މެސުޓް އޮޒިލް

mesut-ozil-0a.jpg

ތުރުކީއަށް އުފަން އޮޒިލްއަކީ ރިވެތި އަޚްލާގެއްގެ ކުޅުންތެރިއެކެވެ. އޭނާގެ ހިތްގައިމު ކުޅުމުގެ އިތުރުން ގިނަބަޔަކު އޭނާ ފާހަގަކުރަނީ ދަނޑުމަތީގައި އަޚްލާގު ރަނގަޅު ކިޔަމަންތެރި ކުޅުންތެރިއެއްގެ ގޮތުގައެވެ. އިސްލާމްދީން ޤަބޫލުކުރާ އޮޒިލް އަކީ ދަނޑުމަތީގައި އެކަން ދައްކަމުން އަންނަ ހުނަރުވެރި ކުޅުންތެރިއެއްވެސް މެއެވެ. މެޗް ފެށުމުގެ ކުރިން ޤުރުޢާން ކިޔެވުމަކީ އޭނާގެ އާދައެކެވެ. އަދި އެވަގުތަކީ އޭނާގެ ޓީމުގެ ކުޅުންތެރިންވެސް ދޫކޮށްލާފައި އެކަހެރިވާ ވަގުތެވެ. މީގެ އިތުރުން ރޯދަ ހިފުމަކީވެސް އޭނާ އެހާމެ ލޯބިކުރާ ކަމެކެވެ. ނަމަވެސް އޮޒިލް ބުނާގޮތުން ފުޓްބޯޅަ ކެރިއަރގެ ސަބަބުން ރޯދަ ހިފުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ.

މިހާރު އުމުރުން 25 އަހަރުގެ އޮޒިލް ދުނިޔެއަށް މަޝްހޫރުވެގެން ދިޔައީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ޖަރުމަނު ޓީމްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. ފުޓްބޯޅައަށް ލޯބިކުރާ ގިނަބަޔަކު އޮޒިލްގެ ނަން ދުލުކުރިން ކިޔަމުންދިޔައިރު ޒުވާން އަންހެން ކުދިންވެސް އޭނާއަށް ސަނާ ކިޔަން ފެށިއެވެ. މިހާރު ޖާރމަނީ ޓީމްގެ އެންމެ މުހިއްމު އާރުކާޓީ އަކީވެސް އޮޒިލްއެވެ. ތުރުކީއަށް އުފަން ނަމަވެސް ޖާރމަނީއަށް ކުޅުމުގައި އޭނާ ދެވަނަ ވިސްނުމެއް ނުގެނެއެވެ. އޮޒިލްގެ ބައްޕަވެސް އުޅެބޮޑުވި ޤައުމަށް އޭނާ ކުޅެން އެއްބަސްވި ނަމަވެސް މިކުޅުންތެރިޔާގެ ހިތުގައި “ތުރުކީ” އަކީ އަބަދުވެސް ޚާއްޞަ ކަމެއް ދެވިފައިވާ ގައުމެކެވެ.

2007 ވަނަ އަހަރުން ފެށިގެން ޖާރމަނީގެ އެކި އުމުރުފުރާތައް ތަމްސީލު ކުރަމުންގޮސް ޖާރމަނީގެ ގައުމީ ޓީމުން އޮޒިލްއަށް ފުރުޞަތު ލިބުނީ 2009 ވަނަ އަހަރުއެވެ. ގައުމީ ޓީމާއިއެކު އޮޒިލް އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2009 ފެބްރުއަރީ 11 ވީދުވަހު ނޯވޭއާއި ދެކޮޅަށް ކުޅުން މެޗުންނެވެ. މިހާތަނަށް ޤައުމީޓީމަށް ކުޅުނު 53 މެޗްގައި އޭނާވަނީ 17 ގޯލް އެޤައުމަށް ކާމިޔާބުކޮށްދީފައެވެ.

ޖާރމަނީގެ ޝަލްކޭއިން ފުޓްބޯޅަކުޅެންފެށި އޮޒިލްގެ ހުނަރުފެނި އެގައުމުގެ ވޭޑަރ ބްރެމަންއިން އޭނާ ގެންދިޔައީ 2008 ވަނަ އަހަރުއެވެ.އަދި ވޯލްޑްކަޕްގައި ދެއްކި މޮޅުކުޅުމާއިއެކު ރިއަލް މެޑްރިޑުން އޭނާ ގެންދިޔައީ 2010 ވަނަ އަހަރުއެވެ. ދަނޑުމަތީގައި އެހެން ކުޅުންތެރިންނަށް ގޯލް ޖެހުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގައި ކުޅަދާނަ އޮޒިލް ވަނީ ރިއަލް މެޑްރިޑްގައި ހޭދަކުރި ތިން ސީޒަންގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެ މުއްދަތުގައި އޮޒިލްއަކީ މުޅި ޔޫރަޕުންވެސް އެންމެ ގިނައިން އެހެން ކުޅުންތެރިންނަށް ގޯލް ޖެހުމުގެ ފުރުޞަތު ތަނަވަސްކޮށްދިން ކުޅުންތެރިޔާއެވެ.

ރިއަލް މެޑްރިޑް ދޫކޮށް 42.5 މިލިއަން ޔުރޯއަށް އޮޒިލް އާސެނަލްއަށް ބަދަލުވީ 2013 ސެޕްޓެމްބަރގައެވެ. މިއީ ޖާރމަނީގެ ކުޅުންތެރިއަކު ކްލަބް ދަބަލުކުރި އެންމެ ބޮޑު އަގުވެސްމެއެވެ. ރިއަލް މެޑްރިޑުން އޮޒިލް ދޫކޮށްލުމުން އެ ކްލަބްގެ ކުޅުންތެރިންވެސް ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. މިގޮތުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނީ ގޯލް ކުރިމަތީގައި އޭނާގެ ހަރަކާތްތައް އެންމެ މޮޅަށް އެނގެނީ އޮޒިލްއަށްކަމަށާއި، އޮޒިލް ދިއުމުން ވަރަށް ހިތްހަމަނުޖެހޭކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top