ކޮށްލިއެވެ.

ނަތީޖާއަކީ ކޮބާ ހެއްޔެވެ؟

މި ‘މަދަރުސާ ‘އިން ކިޔަވާ ކުދިން ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަށް ހޮވިފައި އެބަހުއްޓެވެ. ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ބާއްވާ މިފަދަ މުބާރާތްތަކުން އަބަދުވެސް ފާހަގަކުރެވޭ ކާމިޔާބުތަކާއެކު ރަތްވަނަތައް ހޯދައެވެ. އެންމެ ބޮޑު ހިތް ހަމަޖެހުމަކީ އެއީ ކަމުގައި ރަމީޒާ ބުންޏެވެ. އަދި ބުނީ އޭނާގެ ގާތަށް ކިޔަވަން އަންނަން ބޭނުންވާ ކުދިންގެ ދިގު ކިޔޫއެއް އަބަދުވެސް ވެއިޓިންގ ލިސްޓްގައި އޮންނަނީ މިހެން ވީމާ ކަމުގައެވެ

އެކުދިންގެ ބެލެނިވެރިން ރަމީޒާގެ މި މަސައްކަތާމެދު ޝުކުރުވެރިވެއެވެ. އަގު ވަޒަންކުރެއެވެ. ވަރަށް ބޮޑަށް ހިތްހަމަޖެހެއެވެ. އޭގެ ތެރެއިން ބެލެނިވެރިއަކު އޭނާގެ ޝުއޫރުތައް ފާޅުކުރަމުން ބުންޏެވެ.

“އަޅުގަނޑުގެ ދަރިއަކު ރަމީޒާ ގާތަށް ފޮނުވުމުގެ އެންމެ ބޮޑު ބޭނުމަކީ ނަތީޖާ ރަނގަޅު ވުމުން. އެކަން އެނގެނީ ރަށު ފެންވަރުގައި ބާއްވާ މުބާރާތްތަކުން އަޅުގަނޑުގެ ދަރިފުޅުވަނީ މިދިޔަ ދެއަހަރުވެސް ފުދޭވަރެއްގެ ކާމިޔާބެއް ހޯދާފައި” ނަން ނުޖެހުމަށް އެދި ބުންޏެވެ.

އެހެން ބެލެނިވެރިއަކު ބުނީ ރަމީޒާގެ ގާތަށް ދަރިފުޅު ފޮނުވަނީ އެހެން މީހުންނާ ޚިލާފަށް ވިޔަފާރީގެ ގޮތް ކުޑަވެފައި ދުވަހުން ދުވަހަށް ދަރިފުޅުގެ ޤުރުއާން ކިޔެވުމުގެ ފެންވަރު ރަނގަޅު ވާތީކަމުގައެވެ.

މިމަސައްކަތުގައި ދުވާލާއި ރޭގަނޑުގެ ވެސް ބޮޑުބައެއް ހޭދަކޮށްފައި އެހިސާބުން އަދި ނިމުނީއެއް ނޫނެވެ. ރަމީޒާ ބުނީ އޭނާ ކައިވެނި ކުރީ މަސްވެރި ކެޔޮޅަކާ ކަމުގައެވެ. އެހެންވީމާ ފިރިމީހާގެ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން މި މަސަައްކަތަށްވެސް ވަގުތު ހުސްކުރަން ޖެހެއެވެ. އެކަމަކު އެއީ ރަމީޒާވެސް ކުރާހިތުން އުފަލުން ކުރާ ކަމެކެވެ.

“ފިރިމީހާއާ ކައިވެނި ކުރިއިރުވެސް އޭނާއަކީ ދެބައިމަސް ގެންނަ މީހެއް. މަސްވެރިކަން ރަނގަޅު ދުވަސްވަރު ވަރަށް ގިނަ ވަގުތު އެމަސައްކަތުގައި ހޭދަ ކުރަންޖެހޭ. މިހާރު މިގެއަކީ މަސްވެރިކަން ކުރާ އަމިއްލަ ދޯންޏެއްވެސް ހުރި ގެއަކަށް ވާތީ ބައެއް ފަހަރު ތަންކޮޅެއް ބުރަކޮށް އުޅެން ވެސް ޖެހޭ.”

މަސްވެރިކަމުގެ ސިނާއަތުގައި ފިރިމީހާ ކަނޑުމަތީގައި ކޮންމެ ދުވަހަކު ހޭދަކުރުމަށް ފަހު ރަށަށްއައިސް ގެއަށް މަސްކޮޅުގެނެސް މަސް ކެނޑުމަށް ފަހު ދެން އޭނާއާ ހަވާލުވީއެވެ. މަސް ކައްކައި ހިއްކުމުގެ އިތުރުން މަހުން ތަކެތި އުފެއްދުމަކީވެސް އޭނާ ކުރާ މަސައްކަތެކެވެ. މިގޮތުން އުފައްދާ ރިހާކުރަކީ އޭދަފުށީގައި މަޝްހޫރު އެއްޗެކެވެ. އެވެސް ސްޓޮކް ވެފައި ހުންނަން ނުޖެހެނީ އޭގެ ކޮލިޓީއާއި ރަހަ މީރުކަމުން ކަމަށް ބުނަމުން ރަމީޒާ ހިނިތުން ވެލިއެވެ.

ދެން އިތުރުކަމެއް ނެތްތޯ އަހާލުމުން ބުންޏެވެ.

“ނޫން. މިހާރު މިއުޅެނީ އަނެއްކާވެސް ހެދިކާ ހަދައިގެން ވިއްކަން ފަށަން”

ތެދެކެވެ. އޭނާއަކީ ހެދިކާވެސް ހަދައިގެން ވިއްކާ އަންހެނެކެވެ. އެމަސައްކަތް އެހެން މީހަކާ ބައިވެރިވެގެން ކުރާއިރު މަސައްކަތް މެދުކަނޑާލާފައިވަނީ ރޯދައަށެވެ. އަނެއްކާ އެމަސައްކަތް ފަށަންވީއެވެ.

ރަމީޒާގެ މަސައްކަތަށް ހުއްޓުމެއް ނެތެވެ. އޭނާގެ ދަރިންނާއި ފިރިމީހާވެސް މިހާރު ބޭނުންވަނީ އަރާމު ކުރާށެވެ. އެހެންނަމަވެސް އޭނާހުރީ އެއްވެސް ކަމަކުން އަދި ޗުއްޓީ ނެގުމުގެ ޚިޔާލެއްގައެއް ނޫނެވެ. އެދުވަސް އައިކަމަށް އަދި ގަބޫލު ނުކުރެވެނީއެވެ. ކީއްވެގެން ހެއްޔެވެ. ރަމީޒާވަނީ ދުނިޔޭގައި އޭނާ އަދާކުރަންޖެހޭ ހުރިހާ ކަމެއް ކޮށް ނިންމާފައެވެ. ޙައްޖާއި ޢުމުރާގެ މަތިވެރި އަޅުކަމެވެ. ހަތަރު ދަރިންނަށް ތައުލީމާއި ތަރުބިއްޔަތު ކުރުމުގެ ބުރަ މަސައްކަތެވެ. އެހުރިހާ ކަމަކުން މިންޖުވެ ނިމިފައިވާއިރުވެސް އަރާމުކުރަން ބޭނުންނުވަނީ ކީއްވެގެން ބާއެވެ؟

އޭނާގެ މޫނުމަތިން ވަރުބަލި ވުމުގެ ނިޝާނެއް ނުފެނެއެވެ. ދުޅަހެޔޮކަމާއެކު ފުރިހަމަ ސިއްހަތެއްގައި މި އުމުރުގައިވެސް ރީތިކޮށް އެހުންނަނީ އޭނާގެ މުރާލިކަމުން ކަމަށް ވެދާނެއެވެ. އެހެންކަމަށްވާނަމަ ދެން މަސައްކަތްތަކާ ދުރުވެ އޮށޯވެލައިފިނަމަ ބަލިތައް އައިސް އޭނާގެ ކުޑަކުޑަ ހަށިގަނޑަށް ހަމަލާ ދިނުމަކީ އެންމެ ގާތް ކަމަށްވާތީ އެގޮތް ރަމީޒާ ބޭނުން ނުވަނީއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top